މިއަދުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް އަށް އަނިޔާ ދިނުމުގެ ކުރިންވެސް، ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ މީހާގެ ފަރާތުން އެތައް ބަޔަކަށް އެކިވަރުގެ ގެއްލުމާއި އަނިޔާ ލިބިފައިވާކަން ހާމަވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި މި މީހާ އަލީ ޞާލިޙް އަށް ހަމަލާދީފައިވަނީ އަލީ އަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތަކަށް ވުމުންކަމަށް ބުނެފައިވެއެވެ. އެގޮތުން ހަމަލާ ދިނުމުގެ ކުރިން އެމީހާ އަލީ އާއި ދިމާލަށް، ތިއީ ސަރުކާރު މީހެއްކަމުން ދުއްވާލަން ޖެހޭ ކަމަށާއި. މަރާލަން ޖެހޭނެކަމަށް ހަމަލާދިން މީހާ ބުނެފައިވާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

އަދި އެއަށްފަހު އެމީހާ ކީރިތި ޤުރުޢާނުގެ އާޔަތެއްކީ ކަމަށާއި، އެ އާޔަތުގެ މާނަ ނޭނގޭނަމަ މަރާލާނެކަމަށް ބުނެ، އެޔަށްފަހު ކަޓަރަކުން ހަމަލާދޭން ފެށީކަމަށް އަލީ ވިދާޅުވިއެވެ.

ހަމަލާގެ ސަބަބުން އަލީ ޞާލިޙް އަށް ލިބުނު ޒަހަމްތައް

"ވީނިއުސް" އާއި ވާހަކަދައްކަމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތަކުން ބުނީ، މި މީހާގެ "ދުއްތުރާ" ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފްލެޓަށް ވަންނަ ދޮރުކައިރީ މަޑުކޮށްގެންހުރެ، ޤުރުޢާނުގެ އާޔަތެއް ކިޔުމަށްފަހު އޭގެ މާނަ ކިޔާދިނުމަށް ބުނިކަމަށާއި، އެއަށްފަހުގައި "ކަލޭމެން އެކަކުވެސް ސުވަރުގެ ނުވައްދާނަން" ކަމަށް އެމީހާ ގޮވަމުންދިޔަކަމަށް "ވީނިއުސް" އާއި ވާހަކަދެއްކި ފަރާތުން މައުލޫމާތުދެއެވެ.

މީގެއިތުރުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަންކަން ކުރި ރާއްޖޭގެ ގޯލްޑް ކެޕްޓަން ވެސް ވަނީ މި މީހާއާއި ގުޅުންހުރި މައުލޫމާތު ހިއްސާކޮށްފައެވެ.

https://www.facebook.com/maafaru13/posts/pfbid02owcGGwwEWUXRTyhzMaRc8oUcpYcNDBDRf7TrpcJevq4DivkSyg1CHY8RX25YnD6tl

އެގޮތުން އައްސަދު އަބްދުލްޣަނީ ބުނީ، މި މީހާ ވަނީ ރޭގެ ފަތިސް ނަމާދަށް ދަނިކޮށް، ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސާ އެ މުސްކުޅި މީހާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ހައްޔަރުނުކޮށް ދޫކޮށްލާފައި ބެހެއްޓޭ ވަރުގެ މީހެއް ނޫންކަމަށް ބުނެ، އައްސަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ހޮނިހިރު ދުވަހުގެރޭ މި މީހާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދިރިއުޅުއްވާ ގޭގެ ކުރިމަތީގައިވެސް، ހަޑިހުތުރުބަހުން ހަޅޭއްލަވާ، އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާއި ކުރިމަތިލާފައެވެ. އަދި އެއަށްފަހުގައި އެމީހާ ފިލަން މަސައްކަތްކުރި މަންޒަރުވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ. މިކަން ހިނގާފައިވަނީ، ހޮނިހިރު ދުވަހުގެރޭ މެމްބަރު އާޒިމް ދިރިއުޅުއްވާ ގެޔަށް، ފަރިއްކުޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަޑައިގެން ހުންނެވި ވަގުތެއްގައިކަން ފާހަގަކޮށްލެވެއެވެ.

މިމީހާގެ މައްސަލަ އެންމެފުރަތަމަ ފެންމަތިވީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ ކިންގ ސަލްމާން މިސްކިތުގެ މިމްބަރަށް އަރާ، ޚުތުބާ ކިޔަން އުޅުމުންނެވެ.

އެ މައްސަލައިގައި އެމީހާ ހައްޔަރުކުރިނަމަވެސް، އެއީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއްކަމަށްބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާ، އާއިލާ އާއި ހަވާލުކޮށްފައެވެ.

އެހެންނަމަވެސް މިފަދަ އެތައް ކަމެއް މި މީހާގެ ފަރާތުން ތަކުރާރުވަމުން އަންނައިރު، އެމީހާ މުޖުތަމައުއަށް ދޫކޮށްލާފައި ބަހައްޓާތީވެ އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.