ހުޅުމާލޭ ސްކޫލެއްގެ ފިރިހެން ދަރިވަރަކަށް ޖިންސި ގޯނާކުރި ކަމަށް ބުނެ އެސްކޫލުގެ ޓީޗަރަކަށް އާންމުން އަނިޔާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ ޓީޗަރަށް ބަޔަކު ހަމަލާ ދިނީ އޭނާ ދަރިވަރަކާއި ބެހުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ވެސް އެމައްސަލައިގައި އޭނާ ހައްޔަރުނުކޮށް ދޫކޮށްލާފައި ހުރުމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު މީހުން ވެގެން މީހަކަށް އަނިޔާކުރި ކަމުގެ މައުލޫމާތު މިރޭ 22:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި، އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ.

އެސްކޫލުގެ ބެލެނިވެރިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައި ނުވިނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ޓީޗަރަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެކުއްޖާއަށް ބެހުނުކަމަށް ޓީޗަރު އެއްބަސްވާކަމަށްވެސް ވީޑިއޯގައި ބުނެއެވެ.