ދިވެހިރާއްޖެއަކީ ހިތްހެޔޮކަމާއި، ހިތްތިރިކަމާއެކު ޤައުމީ ވަންތަ ބަޔަކު ދިރިއުޅޭ ގައުމެއްކަމަށް، އަބަދުވެސް އަޅުގަނޑުމެން ވަކާލާތު ކުރަމުއެވެ.

ތެދެކެވެ. އަމިއްލަ ފުރާނަ އާއި، އަނބިދަރިންނާއި މުޅި އާއިލާވެސް ފަހަތަށް ޖައްސާ، މިއީ މަގޭ ގައުމޭ ބުނެ، އެންމެ ފުރަތަމަ ގައުމޭ ބުނެ ގުރުބާންވީ އެތައް ފަހުލަވާނަކު ދިވެހި ތާރީޚުން ފެންނާން އެބައޮތެވެ. ފަހު ނޭވާ އާއި ހަމައަށްވެސް އިސްލާމް ދީނާއި ގައުމުގެ ދިފާއުގައި ދެމިތިބި އެތައް ޝަހީދުންގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ.

ގައުމަށް ކުރިއެރުން ގެނެސްދީ، ގައުމުގެ ތަރައްގީއަށް މުޅި އުމުރު މަސައްކަތްކުރި އެތައް ޝަހުސެއް މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތިއެވެ.

އެހެންނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. އެންމެފުރަތަމަ ގައުމު އިސްކުރި ދުވަސް އެއީ މިހާރު މާޒީއެވެ. މިހާރު ފެންނަނީ، ތިމާއަށް ގައުމު ކޮށްދިނީ ކޮންކަމެއްތޯ ބަލާ މީހުންނެވެ. ގައުމަށް ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލާ ދިވެހިންނަކީ، މިއަދު ހޯދަން އުނދަގޫ ނިސްބަތުން މަދު ބަޔަކަށް ނުމެނޫނީ ނުވާނެއެވެ.

ޑިމޮކްރަސީ އާއި، ސިޔާސީ ހަރަކާތްތަކުގެ ފަރާތުން އައި ނޭދެވޭ ކަންތައްތަކުގެ ސަބަބުން މިއަދު ގައުމު މިއޮތީ ބައިބައިވެފައެވެ. މިއަދުގެ ހާލަތަކީ، ކޮންމެ މީހެއްގެވެސް ފުރަތަމަ އަހައްމިއްޔަތަކީ ސިޔާސީ ޕާޓީއެވެ. ފުރަތަމަ އަހަރެންގެ ލީޑަރެވެ. ގައުމު އަންނަނީ އެއަށްވުރެ މާފަހުންނެވެ. ދީން އޮތީ އަދި އެ ލިސްޓުގެ މާ ފަހަތުގައެވެ. މިއީ މިއަދުގެ ދެރަ ހަގީގަތެވެ. ކޮންމެ މީހެއްގެވެސް އޮންނަނީ އަމިއްލަ އެޖެންޑާއެކެވެ. އަމިއްލަ "ޕްރަޔޯރިޓީ" ލިސްޓެކެވެ.

ގައުމެއްގެ ވެރިކަމާ ހަވާލުވެ، ގައުމުގެ އޮޑީގެ ހުންގާނުގައި ކޮންމެ ވެރިއަކުވެސް ހިފަނީ ރައްޔިތުންނަށް އެތަކެއް ވައުދުތަކަކާއި އަހުދުތަކެއް ވަމުންނެވެ. ޤައުމަށް ވަފާތެރިވާނެކަމުގެ ހުވަޔާ، ގައުމަށް ހަމަޖެހުން ގެނެސްދޭނެކަމުގެ ޔަގީންކަމާއެކުއެވެ. ގައުމުގައި އޮތް އިޖްތިމާޢީ މައްސަލަތަކަށް ހައްލު ކޮށްދޭނެކަމަށް ބުނެއެވެ. މި ކުޑަކުޑަ މުޖްތަމައު ކުށުގެ ވެށްޓަކަށްވެފައި އޮތް އޮތުމުން ސަލާމަތްކޮށްދޭނެ ކަމުގެ ހުވަފެންތައް ދައްކަމުންނެވެ.

