ފާއިތުވީ ސީޒަނުގައި އާއި، މި ސީޒަނުގެ މިހާތަނަށް ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން، މެންޗަސްޓަރ ޔުނައިޓެޑާއި މެދު އުންމީދު ކަނޑާލާފައިވާ އެތައް ބައެއް ހައިރާން ކޮށްލާ، އެޓީމުން ވަރުގަދަ ލިވަޕޫލް ބަލިކޮށްފިއެވެ.

މިއީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑުގެ ފުރަތަމަ މޮޅެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ ބްރައިޓަން ހޯވް އަލްބިއޮން އަތުން 1-2 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ބްރެންޓްފޯޑް އަތުން ޔުނައިޓެޑް ބަލިވީ، 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މިނަތީޖާތަކާއިއެކު ގިނަބަޔަކު ހީކުރީ މިދިޔަ ސީޒަނުގެ ލީގު ރަނަރަޕް އަދި ޗެމްޕިއަންސް ލީގުގެވެސް ރަނަރަޕް ލިވަޕޫލް އަތުން ޔުނައިޓެޑް ފަރަގުބޮޑު ނަތީޖާއަކުން ބަލިވާނެކަމަށެވެ. އެހެންނަމަވެސް މިގޮތަށް ހީކުރި އެންމެހާ ފަރާތްތައް ހައިރާން ކޮށްލާ، ޔުނައިޓެޑުން ލިވަޕޫލުގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

މިމެޗާއި ޔުނައިޓެޑުން ނުކުތީ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި، ތަޖުރިބާކާރު ޑިފެންޑަރު ލޫކް ޝޯގެ އިތުރުން ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މެޗުގައި ބޭނުންކުރި ފުރަތަމަ 11 ގައި ފުރުސަތު ދީފައެއް ނުވެއެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑު ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ފާޙަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ކުރީކޮޅުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅު ހަމަލާތަކެއްވެސް އުފެއްދީ އެޓީމުންނެނެވެ. އެހެންނަމަވެސް ލިވަޕޫލުން ވަނީ މަޑުމަޑުން ގޭމުގެ ކޮންޓްރޯލް ހޯދާ މެޗުގެ ޕޮޒެޝަން އިންސައްތަ ކޮންޓްރޯލް ކޮށްފައެވެ.

ޔުނައިޓެޑުން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 16 ވަނަ މިނެޓުގައެވެ. މިއީ އެރިކްސަން އާއި އެލަންގާ ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި ތިރިތިރިން އެލަންގާ ނަގައިދިން ހިތްގައިމު ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޖޭޑަން ސަންޗޯ ކާމިޔާބުކުރި ލަނޑެކެވެ.

ލަނޑަށްފަހު ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އިތުރު ލަނޑެއް ފެނިގެނެއް ނުދެއެވެ. ޔުނައިޓެޑުން ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 8 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ.

މެޗުގައި ލިވަޕޫލުންޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސްރު ފޯވާޑް މުހައްމަދު ސަލާހް އެވެ.

މިމެޗުން ލިވަޕޫލުގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދިއިރު، ވާދަވެރި މެޗެއްގައި އެންމެފަހުން ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭގެފަހުން ކުޅުނު 7 މެޗުގައިވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

އެންމެފަހުން ކުޅުނު މެޗުގައިވީ ބައްޔާއެކު ތާވަލުގެ ފުލަށް ވެއްޓުނު ޔުނައިޓެޑް ވަނީ މި މޮޅާއެކު ތާވަލުގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މި ސީޒަނުގެ މިހާތަނަށް ލީގުގައި މޮޅެއް ހޯދިފައި ނުވާ ލިވަޕޫލް އޮތީ 3 މެޗުގެ ތެރެއިން ދެމެޗުން އެއްވަރުވެ ފަހުމެޗުގައި ޔުނައިޓެޑް އަތުން ބަލިވެ ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. ޔުނައިޓެޑް 14 ވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ.