ޑައިރެކްޓަރު އަކްޝަތް އަޖޭ ޝަރްމާގެ ކުރިޔަށްއޮތް ފިލްމު "ހައްޑީ"ގެ ފުރަތަމަ ޕޯސްޓަރާއެކު ބެލުންތެރިންގެ ޝައުގުވެރިކަން ފިލްމާމެދު އިތުރުވެއްޖެއެވެ. ނުވާންވީ ސަބަބެއްނެތެވެ.

ފިލްމުގެ އމުހިއްމު ރޯލްއިން ފެނިގެންދާ އެކްޓަރު ނަވާޒުއްދީން ފިލްމުގައި ފެނިގެންދާގޮތުގެ ޕޯސްޓަރާއެކު ގިނަބަޔަކަށް ހައިރާންކަމެއް ލިބި ސުވާލު އުފެދިފައިވަނީ ނަވާޒުއްދީން ފެނިގެންދާ ރޯލާއިމެދުއެވެ.

އެކްޓަރު ނަވާޒުއްދީންއަކީ، އަބަދުވެސް ވަރަށް ތަފާތު ރޯލް ކުޅެން ޝައުގުހުންނަ އެކްޓަރެކެވެ. މިފިލްމުގެ ފުރަތަމަ ޕޯސްޓާއިން ނަވާޒުއްދީން ފެންނާނީ އަންހެނެއްގެ ސިފައިގައެވެ.

ޒީ ސްޓޫޑިއޯއިން އުފައްދާ މިފިލްމަކީ، ބަދަލު ހިފުންތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ. ނަވާޒުއްދީންގެ ފުރަތަމަ ލުކް ދައްކާލާފައި ވީނަމަވެސް އޭނާ ކުޅޭ ރޯލާއިބެހޭ މާބޮޑު ތަފްސީލެއް އަދި ހާމައެއްނުކުރެއެވެ. އަކްޝަތު އަޖޭ ޝަރުމާ ޑައިރެކްޓްކުރާ މިފިލްމަކީ، ޒީ ސްޓޫޑިއޯއާއި އަނަންދިތާ ސްޑޫޓިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ.

ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ނަވާޒުއްދީން ބުނެފައިވަނީ، މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމުތަކުގައި ވަރަށް ތަފާތު ކެރެކްޓާތައް ކުޅުމުގެ ފުރުސަތު ލިބިނުކަމަށެވެ.

އެހެންނަމަވެސް ފިލްމު "ހައްޑީ" ގައި ކުޅޭ ރޯލަކީ ވަރަށް ތަފާތު އެހާމެ ހާއްސަ ތަޖުރިބާއެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ. އަދި ފިލްމު ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.

ނަވާޒުއްދީން އެންމެ ފަހުން ފެނުނު ފިލްމު "ހީރޯޕަންތީ-2" ގައިވެސް އެކްޓަރު ފެނިފައިވަނީ މުޅީން ތަފާތު ކެރެކްޓާއަކުންނެވެ.

ނަވާޒުއްދީންގެ ކުރިޔަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު 7 ފިލްމީ ޕްރޮޖެކްޓެއް އޭނާގެ އަތުގައި އެބައޮތެވެ. އޭގެތެރޭގައި މިއަހަރު ސިނަމާތަކަށް އަންނާނެކަމަށް ބެލެވޭ 2 ފިލްމެއްވެސް ހިމެނެއެވެ.