ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރުމުގެ ސަބަބުން ފަރަށް ލިބެމުންދާ ގެއްލުމުގެ ޒިންމާ ބްރިޖް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮން ކުންފުނިން ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ތިލަމާލެ މަޝްރޫއުގެ މަސައްކަތަށް ވިލިމާލޭ އިރުމަތީ ފަރާތު ފަރާއި ދިމާ ބެރުން ކަނޑުގައި ގާއިމްކޮށްފައިވާ ހުރި ޕްލެޓްފޯމު ވިލިމާލެގެ އިރުމަތީ ފަރަށް އުރުނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޕްލެޓްފޯމްގެ ސަބަބުން ފަރަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން، މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ޕްލެޓްފޯމް ފުންކުރާނެ ކަމަށް އެފްކޮން އިން ވަނީ ބުނެފައެވެ. ނަމަވެސް އެކުންފުނިން ދިން ތާރީހު ފަހަނައަޅައި ދިޔައިރުވެސް ޕްލެޓްފޯމް ފުންކުރެވިފައި ނުވާތީ މެމްބަރު އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ފަރަށް ލިބެމުންދާ ގެއްލުމުގެ ޒިންމާ އެފްކޮންއިން ނަގަން ޖެހޭނެ ކަމަށެވެ.

އެފްކޮންއިން އިއްޔެ ބުނެފައިވަނީ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި، މޫސުން ރަނގަޅުވެ ކަނޑު މަޑުވުމުން މަސައްކަތް ފަށާނެ ކަމަށާއި، އެކަމަށް ތައްޔާރަށް ތިބިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތީ މޫސުން ގޯސްވާނެ ދުވަސްތަކެއްކަން އެމަސައްކަތްކުރާ ފަރާތްތަކަށް އެނގެންވާނެ ކަމަށެވެ. އަދި، ޕްލެޓްފޯމް ފަރަށް އެރީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ އޭގެފަހުންވެސް ޕްލެޓްފޯމް ފުންކުރުމަށް މާބޮޑު މަސައްކަތެއް ނުކޮށް އެތައް ދުވަހެއް ހޭދަވި ކަމަށެވެ.

މީގެއިތުރުން، އެކަމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށާއި، ޕްލެޓްފޯމް ނެގުމުގެ ގާބިލްކަން އެކުންފުނީގަ ނެތްނަމަ، ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކަމާބެހޭ އެކި އިދާރާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި، ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށް ވުމާއި އަދި ގުޅީފަޅު ހިއްކުމާއި ބްރިޖް މަޝްރޫޢުގެ ސަބަބުން ނޭދެވޭ އަސަރު މިހާރުވެސް ފޯރަމުންދާ ފަރެއް ކަން ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް އެދިފައެވެ.

މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް މަޖިލީހުގެ ކޮމެޓީތަކަށާއި އެންބަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީއަށްވެސް ސިޓީ ކައުންސިލުން ވަނީ ހުށަހަޅާފައެވެ.