ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް އަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ނުރައްކާ އޮތީ ހަމައެކަނި އެމަނިކުފާނަށް ނޫން ކަމަށާއި، އެމީހާގެ ނުރައްކަލާއި ސިޔާސީ ފަރާތްތަކާއި ނޫސްވެރިންވެސް ކުރިމަތިލާން ޖެހިދާނެކަމަށް އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލީ ޞާލިޙް އަށް ހަމަލާދީފައިވަނީ ހުޅުމާލޭގައި ސައިކަލުގައި ދަތުރުކުރަނިކޮށް، ފަހަތުން އައިސް، ހުއްޓުވުމަށްފަހުއެވެ.

މިމީހާ އަލީ ޞާލިޙް އަށް ހަމަލާދީފައިވަނީ އަލީ އަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތަކަށް ވުމުންކަމަށް ބުނެފައިވެއެވެ. އެގޮތުން ހަމަލާ ދިނުމުގެ ކުރިން އެމީހާ އަލީ އާއި ދިމާލަށް، ތިއީ ސަރުކާރު މީހެއްކަމުން ދުއްވާލަން ޖެހޭ ކަމަށާއި، މަރާލަން ޖެހޭނެކަމަށް ހަމަލާދިން މީހާ ބުނެފައިވާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

އަދި އެއަށްފަހު އެމީހާ ކީރިތި ޤުރުޢާނުގެ އާޔަތެއްކީ ކަމަށާއި، އެ އާޔަތުގެ މާނަ ނޭނގޭނަމަ މަރާލާނެކަމަށް ބުނެ، އެޔަށްފަހު ކަޓަރަކުން ހަމަލާދޭން ފެށީކަމަށް އަލީ ވިދާޅުވިއެވެ.

އަލީގެ ކަރަށް އަމާޒުކޮށް ދިން މިހަމަލާގައި ހަތިޔާރު އަމާޒުވެފައި ވަނީ ހަމަލާއަށް ހުރަސް އެޅުމަށް އަލީ ހިއްލާލި އަތަށެވެ. އަތުގެ އިތުރުން ބުރަކަށްޓާއި ދިމާލުން ކަރަށް ދޭން މަސައްކަތްކުރި ހަމަލާގެ ސަބަބުން ގަމީހުގައި ރޭޒަރު ތިލަ އެޅިފައިވެއެވެ. އަލީ ވަނީ ހުޅުމާލެ ހޮސްޕިޓަލުން މި ޒަހަމްތަކަށް ފަރުވާ ހޯއްދަވާފައެވެ،

ހަމަލާ އާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާ އަކާއި ވާހަކަދައްކަވަމުން އަލީ "ވީނިއުސް" އަށް ވިދާޅުވީ، މި ނުރައްކާތެރި ހަމަލާއިން ފުރާނަ ސަލާމަތްވީތީ އެންމެ ފުރަތަމަވެސް ހަމްދުކުރަނީ ޢާލަމްތަކުގެވެރި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކަމަށެވެ.

އަދި ޙަމަލާއިން ހަނިގޮތަކަށް ސަލާމަތްވެވުން ނަމަވެސް، މިހަމަލާއަކީ ކޮންމެ ފެންވަރެއްގެ ސިޔާސީ ބޭފުޅެއް، ނޫސްވެރިކަމުގަ ހަރަކާތްތެރިވާ ފަރާތެއް ނުވަތަ ޖުމުލަކޮށް މިފަދަ މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް، ކޮންމެފަދަ ވަގުތެއްގައިވެސް ކުރިމަތިލާންޖެހިދާނެފަދަ ބިރުވެރި އަނިޔާވެރި އިންޒާރެއް ކަމުގައި ދެކޭކަމަށް އަލީ ވިދާޅުވިއެވެ.

"ދިސް އިސް ނޮޓް އެބައުޓް އަލީ ސޯލިހް، އިޓް ކުޑްބީ އެނީވަން"
އަލީ ޞާލިޙް

އަލީ އިތުރަށް ވިދާޅުވީ، މިއަމާޒުވި ބިރުވެރި ހަމާލާގައި ހިމެނޭ މީހާއަކީ ފަހަކަށް އައިސް މުޖުތަމައުގެ ފަރުދުންނާއި ޚާއްޞަކޮށް ސިޔާސީ ފަރާތްތަކަށް ބިރުދައްކަމުން، ސަރުކާރު އޮފީސްތަކަށް ވަދެ ބިރުދައްކަމުން އަދި ފުލުހުންނަށް ސީދާގޮތެއްގައި ތަފާތު މަރުގެ އިންޒާރާއި ބޮމުގެ އިންޒާރު މިދިޔަ ދުވަސްތަކުގައި ދެމުން ގޮސްފައިވާ މީހެއްކަން ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަން ހުރެމެ، މުޖުތަމައުއަށް އޭނާ ދޫކޮށްލާފަައި ވަނީ ކީއްވެގެން ކަމާމެދު ސުވާލު ނުއުފެދޭތޯ އަލީ ޞާލިޙް ވަނީ އައްސަވާފައެވެ.

