ވޯލްޑް ޗެސް އޮލިމްޕިއާޑްގައި ރާއްޖެ ގައުމީ ޓީމު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

44 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް 2022ގައި ރާއްޖޭގެ ފިރިހެން ޗެސް ޓީމުން ވަނީ ރަން މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދީ ރާއްޖެ ހިމެނުނު 'އީ ކެޓަގަރީ'ންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމު ވަނީ 3، 6، 8، 10 އަދި 11 ވަނަ ރައުންޑު ކާމިޔާބުކޮށްފައެވެ.

ރާއްޖެއިން މުބާރާތުގައި ރަންވަނަ ހާސިލްކުރީ، ގަތަރު ފަދަ، ޗެސްގައި ފުންނާބު އުސް ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ. މި ކާމިޔާބީ ހޯދި ޓީމުގައި މާލެ ސިޓީގެ މުއައްޒިފެއްވެސް ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން މިފަދަ ކުޅިވަރު ޓީމުތަކަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.