މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިކަަން "ވީނިއުސް" އަށް ވަނީ ކަށަވަރުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޞާލިޙް އަށް ހަމަލާދީފައިވަނީ ކަޓަރަކުންނެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ހުޅުމާލޭގައި ހުންނަވަނިކޮށްކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

"ވީނިއުސް" އާއި ވާހަކަދައްކަވަމުން އަލީ ޞާލިޙް ވިދާޅުވީ، ހަމަލާ ދީފައިވަނީ ދަރިފުޅު ލާފައި ނުކުމެގެން ސައިކަލުގައި ދަނިކޮށް، ހުޅުމާލޭ ސޮނީގެ ފިހާރަކައިރިން ކަމަށެވެ.

އަލީ ވިދާޅުވީ، ހަމަލާ ދީފައިވަނީ ސަރުކާރުގެ މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމަށެވެ. އަދި ތިއީ ސަރުކާރު މީހެއްކަމުން މަރާލަން ޖެހޭނެކަމަށް ހަމަލާދިން މީހާ ބުނެފައިވާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑާ ދިމާލަށް ބުނީ ކަލޭތީ ސަރުކާރު މީހެއް ނޫންހެއްޔޭ. އެހެންވީމަ ކަލޭ ޖެހޭނީ ދުއްވާލަންށޭ. މިހާރުން މިހާރަށް މަރައޭ ލާނީ ބުނީ".
ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް

އަދި އެއަށްފަހު އެމީހާ ކީރިތި ޤުރުޢާނުގެ އާޔަތެއްކީ ކަމަށާއި، އެ އާޔަތުގެ މާނަ ނޭނގޭނަމަ މަރާލާނެކަމަށް ބުނެ، އެޔަށްފަހު ކަޓަރަކުން ހަމަލާދޭން ފެށީކަމަށް އަލީ ވިދާޅުވިއެވެ.

ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލުވެސް އަލީ ހިއްސާކުރެއްވިއެވެ. އެގޮތުން އަތަށާއި ބުރަކަށްޓާއި ދިމާލުން ކަރުމައްޗަށް ކަހަލަ ގޮތަކަށް ކަޓަރަކުން ހަމަލާދީފައިވާކަމަށް އަލީ ވިދާޅުވިއެވެ.

ލިބުނު އަނިޔާތަކަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ. އަދި ފުލުހުންވެސް މިހާރު މިކަން ބަލަމުންދާ ކަމަށާއި، އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އަލީ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލީ އަށް ހަމަލާދީފައިވަނީ، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި ހައްޔަރުކޮށް، ފަހުން ދޫކޮށްލި މީހާއެވެ. އޭނާ ދޫކޮށްލުމަށްފަހު ފުލުހުން ބުނީ އޭނައަކީ ނަފްސާނީ ބަލިކަމެއް ހުންނަ މީހެއްކަމަށެވެ.

މިކަމާ ގުޅިގެން "ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް އަށް ހަމަލާދިން ކަމުގެ މައުލޫމާތު މިއަދު 13:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.