ވިލިމާލެ ފަރަށް އުރުނު ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ފަރުން ނަގައިފިއެވެ.

ތިލަމާލެ މަޝްރޫއުގެ މަސައްކަތަށް ވިލިމާލޭ އިރުމަތީ ފަރާތު ފަރާއި ދިމާ ބެރުން ކަނޑުގައި ގާއިމްކޮށްފައިވާ ހުރި ޕްލެޓްފޯމު ވިލިމާލެގެ އިރުމަތީ ފަރަށް އުރުނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޕްލެޓްފޯމް ފުންކުމުގެ މަސައްކަތްކޮށްފައިވަނީ ބްރިޖް އިމާރާތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮން ކުންފުނިންނެވެ. އެފްކޮއިން ޕްލެޓްފޯމް ފުންކޯށްފައި މިވަނީ އެކަމާމެދު ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ޕްލެޓްފޯމް ފަރަށް އުރުނުތާ އެތައް ދުވަހެއް ވީއިރުވެސް އޭތި ފުންކުރުމުގެ މަސައްކަތް އެކުންފުނިން ކޮށްފައިނުވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ޕްލެޓްފޯމް ނަގާނެ ކަމަށް އެފްކޮން އިން ވަނީ ބުނެފައެވެ.

ނަމަވެސް އެކުންފުނިން ދިން ތާރީހު ފަހަނައަޅައި ދިޔައިރުވެސް ޕްލެޓްފޯމް ފުންނުކުރެވުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް އެފްކޮންއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ އިބްރާހީމް ނައީމް "ވީނިއުސް" އަށް ވިދާޅުވީ، އެފްކޮންއިން ޕްލެޓްފޯމް ފުންކޮށް، ރެކްތައް ނެގުމުގެ މަސައްކަތް އެއްކޮށް ނިންމާލުމުން އެކަމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ސަރވޭއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ޒިންމާ އެފްކޮންއިން ނަގަންޖެހޭނެ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފައެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. 7.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް އެފްކޮން އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.