ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ކުޅަދާނަ ފަންނާނު އަދި ސައުންޑް އިންޖިނިއަރ އިބްރާހިމް ނިޝާމް (ޕައިޑޭ)ގެ ފުރަތަމަ ސޯލޯ އަލްބަމް ”އިންފިނިޓީ“ ބައިސްކޯފުގައި ރިލީޒްކޮށްފިއެވެ.

މި އަލްބަމް ރިލީޒްކޮށްފައި ވަނީ ބައިސްކޯފުގައި މިކަމަށް ހާއްސަކޮށްގެން ބޭންވުނު ހަފުލާއެއްގައި، މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ އަދި ދާއިރާއަށް ގިނަ ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ ބައިވެރިވުމާއެކުއެވެ.

”އިންފިނިޓީ“ އަކީ ޒަމާނީ ގޮތަށް ދިވެހިވަންތަ ސިފަތަކެއް އެކުލެވޭ 04 ޓްރެކްގެ އިންސްޓްރޫމެންޓަލް އަލްބަމެކެވެ.

އެގޮތުން، މިސްޓިކަލްވޮއިޑް، އަދަރސައިޑް، އެޕިކްޕީކްސް، އަދި އެގްޒޯޓިކްމެޓަރ މި ރަހަތައް އަލްބަމްގައި ހިމެނެއެވެ. މި އަލްބަމްގައި ފީޗަރކުރެވިފައިވާ ފަންނާނުންގެ ތެރޭގައި ނާނު، ފަސީ، ތޫ އަދި ރިފޫ ހިމެނެއެވެ.

ޕައިޑޭގެ އުފަންދުވަހު ރިލީޒްކުރެވުނު މި އަލްބަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޕައިޑޭ ފާހަގަކުރިގޮތުގައި، މި އަލްބަމަކީ ހުރިހާ ގޮތްގޮތުންވެސް ޕައިޑޭއަށް ވަރަށް ހާއްސަ އަލްބަމެކެވެ.

އެ ގޮތުން މި އަލްބަމްގައި ޕައިޑޭ މަސައްކަތްކޮށްފައިވާނީ އެކުގައި މަސައްކަތްކޮށްފައިވާ ފަންނާނުންގެ ރަހަތަކާ ސްޓައިލްތަކާ ވީހާވެސް އެއްގަޮތް ޓްރެކްތަކެއް ހެދޭތޯއެވެ. އަދި އަލްބަމް ހެދުމުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ޕައިޑޭ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މި ފުރުސަތުގަ، އަލްބަމް ހެދުމަށް އެންމެބޮޑު އެއްބާރުލުމެއްދެއްވި ފަރާތްތަކަށް، ހާއްސަކޮށް އަޅުގަނޑުގެ އަންހެނުންނާއި ރައްޓެހިން އަދި ބައިސްކޯފު ޓީމަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. އަދި އަލްބަމް ލޯންޗްކުރުމުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވި، މިއުޒިކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަލްފާޟިލް އަބްދުލް މާޖިދް އަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރަން.“ .
ސައުންޑް އިންޖިނިއަރ އިބްރާހިމް ނިޝާމް (ޕައިޑޭ)

ޕައިޑޭ އެންމެ ފުރަތަމަ މިއުޒިކް ކުޅެންފެށީ އުމުރުން 14 އަހަރުގައި ”ޓްރަބަލްމޭކާސް“ އާ އެކުއެވެ.

އޭގެ ފަހުން 1995 ވަނަ އަހަރު ”ލެވެލް ބޭންޑް“ އާއެކު ޕައިޑޭގެ މިއުޒިކް ކެރިއަރ ފެށިގެން ދިޔައެވެ. 1996 ގައި ޕައިޑޭ ވަނީ ”މެޒޯ“ ބޭންޑާއި ގުޅި، 02 އަލްބަމް އުފައްދާފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރާ ހަމަޔަށް ”ވޫޑޫ“ ގެ ނަމުގައި އެކުވެރި ފަންނާނުންނާއެކު ބޭންޑެއް އުފައްދައި، ހަރަކާތްތެރިވަމުން ދިޔައެވެ.

2014 ވަނަ އަހަރަށް ފަހު މިއުޒިކް ދާއިރާއިން ބޮޑު ބްރޭކެއްނެގުމަށްފަހު ޕައިޑޭ މިހާރު ދަނީ ބައިސްކޯފާއި ގުޅި، ބައިސްކޯފުގައި ސައުންޑް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ނަންކިޔާ ގިނަ ފަންނާނުންނާއި ބޭންޑްތަކާ އެކު ޕައިޑޭ ވަނީ މަސައްކަތްކޮށްފައެވެ.

”އިންފިނިޓީ“ އަލްބަމް ބައިސްކޯފު އެޕުން މިހާރު އަޑުއަހާލެވޭނެއެވެ.

މޯބައިލާއި ޓީވީއިން ބަލާލެވޭ ’ބައިސްކޯފު‘ އަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމެވެ. ބައިސްކޯފް ވެބްސައިޓް www.baiskoafu.com އިން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ދިރާގު ސަބްސްކްރިޕްޝަން ޕޯޓަލް މެދުވެރިކޮށް ބައިސްކޯފަށް ސަބްސްކްރައިބްކުރެވޭނެއެވެ. އަދި ބައިސްކޯފު ސަބްސްކްރިޕްޝަން އާ ގުޅޭ މައުލޫމާތު ބައިސްކޯފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ބައިސްކޯފު ވައިބަރ ސަޕޯޓް 7983863 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.