މިމަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފަރަށް އުރިފައިވާ، ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް އަދިވެސް އެ ތަނުގައި އޮންނާތީ ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.

މި މައްސަލައިގައި ކަންބޮޑުވާ ފަރާތްތަކުން އަންނަނީ ފަރަށް ގެއްލުންތަކެއް ވިޔަ ނުދިނުމަށްޓަކައި އެ ޕްލެޓްފޯމް އެތަނުން ދުރަށް ޖެއްސުމަށް ގޮވާލަމުންނެވެ.

އެ ޕްލެޓްފޯމް ނުނެގި ލަސްވާތީ މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށްވާތީ އެތަނަށް ޕްލެޓްފޯމް އެރި ހާދިސާއާ ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ.

"ގުޅީފަޅު ހިއްކުމާއި ބްރިޖު މަޝްރޫއުގެ ސަބަބުން ނޭދެވޭ އަސަރު މިހާރު ވެސް ފޯރަމުންދާ ފަރަކަށްވީ ހިނދު ބްރިޖް ޕްލެޓްފޯމް ފަރަށް އަރާ ރާޅާ އެކު ފަރު މައްޗަށް ޖެހިޖެހި އެކަން ހައްލުނުކުރެވުމަކީ ވަރަށް ހިތާމަކުރި ކަމެއް،" އެ ބަޔާނުގައި ބުންޏެވެ.

ކައުންސިލުން ވަނީ ބްރިޖް މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އާއި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އުރިފައި ވާތީ އެފަރަށް އެއްވެސް ވަރަކަށް ގެއްލުންވިތޯ ބެލުމުގެ މަސައްކަތް އެމްވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން އީޕީއޭއިން އެންމެފުރަތަމަ ދެެނެގެންނާނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެވެ. އަދި އެއަށްފަހު ފަރަށް ލިބުނު ގެއްލުންތައް ބަލާނެއެވެ. މި މަސައްކަތް އީޕީއޭއިން ކުރަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެންނެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ. އެހެންނަމަވެސް އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހާދިސާ ހިނގުމާއެކު، ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުން ފަނީ އެ ސަރަހައްދަށް ގޮސް މައުލޫމާތު ސާފުކޮށްފައެވެ. އަދި އެހީތެރިކަން ބޭނުންވާ މީހުންނަށް ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގްރޭޓަރ މާލޭ ރީޖަން ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލެއިން ފެށިގެން ވިލިމާލެއާ އެކު ތިލަފުށްޓާ ގުޅައިލުމަށް އަޅާ ބްރިޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، ބާއްވާފައި ވަނީ އިންޑިއާގައެވެ. ބްރިޖްގެ ބިންގާ އަޅާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ރަސްމީ ދައުވަތުފުޅަކަށް ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މި މަސައްކަތަށް މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

މިކަމާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، އެ ސަރަހައްދު ބަންދު ކުރަން ނިންމީ ތިލަ-މާލެ ބްރިޖުގެ މަސައްކަތުގެ ދަށުން މާލެއާއި ވިލިމާލެއާ ދެެމެދުގައި އޮންނަ ކަނޑުއޮޅީގައި ބްރިޖު އެޅުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާތީ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކޮށްގެންނެވެ.

7.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބްރިޖުގެ މަސައްކަތް ނިމުމުން، ހުޅުމާލެއިން ފެށިގެން ތިލަފުށްޓާއި ހަމައަށް އެއްގަމުން ދަތުރުކުރެވޭނެއެވެ. މިއީ މި ސަރަހައްދުގައި ދިރިއުޅޭ އަދި ތިލަފުށީގައި އެކި ވަޒީފާތަކުގައި އުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހަކަމަކަށް ވާނެއެވެ.

މި ލިންކްގައި ހިމެނޭނީ ބްރިޖާއި ކޯޒްވޭގެ މަސައްކަތްތަކެވެ. 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މާލެއާ ގުޅޭނީ، މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުންނެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.