މިދިޔަ ޖުލައި މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 204 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ޖުލައި މަހު އެމިނިސްޓްރީއަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނި ރިޕޯޓްކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ޖިސްމާނީ ހާނިކައިގެ 15 މައްސަލައާއި، ނަހަމަގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 11 މައްސަލައާއި، ޖިންސީ ހާނިކައިގެ 11 މައްސަލައާއި، ނަފްސާނީ ހާނިކައިގެ 10 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ އަދި ބްލެކްމެއިލްކުރުމުގެ 6 މައްސަލަ،އާއި ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 2 މައްސަލައިގެ އިތުރުން، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހުށަހަޅައިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ.

މީގެ އިތުރުން، ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 30 މައްސަލައެއް ޖުލައި މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 12 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 8 މައްސަލަ، ހަޟާނާތުގެ 8 މައްސަލަ އަދި ދަރިންގެ ޙަރަދު ދިނުމުގައި ޖެހޭ 2 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 24 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައެކެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 1 މައްސަލައެއް ރިޕޯޓް ކޮއްފައިވާއިރު، އެއީ ވެކްސިން ނުދިނުމުގެ ސަބަބުން ހުށަހަޅައިފައިވާ މައްސަލައެކެވެ.

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 11 މައްސަލަ ޖުލައި މަހު ހުށަހަޅައިފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓް ކޮއްފައިވަނީ ގެއިން ނިކުމެގެން ދިއުމުގެ މައްސަލަތަކެވެ.

އަދި މީގެއިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ޖުލައި ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 197އެވެ. ޖުލައި މަހުގައި 4 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.