މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފެސްޓިވަލަކީ ވޯލްޑް ކަޕް 2022 އާ ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ އެއްމެ ބޮޑު ފެސްޓިވަލެވެ.

އެޗްޑީސީން ބުނީ މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނީގެ ފަރާތުން ބާއްވާ ފެސްޓިވަލެއް ކަމަށާއި އެގޮތުން، ހުޅުމާލޭގެ 4 ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރާވާފައި ކަމަށެވެ.

އެގޮތުން، ސެންޓްރަލް ޕާކް، ނެއިބާހުޑް 6 (ހިޔާ ސަރަހައްދު) ރުއްގަނޑު 1 އަދި ރުއްގަނޑު 2ގައި މި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. މެޗުތައް ބަލާލުމުގެ އިތުރުން، ހާފް ޓައިމްގައި އެކި ހަރަކާތްތައް ރޭވިފައިވާއިރު، ހަފުތާ ބަންދު ދުވަސްތަކާއި މުހިއްމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ސްކޯރ ދިމާކުރުމާއި، މެޗުތައް ބެލުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިން އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މައި ހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022ގެ ޕާޓަނަރުންނަށް ވުމަށް [email protected]އަށް އީމެއިލް ކުރުމަށް އެޗްޑީސީން އެދެއެވެ.