މާތް ﷲ އިންސާނާއަށް ދުނިޔެ ދެއްވާފައިވަނީ އިންތިހާނަކަށްޓަކައިކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، "ދުނިޔޭގެ ދަޅަތަކަށް ގެއްލުންތެރި ނުވާށެވެ." މި މައުޟޫއަށެވެ.
ހުތުބާގައި ވަނީ، ދުނިޔޭގައި އުޅުމަށްޓަކައި މާތްﷲ އަހުރެމެންނަށް ދެއްވާފައިވާ ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އުހްރަވީ ހަޔާތް ބާއްޖަވެރިކުރަން މަސައްކަތްކުރަންޖެހޭކަން ހަނދާންކޮށްދީފައެެވެ. އިންސާނާގެ ހަގީގީ މަންޒިލް މަގްސޫދަކީ އުހްރަވީ ހަޔާތްކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިންސާނާ މި ދުނިޔެ ފޮނުވާފައިވަނީ، އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތްކުރުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ވޭތުކުރަމުން މިދާ ދުންޔަވީ ހަޔާތަކީ، ހެއްލުންތެރި ކެހިވެރިތަނެއްކަމަށެވެ. މި ދުނިޔޭގެ ކުލަވަރުތަކަކީ އަވާމެންދުރެއްކަމަށާއި، ދުނިޔޭގެ ލައްޒަތާއި، އުފަލާއި އަރާމަކީ ދަޅަތަކެއްފަދަ ވަގުތީ އެއްޗެއްކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ، މި ދުނިޔޭގައި މާތްﷲ ދެއްވާ މުދަލާއި، އަނބިދަރިންނަކީ، އަޅުތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާވަރު ބެލުމަށްޓަކައި ހުށައެޅޭ އިމްތިހާނެއްކަމަށެވެ. އެބައިމީހުންގެ އީމާންކަން ވަޒަންކުރެއްވުމަށްޓަކައި ލައްވާފައިވާ އަޖުމަބެލުމެއް ކަމަށެވެ. ދުނިޔެއިން ލިބޭނެހައިވެސް އެއްޗަކީ އާހިރަތުގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި ކުރާ ހެތޮ އަމަލުތަކުގެ ނަތީޖާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ، އިންސާނާއަށް ދުނިޔެ ދެއްވާފައިވަނީ އިމްތިހާނަކަށްޓަކައިކަމަށެވެ. މުއްސަނދިންނާއި، ފަގީރުންނާއި، މޮޅާއި، ދެރަ ލައްވާފައިވަނީ އެބައިމީހުން ކުރާ ހެޔޮ އަމަލުތަކުގެ މިންވަރު ބެއްލެވުމަށްޓަކައިކަމަށެވެ.
ދުނިޔޭގެ އުފަލާއި އަރާމަކީ ހިނދުކޮޅެއްގެ ކަމެކެވެ. ނިމުމެއްނުވާ ނިއުމަތްތައް ހުރީ އާހިރަތުގައެވެ. ހަގީގީ ބާއްޖަވެރިކަން ވަނީ، އުހްރަވީ ހަޔާތުގައެވެ. ހުތުބާގައި ބުނީ، މި ބާއްޖަވެރިކަން ހާސިލްވާނީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހި ﷲ އަށް ކިޔަމަންތެރިކަން އާދާކުރާ މީހުންނަށްކަމަށެވެ. އުމުރުގެ ދުވަސްތައް ހެޔޮއަމަލުކުުރުމުގައި ހޭދަކުރާ މީހުންނަށް ކަމަށެވެ. އަދި ފާފަތަކާއި ދުރުހެލިވެ، ތައުބާވުންމަތީގައި ދެމިތިބޭ މީހުންނަށްކަމަށެވެ.
ފުރިހަމަގޮތުގައި ދުންޔަވީ ހަޔާތުގެ ބޭނުންހިފައި، އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް އަވަސްވެގަނެ، ކުރެވިފައިވާ ކުއްފާފާތަކުން ދުރުހެލިވެ، ތެދުވެރި ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.