"އަޅުގަނޑަށް އެކަންޏެއް ނޫން، މިހާރު ދައުރުވަމުންދާ ވީޑިއޯތަކުންނާއި މަގުމަތިން ފެންނަ މަންޒަރުތަކަށް ބަލާއިރު، އާންމު ފަރުދުންނާއި ސިޔާސީ ފަރާތްތަކަށް ބިރުދައްކަމުންދާ ފަރާތްތެއް މިހެން މުޖުތަމައުއަށް ދޫކޮށްލާފައި ހުރީ ކީއްވެތޯ ސުވާލު ނޫފެދޭތޯ؟".
އަލީ ޞާލިޙް

އަލީއަށް ހަމަލާދިން މީހާއަކީ މީގެކުރިން ސަލްމާން މިސްކިތުގެ މިމްބަރަށް އަރާ، އަޑުގަދަކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ނަމަވެސް، ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ކަމަށްބުނެ، ދޫކޮށްލާ އާއިލާ އާއި ހަވާލުކޮށްފައިވާ މީހެކެވެ.

މިކަމާ ގުޅިގެން އަލީ ވިދާޅުވީ، އެނގެންހުރި އަދި ފެންނަން ހުރި އެކިއެކި މައުލޫމާތަށް ބަލާއިރު މިމީހާ މިއީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއްކަމަށް ބުނެ ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބަރޯސާވެ އިތުރު ޑޮކްޓަރުން ނުވަތަ މެޑިކަލް ބޯޑުން ނަމަވެސް އިތުރަށް ނުބަލައި، މުޖުތަމައަށް ނުރައްކާތެރި މީހަކު އާންމުކޮށް ދޫކޮށްލާފައި ހުރުމަކީ މުޅި މުޖުތަމައަށް އޮތް ބިރެއް އަދި ނުރައްކަލެއްކަމަށެވެ. އަދި ސިކުނޑީގެ އުނިކަމެއް ހުރި މުޖުތަމަަައަށް ނުރައްކާތެރި މީހުން ތިބެން ވާނީ ދައުލަތުގެ ޚާއްޞަ ބެލެހެއްޓުމުގެ ދަށުގަައިކަން އަލީ ފާހަގަކުރެއްވިއެވެ.

ޤައުމާއި ރައްޔިތުންގެ އަމަންއަމާންކަން ގާއިމުކުރުމުގައި މަސައްކަތްކުރާ މުއައްސަސާތަކާއި އަދުލު އިންސާފު ގާއިމުކުރުމުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮންނާނީ އޭރުންކަމަށް އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ ދިރިއުޅުމުގެ ޙައްޤުތައް ކަށަވަރު ވާނީ އޭރުން ކަމަށް އަލީ ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މޫލާފައިވާ މިފަދަ ނުރައްކާތެރި ވިއުގަތަކުގެ މީހުންގެ ކިބައިން މިރާއްޖެ ސަލާމަތްކުރުމަށް، ލޮބުވެތި އަޚުންނާއިއުޚުުތުން ހުރިހާ ރައްޔިތުން ގުޅިގެން އެއްބާރުލާ މަސައްކަތްކުރުމަކީ މުޅި މުޖުތަމަައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

"ވީނިއުސް" އާއި ދެއްކި ވާހަކަފުޅު ނިންމަވާލައްވަމުން އަލީ ވަނީ، މި ހަމަލާގެ ސަބަބުން ޒަހަމްވުމާ ގުޅިގެން، އެމަނިކުފާނުގެ ހާލު ބައްލަވާލެއްވި އެންމެހާ ބޭފުޅުންނަށް ހިތުގެ އަޑިން އިހުލާސްތެރި ޝުކުރެއް ދަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ދުޢާ އަކީ، މިފަދަ ހަމަލާއަކަށް އެހެން މީހަކު ހުށަނޭޅުން ކަމަށާއި، އުންމީދަކީ ރައްޔިތުންނަށް އަމާންކަން ކަށަވަރުވެ ގައުމުގައި ސުލްހަ މަސަލަސްކަން ދެމިއޮތުން ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ޞާލިޙް އަށް ހަމަލާދިނުމުގެ އިތުރުން ސަލްމާން މިސްކިތުގެ މިމްބަރަށް އަރާ އަޑުގަދަކުރި މީހާ

އަލީ އަށް ދިން ހަމަލާ އާއި ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.