ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީޚަށް ނިންމައި ނުލެވުނީ މުސުން ގޯސްވުމުގެ ސަބަބުން ކަމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.
ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ފުންކުރާނެ ކަމަށް އެފްކޮން ކުންފުނިން ބުނީ މިމަހުގެ 23ވަނަ ދުވަހުއެވެ.
އެ ކުންފުނިން ދިން ތާރީހު ފަހަނައަޅައި ދިޔައިރުވެސް ޕްލެޓްފޯމް ފުންްކުރެވިފައި ނުވާތީ އެކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި މޫސުން ރަނގަޅުވެ ކަނޑު މަޑުވިހާ އަވަހަށް އަލުން މަސައްކަތް ފަށާނެ ކަމަށާއި އެކަމަށް ޓީމުތައް ތިބީ ތައްޔާރަށް ކަަމަށްވެސް އެ ބަޔާނުގައިވެއެވެ.
އަދި ޕްްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތް ކުރާނީ ވިލިމާލެ ފަރަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ބަލައިގެން ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަަމަށެވެ.
ޕްލެޓްފޯމު ވިލިމާލެގެ އިރިމަތީ ފަރަށް އެރީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން ކަމާބެހޭ އެކި އިދާރާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ލެޓްފޯމް ނެގޭނެ ކުންފުނިތައް ރާއްޖޭގައި ތިބިއިރު ބްރިޖު ކަހަލަ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކީ ޕްލެޓްފޯމް ނެގޭނެ ފެންވަރުގެ ސާމާނު ހުރި ކުންފުނިތަކަކަށް ވާންޖެހޭނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.
މީގެއިތުރުން، މަޝްރޫޢު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް އެދި، މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށް ވުމާއި އަދި ގުޅީފަޅު ހިއްކުމާއި ބްރިޖް މަޝްރޫޢުގެ ސަބަބުން ނޭދެވޭ އަސަރު މިހާރުވެސް ފޯރަމުންދާ ފަރެއް ކަމުގައި ވީހިނދު ބްރިޖް ޕްލެޓްފޯމު ފަރަށް އުރި ރާޅާއެކު ފަރު މައްޗަށް ޖެހިޖެހި އެކަން ހައްލުނުކުރެވި އޮތުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް މަޖިލީހުގެ ކޮމެޓީތަކަށާއި އެންބަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީއަށްވެސް ކައުންސިލުން ވަނީ ހުށަހަޅާފައެވެ.