އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތު ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު، މިދިޔަ ހަފްތާގައި މެންޗަސްޓަރ ޔުނައިޓެޑް އަތުންވީ ބަލި، ލިވަޕޫލުން ހަނދާން ނައްތާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ މިމެޗުން ލިވަޕޫލް މޮޅުވި 0-9 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މިއާއެކު ލިވަޕޫލުން ވަނީ އެތައް ޝަރަފެއްވެސް ހޯދާފައެވެ. އެގޮތުން މިއީ 1989 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު ލިވަޕޫލުން މަތީ ފަންތީގެ މެޗެއްގައި 9 ލަނޑު ޖެހިފަހަރެވެ. އަދި ލިވަޕޫލަކީ ޕްރިމިއަރ ލީގުގެ ތާރީހުގައިވެސް މިހާ ބޮޑު ފަރަގަކާއެކު މެޗެއް ކާމިޔާބުކުރި ޓީމެވެ. މީގެކުރިން 1989 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިސްޓަލް ޕެލަަސް އަތުން 0-9 އިން ލިވަޕޫލް މޮޅުވިއިރު، 1996 ވަނަ އަހަރު ރޮދާހަމް ޓައުން އަތުން 1-10 އިންވެސް މޮޅުވެފައިވެއެވެ.

މެޗުގެ އެންމެ ފުރަތަމަ ސިކުންތުން ފަށައިގެން މޮޅަށް ކުޅެމުންދިޔަ ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި އެޓީމުން ވަނީ 5 ލަނޑު ޖަހާފައެވެ. މިމެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ލިވަޕޫލުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މެޗު ފަށައިގެން 3 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑުނެގީ ފިރްމީނޯގެ އެހީތެރިކަމާއެކު ލުއިސް ޑިއާޒް ކާމިޔާބުކުރި ލަނޑުންނެވެ. އަދި ދެވަނަ ލަނޑު 6 ވަނަ މިނެޓުގައި އެލިއޮޓް ކާމިޔާބުކުރީވެސް ފިރްމީނޯގެ އެސިސްޓަކުންނެވެ. ތިންވަނަ ލަނޑު ހަމަ ފިރްމީނޯގެ އެސިސްޓަކުން ކާމިޔާބު ކޮށްދިނީ ފުލްބެކް ޓްރެންޓް އެލެކްސަންޑަރ އާނޮލްޑް އެވެ.

މެޗުގައި އެޓީމުން ޖެހި ހަތަރުވަނަ ލަނޑު ފިރްމީނޯ ކާމިޔާބު ކޮށްދިންއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ޖެހި ފަސްވަނަ ލަނޑަކީ ޑިފެންޑަރު ވާޖިލް ވެންޑައިކު ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ލަނޑުޖެހުމުގެ ސިލްސިލާ ވަރުގަދަކޮށް ލިވަޕޫލުން ވަނީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މެޗުގައި އެޓީމުންޖެހި 6 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ބޯންމައުތުގެ ކްރިސް މެފަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ލިވަޕޫލުގެ ހަތްވަނަ ލަނޑު 62 ވަނަ މިނެޓުގައި ފިރްމީނޯ ކާމިޔާބުކޮށްދިންއިރު މެޗުގެ ފުރިހަމަވަގުތު ހަމަވާން 10 މިނެޓަށްވެފައި ވަނިކޮށް ފަބިއޯ ވަނީ ކާމިޔާބު ކޮށްދީފައެވެ. އަދި މެޗުގައި އެޓީމުން ޖެހި ފަހުލަނޑު، 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. މިއީ ސިމިކާސް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޑިއާޒް ކާމިޔާބުކުރި ލަނޑެކެވެ.

މި ބޮޑު މޮޅާއެކު ލިވަޕޫލް ވަނީ ލީގު ތާވަލުގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗާއި ކުރިމަތިލިއިރު ލިވަޕޫލް އޮތީ 16 ވަނައިގައެވެ. މިހާތަނަށް ކުޅުނު 4 މެޗުން ލިވަޕޫލުން ވަނީ 5 ޕޮއިންޓު ހޯދާފައެވެ. މެޗުން ބަލިވި ބޯންމައުތު އޮތީ 16 ވަނައިގައި 3 ޕޮއިންޓާއެކުއެވެ.