ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަންގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކޮލިފިކޭޝަންގެ ފެށުން ރަނގަޅުކޮށް އިތުބާރު ހޯދައިފިއެވެ.

ފުރަތަމަ ޑިވިޝަނުގެ ކޮލިފިކޭޝަންގައި ކުޅެނީ ޖުމްލަ 4 ޓީމެކެވެ. އެއީ ފާއިތުވީ ސީޒަނުގެ ދިވެހި ލީގުގައި ލީގު ތާވަލުގެ ފުލުގައި އޮންނަ ޖެހުނު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ހަތްވަނައިގައި އޮތް ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އިތުރުން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބު އަދި ރަނަރަޕް ކްލަބް ޓީނޭޖެވެ.

ކޮލިފިކޭޝަންގެ ގަވައިދުގައިވާ ގޮތުން އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ ކޮލިފިކޭޝަންގެ މެޗުތައް ނިމޭއިރު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެޓީމަކަށެވެ. ކޮލިފިކޭޝަން ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްމެޗު ކުޅޭ ގޮތަށެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސަސް އިން ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

ކުރިއަށް ޖެހިގެން މެޗު ވަރުގަދަކޮށް ފެށީ ސަސް އިންނެވެ. އެޓޭކިންގ އަށް ވިސްނައިގެން ކުޅެމުންދިޔަ ސަސް އަށް ފުރަތަމަ ހާފުގެ 10 ވަރަކަށް މިނެޓަށްފަހު މަޑުމަޑުން ފަހަތަށް ޖެހެން މަޖުބޫރުވިއެވެ. އެއީ ބުރުންވެސް ކުޅުން ރަނގަޅުކޮށް، ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަން ފެށުމާއެކުއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ ސަސް އިންވަނީ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައެވެ.

ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައި މިލަނޑު ސަސް އަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. މިއީ އައިހަމް އަހުމަދު (އައިހު) ހުރަސްކޮށްދިން ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އައްމަޑޭ ކާމިޔާބުކުރި ލަނޑެކެވެ.

ލަނޑަށްފަހުވެސް ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސަސް އިން ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަމިނެޓުގެ ތެރޭގައެވެ. މިއީ އިތުރުވަގުތުގެވެސް އެންމެ ފަހު މިނެޓުގައި، ޑީއޭރިއާގެވެސް ބޭރުން ހާފުގެ މެދެއްހާ ހިސާބުން އައިހު ފޮނުވާލި ބާރު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ނުކުންނާނީ ޓީނޭޖާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ 9 ޖަހާއިރުއެވެ. ކޮލިފިކޭޝަންގައި ސަސް އަށް ކުރިއަށް ދެން އޮތީ މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު ޓީނޭޖާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަދި އެރޭ ބުރު ސްޕޯޓްސް ކުލަބު ނުކުންނާނީ ގްރާންޑޭ އާއި ދެކޮޅަށެވެ.