ހޯމަ ދުވަހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް އަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ، މީގެ ތިން ދުވަހެއް ކުރިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް އާއިވެސް ދިމާކޮށް، ކުރިމަތިލާފައިވާކަން ހާމަވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް ވަނީ މިކަން "ވީނިއުސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.

"ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، މިކަން ހިނގާފައިވަނީ، އެމްޑީޕީ ކޮންގްރެސް އަށް ވަޑައިގަންނަވަން ގެއިން ނުކުމެގެން ކާރު އަންނަންދެން މަޑުކޮށްގެން ހުންނަވަނިކޮށް ކަމަށެވެ.

އެވަގުތު އެތަނުގައި ހުރެ މިނިސްޓަރ މަހްލޫފް އަށް ރައްދުކޮށް، އަވަގުރާނަށް ގޮވި ކަމަށާއި، ބިރު ދައްކާފައިވާ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފް އަށް އިންޒާރުދީ، ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް އަށް ތޫނު އެއްޗަކުން ހަމަލާދިން މި މީހާ އަކީ، މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ނަފްސާނީ ބަލިކަމެއް ހުރިކަމަށްބުނެ ބަންދުން ދޫކޮށްލާ އާއިލާ އާއި ހަވާލުކޮށްފައިވާ މީހެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި، އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭހެން އަމަލުކުރުމުންނެވެ.

ނަފްސާނީ ބަލިކަމެއް ހުރިކަމަށްބުނެ މި މީހާ ބަންދުން ދޫކޮށްލާފައިވާއިރު، މިމީހާގެ ފަރާތުން ސިޔާސީ ފަރާތްތަކާއި، އާންމުންނަށްވެސް ނުރައްކާ އޮތްކަމުގެ ކަންބޮޑުވުން ގިނަބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. އަދި ކަމާބެހޭ ފަރާތްތަކުން މިމީހާ ހައްޔަރުކުރުމަށް ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ މިފަދަ ފަރާތްތަކަށް ހާއްސަ މަރުކަޒެއްގައި ބަންދުކުރުމަށް ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މި މީހާގެ ފަރާތުން މި ހަފްތާ ތެރޭގައިވެސް ގިނަބަޔަކަށް އެކިވަރުގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ.

"ވީނިއުސް" އާއި ވާހަކަދައްކަމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތަކުން ބުނީ، މި މީހާގެ "ދުއްތުރާ" ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފްލެޓަށް ވަންނަ ދޮރުކައިރީ މަޑުކޮށްގެންހުރެ، ޤުރުޢާނުގެ އާޔަތެއް ކިޔުމަށްފަހު އޭގެ މާނަ ކިޔާދިނުމަށް ބުނިކަމަށާއި، އެއަށްފަހުގައި "ކަލޭމެން އެކަކުވެސް ސުވަރުގެ ނުވައްދާނަން" ކަމަށް އެމީހާ ގޮވަމުންދިޔަކަމަށް "ވީނިއުސް" އާއި ވާހަކަދެއްކި ފަރާތުން މައުލޫމާތުދެއެވެ.

މީގެއިތުރުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަންކަން ކުރި ރާއްޖޭގެ ގޯލްޑް ކެޕްޓަން ވެސް ވަނީ މި މީހާއާއި ގުޅުންހުރި މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން އައްސަދު އަބްދުލްޣަނީ ބުނީ، މި މީހާ ވަނީ ރޭގެ ފަތިސް ނަމާދަށް ދަނިކޮށް، ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސާ އެ މުސްކުޅި މީހާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ހައްޔަރުނުކޮށް ދޫކޮށްލާފައި ބެހެއްޓޭ ވަރުގެ މީހެއް ނޫންކަމަށް ބުނެ، އައްސަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ހޮނިހިރު ދުވަހުގެރޭ މި މީހާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދިރިއުޅުއްވާ ގޭގެ ކުރިމަތީގައިވެސް، ހަޑިހުތުރުބަހުން ހަޅޭއްލަވާ، އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާއި ކުރިމަތިލާފައެވެ. އަދި އެއަށްފަހުގައި އެމީހާ ފިލަން މަސައްކަތްކުރި މަންޒަރުވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ. މިކަން ހިނގާފައިވަނީ، ހޮނިހިރު ދުވަހުގެރޭ މެމްބަރު އާޒިމް ދިރިއުޅުއްވާ ގެޔަށް، ފަރިއްކުޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަޑައިގެން ހުންނެވި ވަގުތެއްގައިކަން ފާހަގަކޮށްލެވެއެވެ.

މިފަދަ އެތައް ކަންތައްތަކެއް ކޮށްފައިވާއިރުވެސް މިމީހާ ބަންދު ނުކުރާތީ ގިނަބަޔަކު ފާޑުކިޔަމުން އަންނައިރު، އަލީ ޞާލިޙް އަށްދިން ހަމަލާ އާއި ގުޅިގެން މި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި 43 އަހަރުގެ މި މީހާގެ ބަންދަށް 15 ދުވަސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދުގެ ވަގުތެއްގައި ދީފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.