ފައިނަލުގައި ކްލަބް ވެލެންސިއާގެ މައްޗަށް ހޯދި މޮޅާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިވެހި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ 2017 ވަނަ އަހަރަށްފަހު އެފްއޭ ކަޕް ރާއްޖޭގައި ކުޅުނު ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އާއި އެހެނިހެން ބައެއް ސަބަބު ސަކާއިހެދި ފާއިތުވީ 4 އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

މެދުކެނޑުމަކަށްފަހު އެފްއޭ ކަޕް މިއަހަރު ބާއްވާފައިވާއިރު މި މުބާރާތުގައި ވާދަކޮށްފައިވަނީ ޖުމްލަ 9 ޓީމެކެވެ. އެއީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން ޗެމްޕިއަން މާޒިޔާ، ރަނަރަޕް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު އަދި ޑަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކްލަބް އީގަލްސް އެވެ.

މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކުރީ ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހުއެވެ. ވެލެންސިއާ ފައިނަލުގައި ކުޅުނީ ސެމީގައި ސަސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ފައިނަލް މެޗުގައި މާޒިޔާގެ ފަރާތުން އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު ވެލެންސިއާގެ ފަރާތުން ފެނިގެންދިޔައީ ފަހަތަށް ޖެހިގެން، ލިބޭ ފުރުސަތުތަކުގައި ކައުންޓަރ އެޓޭކުން ކުޅޭތަނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު މާޒިޔާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މޮޅަށް ކުޅެމުންދިޔަ މާޒިޔާއިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 14 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ނާއިޒު ހަސަން (ދާދު) ކާމިޔާބުކުރި ލަނޑެކެވެ. މާޒިޔާއިން މެޗުގައި ޖެހި ދެވަނަ ލަނޑަކީވެސް ފުރަތަމަ ހާފުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެކެވެ.

އެގޮތުން ލީޑު ފުޅާކުރުމަށް މާޒިޔާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކޮށްފައިވަނީ 32 ވަނަ މިނެޓުގައެވެ. ވެލެންސިއާގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން މިލަނޑު މާޒިޔާއަށް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުން މޮޅުވެ މާޒިޔާއިން އެފްއޭ ކަޕުގެ ޓްރޮފީ އުފުލާލިއިރު މީގެކުރިން ދެފަހަރެއްގެ މަތިން މާޒިޔާ ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރެވެ.

އެންމެފަހުން މި މުބާރާތް 2017 ވަނަ އަހަރު ބޭއްވިއިރު މުބާރާތް ކާމިޔާބު ކުރީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ނިއު އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނިއުއިން ވަނީ ޖުމްލަ 12 ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެއިން ނިއު އިންވަނީ ދެފަހަރެއްގެ މަތިން މި މުބާރާތުގެ ޓްރޮފީ މިލްކުވެސް ކޮށްފައެވެ. އެއީ 1996 އިން 1998 އާއި ހަމައަށް ކުޅުނު ތިން މުބާރާތް ކާމިޔާބު ކޮށްގެން އަދި 2005 އިން 2007 އަށް ކުޅުނު ތިން މުބާރާތް ކާމިޔާބު ކޮށްގެންނެވެ.