ވެރިރަށް މާލޭގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީކޯޓެއް ނެތްކަމުގެ ޝަކުވާއަށް ނިމުމެއް ގެނެސް، ޗާލު ރީތި އައުޓްޑޯ 3 ވޮލީ ކޯޓެއް ގާއިމްކޮށް، އެ މަސައްކަތް ނިންމާލައިފިއެވެ.

މިއަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު، އއ. މަތިވެރީގައި ގާއިމްކޮށްފައިވާ ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ،، އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މާލެއިން އައި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން، މާލޭގައި މިފަދަ ކޯޓެއް ނެތްކަމުގައި ޝަކުވާކުރިކަން ފާހަގަކުރައްވާފައެވެ.

އެ ދުވަހު މިނިސްޓަރ މަހްލޫފް ވަނީ މާލޭގައިވެސް އެފަދަ ވޮލީކޯޓެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނަށް ދެއްވި ޔަގީންކަމުގައި ހަގީގީ ކުލަ ޖައްސަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއެކު މިއަދު މިވަނީ އެކަން ހާސިލްކޮށްފައެވެ.

މާލޭގައި ހުންނަ މާފަންނު ވެލިދަނޑުގެ ގޮތުގައި ކުރިން ނިސްބަތްކުރާ ދަނޑުގައި މިވަނީ ތިން ވޮލީކޯޓެއް އަޅާ ނިންމާލާފައެވެ. މި ތިން ކޯޓާއި ޖެހިގެން އިރަށް ބައިނަލްއަގްވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އޮންނައިރު، އަނެއް ފަޅީގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއްވެސް ވަނީ ގާއިމްކޮށްފައެވެ. މި ފެސިލިޓީތަކާއި އިންވެގެން އޮންނަނީ ސިންތެޓިކް ދުވާ ޓްރެކެކެވެ.

މި ހުރިހާ މަޝްރޫޢު ތަކަކީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ކުޅިވަރު ސިޔާސަތުގެ ދަށުން، މިނިސްޓަރ މަހްލޫފްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކެކެވެ. ވީރާނާވާން ދޫކޮށްލާފައި އޮތް މާފަންނު ވެލި ދަނޑު މިއަދު މިވަނީ ކުޑަވަރެއްގެ މިނީ ސްޕޯޓްސް ކޮމްޕްލެކްސް އަކަށް ވެފައެވެ.

މާފަންނު ވެލިދަނޑުގައި ގާއިމްކޮށްފައިވާ 3 ވޮލީކޯޓުގެ މަސައްކަތް ނިންމާލެވުނުކަން ހާމަކޮށް މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަސައްކަތް ނިންމާލެވުމުން އެކަމާ އުފާކުރައްވާ ކަމަށާއި، ބައެއް ކޮންޓްރެކްޓަރުން ވަގުތަށް މަސައްކަތް ނުނިންމުމަކީ އޭގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ދިމާވާ ކަމެއް ކަމަށެވެ. މިނިސްޓަރ މަހްލޫފް ވަނީ މިކަމުގެ ކަންބޮޑުވުން މަޖިލީހުގައިވެސް މީގެކުރިން ފާޅުކުރައްވާފައެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސް ތެރޭގައިވެސް، މިނިސްޓަރ މަހްލޫފް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި މި މަސައްކަތަކީ ކަނޑައެޅި ތާރީޚަށްވުރެ މާލަހުން ނިމުނު މަސައްކަތެއްކަން މިނިސްޓަރ މަހްލޫފް ފާހަގަކުރެއްވިއެވެ.

މާލޭގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީކޯޓުތަކެއް ގާއިމްކޮށްދީފައިވާއިރު، 8 ރަށެއްގައި އައުޓްޑޯ ވޮލީކޯޓު އެޅުމަށް މި ހަފްތާގެ ތެރޭގައިވެސް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެއީ، ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު، ބ. ކިހާދޫ އަދި އއ. ހިމަންދޫ، ބ. ދަރަވަންދޫ، ޅ. ކުރެންދޫ އަދި ހދ ކުރިނބީއެވެ.

ސަރުކާރުން މިހާތަނަށް އަތޮޅުތެރޭގައި މިފަދަ 4 ވޮލީ ކޯޓެއް ގާއިމްކޮށްފައިވެއެވެ. އަދި މިފަދަ 50 ކޯޓުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވެއެވެ. ސަރުކާރުގެ މި މަސައްކަތުގައި އެހީތެރިވުމުގެ ގޮތުންނާއި، ރަށު ކައުންސިލްގެ އެދުމުގެ މަތިން، ޖުލައި މަހުގެ ތެރޭގައި، ވިލާ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ މާމިގިލީގައި އައުޓްޑޯ ވޮލީ ކޯޓެއް ގާއިމްކޮށްދެއްވާފައެވެ.