• މަގުތަކުގެ ދެ ފަރާތުގައި ހެދިފައިވާ ރުއްތަކަކީ ހުޅުދުއްފާރުގެ ފަހުރެއް
  • ރުއްތައް އަލުން އިންދުމުގެ ޕްލޭން އޮތީ މަޝްރޫޢުގެ ފަހަށް
  • ހުޅުދުއްފާރު މަގުތައް ހަދަން ހަވާލުކޮށްފައި ވަނީ އާރްޑީސީ އަށް
  • ޖުމުލަ 300 އަށްވުރެ ރުއް ލުހެލާނެ ކަމަށް މައުލޫމާތު ލިބޭ

1995 ވަނަ އަހަރުން ފެށިގެން މީހުން ވަޒަންވެރިވެފައިވާ ރ. ހުޅުދުއްފާރަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެކެވެ. ރ. އުނގުލާއި ރ. އުނޑޫދޫގެ މީހުން އާބާދުވެ ދިރިއުޅެމުންދާ މި ރަށުގައި މީހުން ދިރިއުޅުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކޮށްފައިވަނީ މިރަށު މީހުންގެ އަމިއްލަ މަސައްކަތުންނެވެ.

މިގޮތުން ކުރެވުނު މަސައްކަތުން އެމީހުން ވަނީ ފަހުރުވެރިވާފަދަ ހާއްސަ ކަމެއް އެރަށަށް ގެނެސްފައެވެ. ރަށުގެ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ހައްދާފައި ހުންނަ ރުށްތަކަކީ، ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ އެންމެ ހާއްސަ ކަމެވެ. އެއީ ހުޅުދުއްފާރަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނެއްގެ ނަޒަރު ވެސް އެންމެ ބޮޑަށް ހުއްޓޭ މަންޒަރެވެ. އެއީ ހުޅުދުއްފާރުކަން ދައްކައިދޭ ރަމްޒެވެ.

އެކަމަކު ޒަމާނީ ފެންވަަރަށް މަގު ތަރައްގީކުރުމަށް ކަމަށް ބުނެ، ފޮޓޯ ނަގަން "މަރެއް" ކަމަށް ރަށަށް އަރާ މެހެމާނުން އިއްތިފާގުވާ، އެ ރަށުގެ ބޮޑު މަގުގައި ހުރި ރުއްތައް ނެގުމާއެކު، އެ ހިތްގައިމު މަންޒަރު ގެއްލިއްޖެއެވެ. ރީތިކަމާއި ހާއްސަކަން ނެތިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހުޅުދުއްފާރުގެ މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން ހުޅުދުއްފާރުގެ ބޮޑެތި މަގުގެ 5 މަގެއް ތާރު އަޅައި ތައްރައްގީކުރާނެއެވެ.

މި ފަސް މަގުގެ ތެރޭގައި ދެ ފަރާތުގައި ރުއް އިންދާފައި ހުރީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު އަދި މަޖީދީމަގު ވެސް ހިމެނޭ އިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޖުމުލަ 300 އަށްވުރެ ގިނަ ރުއް ލުހެލާނެއެވެ.

ހުޅުދުއްފާރުގެ ބޮޑު މަގު

ރުއްތައް ނަގަނީ ރައްޔިތުން އެއްބަސްވެގެން، ނަމަވެސް އެންމެ އެދެވޭ ގޮަތަކަށް ނޫން!

ހުޅުދުއްފާރު މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ރަށުގެ ރުއްތަށް ނެގުމަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލްގެ ފާއިތުވި ދައުރުގެ މެމްބަރުން ވަނީ 2019 ވަނަ އަހަރު ރައްޔިތުންނާ މަޝްވަރާކޮށްފައެވެ. މިގޮތުން މަޝްވަރާކުރުމަށް ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވި 50 އެއްހާ މީހުން އެއްބަސްވީ އެ ރުއްތައް ނަގާށެވެ.

މަގުތަކުން ނަގާ ރުއްތަކާ މެދު އަމަލު ކުރާނީ ކިހިނެތް؟

"ވީނިއުސް"އާ ވާހަކަދައްކަވަމުން ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝިފާޒް ވިދާޅުވީ، މަގުތައް ތަރައްގީކުރުމަށްޓަކައި މަގުތަކުން ނަގާ ރުއްތައް އެހެން ތަންތަަނުގައި އިންދާނެ ކަމަށެވެ. މިގޮތުން ބައެއް ރުއްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގެ އިތުރުން ރަށުގެ ވަށަ މަގު ފަދަ ތަންތަނަށްވެސް ރުއްތަކެއް ބަދަލުކުރެވިގެންދާނެ ކަމަށެވެ. މިގޮތުން ނެގުނު ބައެއް ރުއްތައް ވަށަމަގުގައި މިހާރުވެސް އިންދައިފި މެއެވެ.

ޝިފާޒް ވިދާޅުވީ، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރާއިރު، ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ މެދުގައި ގްރީން ޒޯނެއް އޮންނަ ގޮތަށެވެ. އެ ޒޯންގައި ރުއްގަސް އިންދާނެއެވެ. ދެން ތަރައްގީކުރާ މަގުތަކުގައި ދެ ފަރާތުގައި ގްރީން ޒޯން އޮންނާނެއެވެ.

ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޭޕްރީލް މަހުއެވެ.. މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، މަގު ހެދުމަށް އެރަށުގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢުއެވެ.

ހުޅުދުއްފާރުގެ ބޮޑު މަގު

ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި 5 މަގެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުދުއްފާރުގައި ފެންހިންދާ ނިޒާމު ޤާއިމުކުރާނެއެވެ. އަދި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ކާސްޓިން މަސައްކަތްތައް ރަށުގެ އާރްޑީސީ ސައިޓްގައި ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދުއްފާރު މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއަށެވެ.