ށ. ފުނަދޫގެ ކުޅި ފަޅުފިލުވާލުމަށް އަނެއްކާވެސް ގުޑުގުޑާ ދޫނިތަކެއް އަތުވެއްޖެއެވެ.

"ވީނިއުސް" އާއި ވާހަކަދައްކަމުން ފުނަދޫ ރައްޔިތަކު ބުނީ، މި ދޫނިތައް އެރަށަށް އައިސްފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. މިފަހަރުވެސް ދޫނިތައް އައިސްފައިވަނީ މީގެކުރިންވެސް ދޫނިތައް އައިސް އުޅުނު އެރަށުގެ ދަށްފަޅު، ލޮނު ކުޅިއަށެވެ.

ފުނަދޫއަށް ގުޑުގުޑާ ދޫނިތަކެއް އައިސް އެރަށު ކުޅީގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މިދިޔަ އަހަރުގެ މެދުތެރޭގައިވެސް އެރަށަށް ގުޑުގުޑާ ދޫނިތަކެއް އައިސްފައިވެއެވެ. އެފަހަރު މި ކުޅިއަށް އައިސްފައިވަނީ 3 ގުޑުގުޑާ ދޫންޏެކެވެ.

ފުނަދޫއިން ވީނިއުސް އާއި ވާހަކަދެއްކި ފަރާތުން ބުނީ، މިދިޔަ އަހަރު އަައި ދޫނިތައް ޑިސެމްބަރު މަހާއި ހަމައަށް އެރަށު ކުޅީގައި އުޅުނު ކަމަށެވެ. އެހެންނަމަވެސް ދޫނި ބަލާލަން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން، ފޮޓޯ ނެގުމުގެ ބޭނުމަށް ދޫނި އުދުއްސާލަން މަސައްކަތްކުރާތީ އާއި އެހެނިހެން ބައެއް ސަބަބުތަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދޫނިތައް، ފުނަދޫއާއި އެއް ފަޅެއްގައި އޮންނަ ފަރުކޮޅު ނަމަކަށް ކިޔާ ފަޅުރަށެއްގައި އޮންނަ ކުޅިއަކަށް ހިޖުރަކުރި ކަމަށެވެ.

ފުނަދޫ ދަށްފަޅު ކުޅިއަށް އައިސްފައިވާ ގުޑުގުޑާ ދޫނިތައް-

އަދި އެ ފަޅު ރަށުގެ ކުޅީގައި މީގެ ދުވަސްކޮޅެއް ކުރިންވެސް އެ ދޫނިތައް އުޅުނުކަން ޔަގީންކުރެވޭ ކަމަށްވެސް އެފަރާތުން ބުނެއެވެ. ގާތްގަނޑަކަށް 8 މަސް ދުވަހަށްފަހު އަނެއްކާވެސް ފުނަދޫގެ ދަށްފަޅު ކުޅިއަށް ގުޑުގުޑާ ދޫނިތައް އައިސްފައިވާއިރު، މިއީ ކުރިންވެސް އެރަށަށް އައި ދޫނިތައް ކަމަށް ރަށު ރައްޔިތުން ގަބޫލުކުރެއެވެ.

ކުރިއާއި ހިލާފަށް މިފަހަރު 5 ދޫންޏެއް އައިސްފައިވާއިރު، އެރަށުން ވީނިއުސް އާއި ވާހަކަދެއްކި ފަރާތުން ބުނީ، މިފަހަރު އައި ދޫނިތަކުގެ ތެރޭގައި އިތުރަށް އެ އުޅޭ ދެ ދޫންޏަކީ ކުރިން އައި 3 ދޫނިތަކުގެ ތެރެއިން ކޮންމެވެސް އެއް ދޫންޏެއް ބިސް އަޅައިގެން އިތުރުވި ދެ ދޫނިކަމަށް ބެލެވޭ ކަމަށެވެ. ގުޑުގުޑާ ދޫންޏަކީ ބިސް އަޅާ ކޮންމެ ފަހަރަކު އެއް ބިސް އަޅާ ދޫންޏެކެވެ. އަދި ބިސް އެޅުމަށްފަހު ބިސް ފީކުރުމަށް ގާތްގަނޑަކަށް 30 ދުވަސް ހޭދަވެއެވެ. އަލަށް އައި ދެ ދޫންޏަކީ ޅަ ދެ ދޫނިކަމަށް ފުނަދޫ އިން ވީނިއުސް އަށް މައުލޫމާތުދިން ފަރާތުން ބުނެއެވެ.

އެފަރާތުން ބުނީ ދޫނިތައް އައިސް އުޅޭތީ، ކައިރިން ދޫނިތައް ބަލާލަން ކެނޯއެއްގައި ދިޔަ ކަމަށާއި، ރަށަށް އައިސްގެން އުޅޭ ދޫނިތަކުގެ ފިޔައިގައި ކޮންމެވެސް ވަރަކަށް ފިޔާތޮށި ކުލަ ފެންނަން ހުރި ކަމަށެވެ.

ގުޑުގުޑާ ދޫންޏަކީ އާންމު ގޮތެއްގައި ރާއްޖޭގައި އުޅޭ ދޫންޏަކަށް ނުވިނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްރަށުން މި ދޫނި ފެނިފައިވެއެވެ. އާންމުކޮށް ހިޖުރަކުރާ މޫސުމުގައި، މަދުން ނޫނީ ރާއްޖެއިން ނުފެންނަ ބައެއް ދޫނިތައް މީގެކުރިންވެސް ފެނިފައިވެއެވެ.

މިބާވަތުގެ ދޫނިތަކަކީ ހިމާޔަތްކުރެވިފައިވާ ދޫނިތަކަކަށްވާއިރު، މިފަދަ ދޫނިތައް ހިފާ، ފިޔަކޮށާލައިގެން ގެންގުޅޭ މައްސަލަތަކަކާއި، މިފަދަ ދޫނިތައް ވިއްކާ މައްސަލަވެސް ފެންމަތިވެފައިވެއެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށްތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުނު ނަމަވެސް، އެދޫންޏަށް އެހިސާބުން އެދޫނީގެ އަސްލު މަންޒިލަށް ދިއުމުގެ ނަސީބު ގެއްލުނީއެވެ. މޫސުމީ ދިގު ރާސްތާ ދަތުރުގައި އެކުގައި ދަތުރުކުރާ ބައިވެރިންނާއި ނުލައި އެތަކެއް މަސްތަކެއް ފާއިތުވާފަހުން، ފިޔަގަނޑު ދިގުވެގެން އަނބުރާ އަސްލު މަންޒިލަށް، މިގޮތަށް ސަލާމަތްކުރެވޭ ދޫންޏަކަށް ވާސިލުވަމަކީ ނާދިރުކަމެކެވެ.