ޔޫރަޕު ފުޓުބޯޅައިގެ ރަސްގެފާނު ރެއާލް މެޑްރިޑާއެކު، 9 އަހަރުގެ ކާމިޔާބު ކެރިއަރެއް ހޭދަކުރުމަށްފަހު މި މަހުގެ ތެރޭގައި މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވި ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރު ކަސެމީރޯ، ޔުނައިޓެޑުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން މުހިންމު މޮޅެއް ހޯދައިފިއެވެ.

މިއީ ކަސެމީރޯގެ ޑެބިއު މެޗަށްވީނަމަވެސް އޭނާ މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.

ސައުތެމްޕްޓަނާއި ދެކޮޅަށް ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުގެ ކުޅުންތެރިންވެސް ވަނީ ނުރައްކާތެރި ރަނގަޅު ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއަށް ތިރިތިރިން ޑެލޮޓް ނަގައިދިން ހުރަހެއް ވޮލީ އަކުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ބްރޫނޯ ފެރްނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުނައިޓެޑާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުން ޔުނައިޓެޑް މޮޅުވިއިރު މިމެޗުގައިވެސް ޓީމުގެ ކޯޗު އެރިކް ޓެންހާގް ފުރުސަތު ދީފައިވަނީ އެންމެފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅެން އެރި ފުރަތަމަ 11 އަށެވެ. އެގޮތުން މިމެޗުގައިވެސް ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އާއި ލޫކް ޝޯގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައި ރޮނާލްޑޯ ކުޅެން އެރުވިއިރު އޭނާގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް ފެނިގެނެއް ނުދެއެވެ.

މި މޮޅާއެކު ޔުނައިޓެޑުން ވަނީ، އަވޭ މެޗުތަކުގައި ސިލްސިލާ ގޮތެއްގައި ނާކާމިޔާބީ އާއި ކުރިމަތިވަމުން އައި އައުން ނިމުމަކަށް ގެނެސްފައެވެ. މި މެޗުގެ ކުރިން އެޓީމުން އެންމެފަހުން ކުޅުނު 7 އަވޭ މެޗުގައިވެސް ވަނީ ބަލިވެފައެވެ.

މި މޮޅާއެކު ޔުނައިޓެޑުން ވަނީ ޕޮއިންޓު ތާވަލުގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗާއި ކުރިމަތިލުމުގެ ކުރިން ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ. މިހާތަނަށް ޔުނައިޓެޑުން ކުޅުނު 4 މެޗުން 6 ޕޮއިންޓު ހޯދާފައިވެއެވެ. ޔުނައިޓެޑް އަތުން ބަލިވި ސައުތެމްޕްޓަން އޮތީ ތާވަލުގެ 15 ވަނައިގައި 4 މެޗުން 4 ޕޮއިންޓާއެކުއެވެ.