އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް ކަށަވަރުކުަން ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އިންތިޒާރުކުރަން ޖެހިއްޖެއެވެ.

މި އިންތިޒާރު ކުރަން އެކުލަބުން ޖެހުނީ ހޮނިހިރު ދުވަހުގެ ހަވީރު ކޮލިފިކޭޝަންގައި ކްލަބް ޓީނޭޖާ ދެކޮޅަށްކުޅެ އެއްވަރުވުމުންނެވެ. ސަސް އަށް މިމެޗުން މޮޅެއް ހޯައިގެން، އެއްމެޗު ބާކީ އޮއްވާ ފުރަތަމަ ޑިވިޝަނުގެ މަގާމު ކަށަވަރުކުރެވެން އޮތެވެ.

މެޗު އެއްވަރުވިނަމަވެސް އަދިވެސް ސަސް އޮތީ ކޮލިފިކޭޝަންގެ ތާވަލުގެ އެއްވަނައިގައެވެ. ސަސް ވަނީ ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދާފައެވެ. ސަސް އެއްވަނައިގައި އޮތީ ދެމެޗުން 6 ޕޮއިންޓާއެކުއެވެ. ސަސް އާއި ދެކޮޅަށް ކުޅުނު ޓީނޭޖް ދެވަނައިގައި އޮތީ ދެމެޗުން ދެ ޕޮއިންޓު ހޯދައިގެންނެވެ. ޓީނޭޖް އިންވަނީ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އާއިވެސް އެއްވަރުކޮށްފައެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ސަސް އާއި ޓީނޭޖް ބައްދަލުކުރިއިރު، މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު އެތައް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި، ދެޓީމު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ޑިފެންސްލައިނާއި ކީޕަރުންގެ ފަރާތުންވެސް މިމެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ކޮލިފިކޭޝަންގައި މިރޭ ބައްދަލުކުރާނީ ބުރު އާއި ދަ ގްރާންޑޭއެވެ. މިމެޗުން ބުރު ބަލިވެއްޖެނަމަ، ކޮލިފައި ވުމުގެ ފުރުސަތު އެޓީމަށް ގެއްލޭނެއެވެ. ބުރު މޮޅުވެއްޖެނަމަ، ކޮލިފިކޭޝަންގެ ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވާނެއެވެ. ގަދަ ދެ ޓީމަށް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޖާގަ ލިބޭއިރު، އެ ޖާގަތައް ޔަގީންވާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ފަހު ދެ މެޗުންނެވެ.