ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ މާލޭ ސަރަހައްދުގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އާބާދީއަށް ބޭނުންވާ ވަރަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށް ނުދެވުމެވެ. މާލެ ތެރޭގައި އާއި، މާލެ އާއި ހުޅުމާލެ އާއި ދޭތެރޭގެ އިތުރުން ހުޅުމާލޭގެ އެތެރޭގައި ދަތުރުތައް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ. މިއީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. ފުރަ މާލެއަށް މި ޚިދުމަތް ތައާރަފުވީންސުރެ މިއީ ހުއްޓާނުލައި ދައްކާ ވާހަކައެވެ.
ޓެކްސީގެ ޚިދުމަތަކީ ގިނަ ބަޔަކު ބަރޯސާވާ ޚިދުމަތަކަށް ވާއިރު، އަމުދުން މިހާރަކަށް އައިސް މާލެ އިން ޓެކްސީއެއް ހޯދުމަކީ މާވަހަރެއް ހޯދުންހާ އުނދަގޫ ކަމެކެވެ. މަގުމަތީ ހުރެ ދެފައި ވާޅުވާ އިރުވެސް ހަމަ ހިލާ އަތު ނުވެއެވެ. ފަސޭހައަކަށް ކަމަށް ބުނެ އުފެއްދި ޓެކްސީ އެޕްލިކެޝަންތަކުން ވެސް ކާރެއް އަތުވާ ގޮތް ވަނީ ހާލަކުން ފަހަރުއެވެ. ގިނައީ ނުލިބޭ ފަހަރެވެ. ވިއްސާރަ ދުވަހެއް ނަމަ ރަނގަޅުވާނީ އެކަމާ އެއް ގޮތަކަށްވެސް ނޫޅުނިއްޔާއެވެ. ސެންޓަރުތަކުގެ ފޯނު ނަމްބަރުތައް އޮންނާނީ އެންގޭޖްވެފައެވެ. އަވަސް ރަޢިޑެއް، ފަހި ކެބެއް، ނަލަ ޓެކްސީއެއް ކިޔާނެ ކަމެއް ނެތެވެ. މޯބައިލް އެޕަކުން ވެސް ދަތުރެއް ނެގޭ ވަރަށް ވުރެ ކާރުތަކަށް ޑިމާންޑް ބޮޑުވާނެއެވެ. މިއީ އާންމު ރައްޔިތުންނަށް ތަކުލީފެކެވެ.
ނުވިތާކަށް ކާރެއް އަތުޖެހޭ ވަގުތު، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ޑްރައިވަރުން ދެކޮޅު ހެދުމާއި، ކަނޑައަޅާފައި އޮންނަ އަގަށްވުރެ ބޮޑު އަގެއް ކިޔާ މައްސަލައަކީ ފަހަކަށް އައިސް އާންމުންގެ ފަރާތުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކެވެ.
އެކަމަކު މި ތަކުލީފަު ނިމުމަކަށް އަންނަ ކަމުގެ ކޮޅުމަތި މިހާރު އެބަ ފެނެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން މިހާރު އަންނަނީ ވަމުންނެވެ. ސަރުކާރުން މާލެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު ޓެކްސީ ނުލިބިގެން ތަކުލީފު އުފުލަންޖެހޭ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
އެމް.ޓީ.ސީ.ސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އެކަށީގެންވާ ފަސޭހަ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. މި ޚިދުމަތް ފެށުމަށް ކުރިން ނިންމީ ނިމުނު ޖުލައި މަހުުގެ ތެރޭގައެވެ. ނަމަވެސް ޚިދުމަތް ނުފެށި ލަސްވީ، ބަސް ދުއްވާ މަގުތައް ހުސްކޮށް، ޕާކިންގަށް ގެންނަންޖެހޭ ބަދަލުތަކުގެ ސަބަބުންނެވެ.
މި ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ފަރުމާކޮށްފައިވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް ބަލައިގެންނެވެ. ސްކޫލް ކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހަކަމާއެކު ބަހަށް އަރާ ފޭބޭނެއެވެ. ޚިދުމަތް ފެށުމާއެކު ވަކި ތާވަލުތަކަކާ އެއް ގޮތަށް މާލޭ ތެރޭގައި ބަސް ދަތުރުތައް އޮންނާނެއެވެ. އަދި މިއާއެކު ބޭނުންވާ ތަނަކާ އެންމެ ކައިރި ބަސް ހުއްޓިއަކަށް ބަހުގައި ދަތުރުކުރެވޭނެއެވެ. ވިއްސާރަ ވިޔަސް ޝެޑިއުލާ އެއްގޮތަށް ބަސް ދަތުރުތައް އޮންނާނެއެވެ. ބޯކޮށް ވާރޭ ވެހުނަސް ޓެކްސީ ނުލިބިގެން ހާސް ވާކަށް ދެން ނުޖެހޭނެއެވެ.
މިއީ ހަމަ ގައިމު ވެސް ރައްޔިތުންނަށް ލިބޭނެ އިންތިހާއަށް ބޮޑު ލުއި ފަސޭހައަކަށް ނޫނީ ނުވާނެއެވެ.