މަޑަގަސްކަރައިގައި އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް 21 މެޑަލް ހޯދޭނެކަމަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ކުޅިވަރު ޚިދުމަތްތެރިޔާ އަޙްމަދު މަރްޒޫގު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަރޭ ވިދާޅުވީ، ފާއިތުވީ ދުވަސްތަކުގައި ގިނަ ފަރާތްތަތަކުން، އަންނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ހާސިލްކުރާނީ ކިތައް މެޑަލްތޯ އަހަމުން ގެންދާ ކަމަށެވެ، ޖަވާބުގައި ވިދާޅުވާން އޮތީ ރާއްޖެއިން އަންނައަހަރުގެ މުބާރާތުގައި 21 މެޑަލް ގެންނާނެކަށްކަން މަރުޒޫގު ވިދާޅުވިއެވެ.

ހަމައެކަނި މިއަހަރު ކުރިއަށްދިޔަ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އެތްލީޓުން ދައްކާފައިވާ މޮޅު ކުޅުމާއި، ހޯދާފައިވާ ނަތީޖާއަށް ބަލާލިނަމަވެސް، ދިވެހި އެތްލީޓުންގެ ކިބައިގައި 21 މެޑަލް ހޯދޭނެ ފެންވަރު އެބަހުރިކަމަށް މަރޭ ވިދާޅުވިއެވެ.

އެހެންނަމަވެސް މި 21 މެޑަލް ހޯދުމަށް ނުވަތަ މެޑަލް ޔަގީން ކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން މަރޭ ފާހަގަކުރެއްވިއެވެ. އެގޮތުން އެތުލީޓުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު އަވަހަށް ހޯދައިދޭން ޖެހޭ ކަމަށާއި މެޑަލް ހޯދުމަށް ކުރިއަށް އޮތް 10 މަހަށް ރަނގަޅު ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށްވެސް މަރޭ ވިދާޅުވިއެވެ.

އަދި މި 21 މެޑަލް ހޯދުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކުން، އެގޮތުން އެމްއޯސީ، އެސޯސިއޭޝަންތައް އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާނެ ކަމާއިމެދު ޝައްކު ނުކުރާކަމަށް މަރޭ ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވެ މަރުޒޫގު ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތަކީ އެތުލީޓުން ތަމްރީންކުރުމުގެ ޕްރޮގްރާމެވެ.

ރާއްޖެ އަށް 2015 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ.

ރާއްޖެއިން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފާހަގަކޮށްލެވޭ ވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން ރާއްޖެއިން ވަނީ ގޭމްސްގައި ޖުމްލަ 15 މެޑަލްއެއް ހޯދާފައެވެ. އެއީ 4 ރަން މެޑަލް އާއި، 4 ރިހި މެޑަލްގެ އިތުރުން 7 ލޯ މެޑަލް އެވެ.