އެހެންނަމަވެސް ކަން ވަނީ މުޅިން ވައުދުތަކާއި ހިލާފަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގައުމުގައި ހިނގާ ބޮޑެތި ކުށްތަކުގައި ގައުމު ހިންގުމުގެ ޒިންމާ އާއި ހަވާލުވެތިބި އެތައް ބަޔަކު ޝާމިލުވާކަން މިއީ ދެރަ ހަގީގަތެވެ. ގައުމުގެ ރައުސުލްމާލުން ކުރެވޭ ވައްކަންތަކުގައި އާއި، ގައުމުގައި ހިނގާ ބޮޑެތި ކުށްތަކުގައި ވެރިއެއްގެ ބައިވެރިވުން އޮންނާނޭ، ޔަގީނޭ، ބައެއް ރައްޔިތުން ބުނަނީ ސަބަބެއް ނެތިއެއް ނޫންތާއެވެ. ހަމަ ހުރެފައި އެފަދަ ވާހަކައެއް ނުދައްކާނެތާއެވެ.

ޅެންވެރިޔާ އަދި މަޝްހޫރު ރެޕް އާޓިސްޓް މާހިދުގެ ލަވައެއްގައި ވެއެވެ. "ގައުމެކެ ފުނޑުފުނޑު މިވަނީ، ގައުމޭ ހަލާކުވެ މިދަނީ. ގައުމުގެ ދަރިންނާއި ގައުމުގެ ބޮޑުންނާއި ގައުމަށް ޤައްދާރުވެ ކިޔަނީ. ގައުމޭމީ މަގޭ، ފަޚުރުމަވާ އުފަން ބިމޭ. ގައުމަށް ދޭނަމެ ކެރި ޖާނު މަގޭ ބުނެ ގައުމަށް ފުރަގަސްލައިން ހިނގަނީ".

މިއަދު ގައުމު އޮތީ ބިރުވެރި، ނުރައްކާތެރި ހިސާބެއްގައެވެ. ބަލާލި ކޮންމެ ދިމާލަކުން ނާމާންކަމެވެ. ކުށްތަކެވެ. ވައްކަން ކުރުމާއި ފޭރުމާއި ކޮރަޕްޝަނެވެ. މާރާމާރީތަކާއި ގަސްތުގައި މީހުން މެރުމެވެ. ލައުނަތް ލެއްވިގެންވާ ލިވާތުކުރުމާއި، ސިޙާޤު ކުރުން އަދި ޖިންސީ ގޯނާ ކުރުމެވެ. އިތުބާރުކުރެވޭ މަގާމުތަކުގައި ތިބި ފަރާތްތަކުން ކުޑަކުދިންނަށްދޭ ޖިންސީ އަނިޔާތަކެވެ. އެއްވެސް މީހަކަށް މިގައުމުގައި ރައްކަލެއް ނެތް ކަހަލައެވެ. ރޯމާ ދުވާލު އެތައް ބައެއްގެ ކުރިމަތީގައި މިފަދަ އެތައް ކަމެކެވެ.

މިފަދަ ކަންތައްތައް ހުއްޓުވުމަށް ހަވާލުކޮށްފައިވާ ތަފާތު އެކި މުއައްސަސާ ތަކަށާއި ސަރުކާރުގެ ވުޒާރާތަކަށްވެސް މިކަންތައްތައް ހުށްޓުވުމުގައި ގޮންޖެހުންތަކެއް ހުރިކަމެވެ. ގާނޫނުގައި ހުރި "ލޫޕް ހޯލް" އެއްގެ ތެރެއިން ކުށްވެރިން މިނިވަންވާ ކަމުގެ ވާހަކައަކީ ކޮންމެ ދުވަހަކުހެން އިވޭ ވާހަކަތަކެކެވެ.

ކޮންމެއަކަސް މިއީ އަހަރުމެން އެންމެންގެ ގައުމެކެވެ. އަހަރުމެން އެންމެންގެ ދީބެވެ. އަހަރުމެންގެ ދިވެހިރާއްޖެއެވެ. މިގައުމުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނީ އަހަރުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި، ދިވެހިންގެ ހުރި އަހުވަންތަކަން ދައްކާލާ، އެންމެ ފުރަތަމަ ގައުމޭ ބުނެ ގައުމު އިސްކޮށް، މި ވެށި އަމާން ތަނަކަށް ހެދޭނީ އަހަރެމެން އެންމެން އެކައްޗެއް ކިޔައިގެންނެވެ.