މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމާއި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް އަށްދިން ހަމަލާ އިންތިހާއަށް ކުށްވެރިކުރައްވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް އަށްދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ރާއްޖޭގަ އިންތިޒާމްވެގެން ހިންގާ ހަރުކަށިފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތްތައް މާބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"ތިއީ ސަރުކާރުގެ މީހެއް" ދޯއޭ، ތިމީހުން ދުއްވާލަން ޖެހޭ ކަމަށާއި މަރާލަން ޖެހޭ ކަމަށްބުނެ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އަލީ ޞާލިޙް އަށް ހަމަލާދީފައިވަނީ ހުޅުމާލޭގައި ހުންނަވަނިކޮށެވެ.

"ވީނިއުސް" އާއި ވާހަކަދައްކަވަމުން އަލީ ޞާލިޙް ވިދާޅުވީ، ހަމަލާ ދީފައިވަނީ ދަރިފުޅު ލާފައި ނުކުމެގެން ސައިކަލުގައި ދަނިކޮށް، ހުޅުމާލޭ ސޮނީގެ ފިހާރަކައިރިން ކަމަށެވެ.

އަލީ އަށްދިން ހަމަލާ ރައީސް ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީންނާއި ސިޔާސީ ބައެއް ފަރާތްތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލީ ޞާލިޙް އަށްދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ މުޖުތަމައުގެ ވަކިވަކި ފަރުދުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ އަމަލުތަކަކަށްވީ ހިނދު، މުޖުތަމައުގެ ހަމަހަމަކަމާއި އިންސާފު ގާއިމްކުރުމަށްޓަކައި އަދި ކޮންމެ ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަކީ މުހިންމު ކަމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި އަލީއަށް ދިން ހަމަލާ ކުށްވެރިކޮށް، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށާއި، މުޖުތަމައުގެ އަމަން އަމާން ކަން ގާއިމްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ޕާޓީން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާން

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަހުމަދު އާމިރު ވެސް ވަނީ އަލީއަށް ދިން ހަމަލާއާއިމެދު ކަންބޮޑުވާކަން ހާމަކުރައްވާ އެކަން ކުށްވެރިކުރައްވާފައެވެ.

އެގޮތުން އާމިރު ވަނީ، އިންސާނީ ކަރާމާތަށް އަރައިގަންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅިގެން ނޫނީ އިންސާނިއްޔަތަށް ރައްކާތެރި ކަމެއް ނެތްކަމަށާއި، މާރާމާރީ ހިންގާ މީހުންނާ ދޭތެރޭ އަމަލުކުރާނެ ހަރުކަށި އުސޫލުތަކެއް ދައުލަތުން އެކުލަވާލަންޖެހޭކަމަށް ވިދާޅުވެފައެވެ.

ލިބުނު އަނިޔާތަކަށް އަލީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވިއިރު، ފަރުވާއަށްފަހު އަލީ މިހާރު ވަނީ ދޫކޮށްލާފައެވެ. އަލީއަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގައި އަތަށާއި ބުރަކަށްޓާއި ދިމާލުން ކަރުމައްޗަށް ކަހަލަ ގޮތަކަށް ކަޓަރަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކެއްވެއެވެ.

އަލީއަށް ހަމަލާދިން މީހާއަކީ، މިހަފްތާ ފެށުނުފަހުން މިފަދަ އެތައްކަމެއް ކޮށްފައިވާ މީހެއްކަން ފާޙަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެރޭ މަޖީދީ މަހުގައި ފުލުހުންނަށް އިންޒާރުދީ ކުރިމަތިލާން މަސައްކަތްކުރުމުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ އަމަލުތައް ހިންގުމުގެ އިތުރުން ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަގުމަތިން އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މިއީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މާލޭގައި ހުންނަ ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރި މީހާއެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވީނިއުސް އަށް މައުލޫމާތު ދެއްވާފައެވެ.