ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާގުޅޭގޮތުން އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާގެ ބައްދަލުވުން ބާއްވާފަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި އިތުރު ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން ދެ ޤައުމުގެ މީހުންގެ މެދުގައާއި ދެ ޤައުމުގެ ދެމެދު ވިޔަފާރި ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ޞިއްޙީ ދާއިރާ، މަތީ ތަޢުލީމުގެ ދާއިރާ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަފީރު ވަނީ ވިސާގެ ކަންކަމަށް ލުޔެއް ގެނައުމަށް ދާދިފަހުން ދެޤައުމުގެ ދެމެދު އެކުލަވާލެވުނު އެއްބަސްވުމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އަދި މިހާރު ކުރިޔަށް ހުރި އެއްބަސްވުންތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފައެވެ.