ތިރީގައި މިވަނީ، މަޝްހޫރު ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
(14 އޮގަސްޓް 2022 އާ ގުޅޭ)
ފިޔަވަޅުތަކުގެ މިސްރާބު ހުރި ދިމާލެވެ. މާގިނައިރުތަކެއް ނުނެގިއެވެ. މުދިންބެ ހަސަނު އަތުގައި ހިފައިގެން ގޭތެރެޔަށްވަދެ ތައްޓަކަށް ފެން އަޅައިގެން އެއްޗެއް ކިޔަވަމުން ނިކުތެވެ. ނިކުތުމުގެ ކުރިން ބޮޑު އަށިދަށުގައި އޮތް ކަތިވަޅިއަކަށް އިޝާރާތްކޮށްލިއެވެ.
މުދިންބޭގެ އިޝާރާތަށް ހަސަނު ބޮޑުއަށި ކައިރަށް ޖެހިލިއެވެ. މުންޑު އަރުވާޖަހާލުމަށްފަހު ބޮޑުއަށިދޮށައް ގުދުވެލާފައި ކަތިވަޅި ނަގާ އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި މުދިންބޭގެ ފަހަތުން ހިގައިގަތެވެ. ގޯތިތެރެޔަށް ނިކުތުމާއިއެކު މުދިންބެ ފެންތައްޓައް ކިޔަވަމުން މަޑު ހިނގުމެއްގައި ކެޔޮފީންޏާއި ދިމާލަށް ހިނގައިގަތެވެ. ހަސަނުވެސް މަޑުހިނގުމެއްގައި މުދިންބެގެ ފަހަތުން ހިނގަމުން ދިޔައެވެ. އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ހާސްވުމަކާއި ކަންބޮޑުވުމެއް އޮތްނަމަވެސް ހިތުގައި ކެކެމުންދިޔަ ބިރުވެރިކަމުގެ ހިޔާލުތަކުން މީހާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
ކެޔޮވަލާއި ހަމަޔަށް ދެވުމުން މުދިންބެ ކިޔަވަން ހުރި ފެންތަށި އަތް ގޮއްޓައް އަޅައި ކެޔޮގަސްތަކާއި ދިމާލަށް ބުރުވަމުން އެއްޗެހިތަކެއް ކިޔަވަންފެށިއެވެ. ވަރަށް ގިނައިރު ކިޔެވުމަށްފަހު ކެޔޮގަސްތަށް ވަށައި ބިންމައްޗަށް ފެންޖަހަންފެށިއެވެ. އަދި ކައިރީގައިއޮތް ދަނޑިބުރިއަކުން ފަތްތައް ކުޑަކޮށް ހާވާލިއެވެ. ކޮންމެވެސް އެއްޗެއް ހޯދަން ނުވަތަ ފެނޭތޯ އުޅޭޒާތަށެވެ. އިރަކޮޅަކު ފަތްތައް ހޭވުމަށްފަހު ހަސަނަށް ގަސްތަށް ކަނޑާލުމަށް އިޝާރާތްކޮށް ލިއެވެ. އެއާއިއެކު ހަސަނު އަތުގައި އޮތް ކަތިވަޅި އަތުކޮޅަށް ދަމާލުމަށްފަހު އެންމެ ގިނައި ލޭގެ އަސަރު ފާޅުވާންހުރި ގަހާއި ދިމާލަށް މަޅައިލިއެވެ.
ކެޔޮގަހުގައި ޖަހަން ހަސަނު މަޅައިލި އަތް ދެބައި ހަމަޔަށް ތިރިނުވެ އުޅެނިކޮށް ގޭތެރެއިން ފާތުމަ ރޮއެގަތެވެ. ފާތުމަގެ އަޑުގައި ވަނީ ހިތާމައިގެ އަސަރުތަކެވެ. ބިރުގަނެފައިވާކަން އަޑުން ފާޅުވާން ހުއްޓެވެ. ވަގުތުން ހަސަނު ކެޔޮގަހަކާއި ކެޔޮގަހެއް ދޫކޮށްލުމަށްފަހު ގޭތެރެޔަށް ދުއްވައިގަތެވެ. ހަސަނުގެ ފަހަތުން މުދިންބެވެސް ހަރުކޮށް ހިނގައިފައި ގޮސް ގޭތެރެޔަށް ވަނެވެ. އޭރު ފާތުމަ އޮތީ އެތެރެގޭ އޮޅިމައްޗަށް ދެމިފައެވެ. ބަލާ ބެލުމަށް ދުވެފައި ނިކުންނަން އުޅެނިކޮށް ހެޔަށް ގޮތްވެފައިއޮތްހެން ހީވެއެވެ. ހަސަނު އަވަސް އަވަހަށް ފާތުމަ އުރާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި ކޮލުގައި މަޑުމަޑުން ދެތިންފަހަރު ޖަހާލުމަށްފަހު ފާތުމައަށް ގޮވާލިއެވެ. ނަމަވެސް ފާތުމަގެ ހަބަރެއް ނެތެވެ.
ފާތުމަ ހޭވެރިކަންވޭތޯ ހަސަނު މަސައްކަތް ކުރަމުން ދަނިކޮށް މުދިންބެ ހަސަނަށް ގޮވާލިއެވެ. އަދި ކުޑަސޮރު ކޮބައިތޯ ސުވާލުކޮށްލިއެވެ. ހަސަނަށްވެސް ހޭވެރިކަންވީ ދެނެވެ. ފާތުމަގެ އަމާވެސް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ބަދިގެއިން ނިކުމެގެން އައިސް އޭރު އެތެރެގޭތެރެއަށް ވަންނަނީއެވެ. އެސޮރެއް ނެތެވެ. ފާތުމަގެ ހެޔެއްވެސް ނެތެވެ. ކަންބޮޑުވެފައި ހުރި ހަސަނަށް މައިދާތަޔާއި ދިމާލަށް ބަލާލުމަށްފަހު އެދުން ތެދުވެލާފައި އެސޮރު ކޮބައިތޯ ސުވާލުކޮށްލިއެވެ. ފާތުމަގެ އަމާ އަޑުން އަޑުނަގާއި ރޮއެގަނެ އެތެރެގޭތެރެޔަށް ވެއްޓި ރޯންފެށިއެވެ. މަގޭދަރި މަރައިފިޔޭ! އަލިފާނޯ! މީހެކޭ! ކިޔާ ހަޅޭލަވަމުންނެވެ.
އަރަމުން އައި އިރާއިއެކު ރަށުތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމުގެ ތެރެއިން ހަސަނުމެންގޭތެރެއިން މީހަކު ސަލާމަތަށް އެދި ރޮއެ ހޭރިގަތްއަޑަށް ކައިރި ގޭތަކުގެ މީހުން އެގޭތެރެޔަށް ޖަމާވާންފެށިއެވެ. އަދި ދެތިން އަންހެނުންވެގެން ފާތުމަގެ އަމާ ރުއްސޭތޯ މަސައްކަތް ކުރަން ފެށިއެވެ. އަދި އެހެން ދެމީހަކު ވެގެން ފާތުމަ މޫނާއި ބޮލުގައި ފެންހާކާ ފާތުމަގެ ހޭވެރިކަމެއް ވޭތޯ މަސައްކަތް ފެށިއެވެ. ގޭތެރޭގައި ތިބި މީހުންތަކު ތެރެއިން ކުޑަވަރެއްގެ ސޮރަކަށް މުދިންބެ އިޝާރާތްކޮށްލުމަށްފަހު ކަތީބުގާތަށް ގޮސް ވަރަށް އަވަހަށް މިގެޔަށް އައިސްދިނުމަށް އެދުނެވެ. އެއާއިއެކު އެފުރާގެ ދެތިންކުދިންއާއި އެކު އެސޮރު ދުވެފައި ބޭރަށް ނިކުތެވެ.
މާގިނައިރުތަކެއްނުވެ ކަތީބު އައިސް ގޭތެރެޔަށް ވަނެވެ. މުދިންބެޔަށް ކަތީބު ފެނިލެއްވުމާއިއެކު ކަންވީ ހުރިހާގޮތެއް ކިޔައިދިނެވެ. އަދި ރޭގައި ވިހެއި ހަސަނާ ފާތުމަގެ ދަރިފުޅު ގެއްލިއްޖެކަމަށާއި ރައްޔިތުންނަށް ގޮވައި ދިނުމަށް އެދުނެވެ. އެދަރިފުޅު ފެނޭތޯ ބަލައިދިނުމަށް އެދުނެވެ. އަދި މިކަމަކީ އިންސި އެއްގެ ކަމެއް ނޫންކަމުން ހޯދުމުގައި އުޅޭ ފަރާތްތަކުން ވަކި ވަކިން ވަލުތެރެޔަށް ވަދެ ނޫޅުމަށާއި ނިކުމެ އުޅުމުގައި މަދުވެގެން ފަސް މީހުންގެ ޖަމާއަތްތަކުން ހަރަކާތްތެރިވުމަށް އިރުޝާދު ދިނެވެ. މުދިންބެގެ ވާހަކަތަށް ނިމުމާއިއެކު ކަތީބު އެގެއިން ނިކުމެ އަވަސްވެގަތީ ރަށު އޮފީހާއި ދިމާލަށެވެ.
އިރުގެ އަލިން ރަށް އަލިވަމުން އައިއިރު ރަށުތެރެއިން އިވެމުން ދަނީ ރައްޔިތުން އެއްކުރުމަށް ސަންގު ފުމެމުން ދިޔަ އަޑެވެ. އެބަޔަކު ކުރަން ހުރި ކަމެއް ހުއްޓާލާފައި ކޮންމެ ބަޔަކުވެސް އަވަސްވެގަތީ އޮފީހާއި ދިމާލަށެވެ. ސަންގު ފުމެ ނިމުނު އިރު ރައްޔިތުން ތިބީ އޮފީސް ދޮށައް ޖަމާވެފައެވެ. ބައެއް މީހުން ޅަދަރިން ކިހިލި ޖަހައިގެން ތިބިއިރު އަނެއް ބަޔަކު އިލޮށިފަތިތައް ހިފައިގެންނެވެ. އެއްބަޔަކު މޫދުން އަރައިގެން އައިސް ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަލާމާތްތަކެވެ. އެކަކު އަނެކަކާއި ދިމާލަށް ނިއް އެއްލާފައި ވެގެން އުޅެނީ ކީއްތޯ އަހާލައެވެ.
އޮފީސްތެރެއިން ކަތީބު ނިކުތްއިރު ހަސަނުމެން ގޭދޮށައް އެއްވި ބައެއްމީހުންގެ ފަރާތުން ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް ކަންކަން ވަނީ ރޯފިލާފައެވެ. ކަތީބު ނިކުންނެވުމާއިއެކު ހޯބޯލެވުން ހުއްޓި އެންމެން އަޑުމަޑުކޮށް ކަތީބު ބުނާނެ އެއްޗެއް އަޑު އެހުމަށް ހިމޭންވިއެވެ. ކަތީބުގެ ވާހަކަފެށީ ތަންކޮޅެއް ދުރުންނެވެ. ނަމަވެސް މަޑުމަޑުން ރައްޔިތުންނަށް ވެގެން މިއުޅޭ ގޮތާއި ދެން ކަންތައް ކުރަންވީގޮތް ކިޔައިދިނެވެ. އަދި މުދިންބެ ބުނިހެން އެއްވެސް މީހަކު އެކަނި ވަލުތެރެޔަށް ނުވަތަ އެހެން ތާކަށްވެސް ނުދިޔުމަށް އެންގިއެވެ. އަދި އަންހެންވެރިން އެކަނި ނުދިއުމަށާއި މިކަމުގައި ފުރާވަރަށް ނޭޅޭ އެކަކުވެސް ބައިވެރި ވެގެން ނުވާނެކަމަށް އެންގިއެވެ. ކަތީބުގެ ވާހަކަ ނިމުމާއިއެކު ރައްޔިތުން ބައިބަޔަށް ބެހިލިއެވެ. އަދި އެކި ބައިބަޔަށް ރަށުގެ އެކި ސަރަހައްދުތަށް ބަލައި ފާސްކުރުމަށް ހާއްސަކޮށް ހިގައިގަތެވެ.
އަސުރުވީއެވެ. ރަށުތެރޭގައި ވަނީ ހިމޭންކަމެވެ. މަގުމަތިންވެސް މީހަކު ފެނނިލާ ފަހަރު އަތުގެ އިނގިލަތަކުން ގުނާލެވޭހައި ވެއެވެ. އެހެންޏާ ހަވީރުގަޑީގައި އަތިރިމައްޗާއި ގޭގޭ ދޮށުގައި ކުޅެންއުޅޭ ކުއްޖަކުވެސް މިއަދު ފެންނާކަށް ނެތެވެ. ރަށުތެރޭގައި ދަރިންބަލަންތިބި ބަޔަކު ވިއްޔާ ތިބީ ގޭތެރޭގައި ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިނގައިގެންއުޅޭ ހާދިސާގެ ބިރުވެރިކަމުން ކަމުގައިވެސް ވެދާނެއެވެ. ރަށުތެރެއާއި ވަލުތެރޭގެ އިތުރުން ގޮނޑު ދޮށާއި ފަޅުތެރެވެސް ރައްޔިތުން މިހާރު ދެތިން ފަހަރު ބަލައިފިއެވެ. ނަމަވެސް އެކުއްޖާގެ ހަބަރެއް ހިލަމެއް ނެތެވެ. ބަނޑުހައިވެގެން ނުވަތަ އަނިޔާއެއްވެގެންވެސް ރޯލާއަޑު ވެސް ނީވެއެވެ. ވީނުވީއެއް ލިޝާނެއް ނެތި ގައިބުވީއެވެ.
އެތަށް ބަޔެއްގެ އެތަށް މަސައްކަތަކުން ފާތުމައްއަށް ހޭވެރިކަންވާން ފަށައިފިއެވެ. ނަމަވެސް ވާހަކައެއް ދެއްކޭވަރެއް ނުވެއެވެ. އާނ ހޫނ ކިޔާލުން ފިޔަވައެވެ. މުޅި މީހާ ހުންއައިސް އޮތީ ރަތްވެފައެވެ. ފާތުމަގެ އަމާ ފޮތިގަނޑެއް ތެއްމަ ތެންމާފައި އިރު އިރުކޮޅުން ފާތުމަގެ ނިއްކުރީގައާއި މޭމަތީ ކާއްތާލަ ކާއްތާލަ އިނެވެ. ނުރޯން ކިތެއްމެ ހިތްވަރެއް ކުރި ނަމަވެސް ހަސަނަށްވެސް ރޮވެއެވެ. ހަސަނުގެ ބަފައިބެޔާއި އަދި އިތުރު މީހަކުވެގެން އިރުއިރުކޮޅުން ހިތްވަރު ދެމުން ގެންދިޔައެވެ. ހިތާމައާއި ކަންބޮޑު ނުވާންވީ ކީއްވެގެން ހެއްޔެވެ. އެއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. ވިހެއިތާ ގިނަ އިރުތަކެއް ނުވެ ގެއްލުނީ އެތަށް ސަތޭކަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.
މަސް ވަޅުލިތަން ކޮނެފައި ހުރީ ކާކުހެއްޔެވެ? ކެޔޮވަލާއި ކެޔޮ ގަސްތަކުތެރޭގައި ހުރީ ކޮން ލެޔެއް ހެއްޔެވެ? މިއީ އިންސިއެއް ނުވަތަ ޖިންނި ފަރާތު ކަމެއް ބާވައެވެ? އިރުއޮއްސެން ކައިރިވުމާއިއެކު ކުއްޖާ ހޯދުމުގެ މަސައްކަތް މެދުކަނޑައި ލުމަށްފަހު ވަލުތެރެއިން ނިކުމެ ރަށު އޮފީހާއި ދިމާލަށް ހިނގައިގަތީ ނާއުންމީދުން ފުރިފައި ތިބެގެންނެވެ. އެފަކީރު ސަލާމަތުން ހެޔޮ ހާލުގައި ހުރިކަމަށް ގަބޫލުކުރަން މިހާރު ދައްޗެވެ. ރަށަކީ ކުޑަ ރަށަކަށް ވެފައި ރަށުގެ ހުރިހާތަނެއް އަތްފުނާ އަޅައިގެން ބަލައިފިއެވެ. ނުފޮރޮޅާ ގައުކޮޅެއް ނުހާވާ ފަން ފޫންޏެއް ނުބަލާ ވިނަގަނޑެއް ގަސްފޫންޏެއް ރަށުގައި މިހާރު ނުހުންނާނެކަން ކަށަވަރެވެ. ފަޅުތެރެއާއި ހޭޅިފަށާ ކޮނެފައި ހުރި ވަޅުގަނޑު ގަނޑަށް ދާންދެން ބަލައި ހޯދައިފިއެވެ. އެކުއްޖާ ފަކީރުގެ ލިޝާނެއްވެސް ފެންނަން ނެތެވެ.
ކުއްޖާ ނުފެނުނު ހަބަރު ރައްޔިތުން ކަތީބަށް ދިނީ މާޔޫސް ކަންމަތީ ތިބެއެވެ. ކަތީބު ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރުމަށްފަހު ކަމެއް ޖެހިއްޖެނަމަ އަދިވެސް އަންގާލާނެކަމަށް ބުނެ ރައްޔިތުން ފޮނުވާލިއެވެ. އަދި އަރިސް ދެތިން މީހަކާއިއެކު ހަސަނުމެންގެޔަށް ދާންހިނގައިގަތްއިރު މަޣުރިބު ނަމާދު ބަންގި ގޮވަނީއެވެ. އެހެންކަމުން މިސްކިތަށް އަރާ ނަމާދުކޮށްލައިގެން ހިނގައިގަތެވެ. ނަމާދުން ފައިބައިގެން މުދިންބެއާއި އެކު ކަތީބާއި އަދި އަރިހު ދެތިން މީހުން ގޮވައިގެން މިސްރާބު ހިފައިލީ ހަސަނުމެން ގެޔަށެވެ.
ރަށުތެރޭގައި ފެތުރިފައިވާ ހިމޭންކަން ފިލައިގެން ނުދެއެވެ. ކުއްޖާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ ރައްޔިތުން ވަރުބަލިކަމާއި އެކު ނިދާފައި ތިބިއިރު މުޅި ރަށުތެރެއިން އިވެމުންދަނީ ރަފީގު ގޮވާއަޑެވެ. އަރަމުން އަންނަ ސާދަވިލޭރޭގެ ޅަ ހަނދުން ދުނިޔެ އަލިކުރަން އޭރު ވަނީ ފަށައިފައެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު މުދިންބެ އެއްޗެއް ހަނދާންވެގެން ހުއްޓުން އެރިއެވެ. އަދި ފަހަތަށް ބަލަހައްޓައިގެން ގެއްލިފައި ހުރެވުނެވެ. ދެތިން ފަހަރަކު ކަތީބު ގޮވާލުމުން ކުޑަ ސިހުމަކާއިއެކު އަނެއްކާވެސް ހިނގަގަތީ ހަސަނުމެން ގެޔަށެވެ.
މާ ދުރަށް ނުހިނގާ އަނެއްކާވެސް މުދިންބެ ހުއްޓުނެވެ. އޭނާއަށް ކުރެވޭ އިހުސާސްތަކާއި ހިއްސުތަކުން ދެމުން ގެންދާ މެސެޖުތަކުން ކަމެއް ކަށަވަރު ކުރަން ބޭނުންވާކަހަލައެވެ. އެނބުރި އެހިސާބަށް ދާނީބާވައެވެ? ނުވަތަ އެއީ ކުއްހީއެއްކަމަށް ނިންމާނީތޯއެވެ? ކަށަވަރުކުރަން ނޭގި ހިނދުކޮޅެއް ބޭނުންވީއެވެ. މުދިންބެ އެނބުރި އައިކޮޅަށް ހިނގައިގަތުމުން ފަހަތުން ކަތީބާއި ދެންތިބި މީހުންވެސް ހިގައިގަތެވެ. ކޮންމެސް ކަމެއްގެ ހިލަމެއް މުދިންބެއަށް ވެއްޖެކަމަށް ކަތީބަށް ގަބޫލުކުރެވުނެވެ.
ވަކި ހިސާބަކަށް ދިއުމަށްފަހު މުދިންބެ ހުއްޓުނީ އެމަގުން ވަދެވެން އޮންނަ ގޯޅިއެއްގެ ކަންމައްޗަށެވެ. މާގިނައިން ގެތަށް ހުރި ހިސާބެއް ނޫންކަމުން ގޯޅި ތެރެއިން ތަންކޮޅެއް ދުރުން ފެންނަން ހުރި ގޭގައި އަލިކަމެއް ފެންނަން ނެތްކަން އެންމެނަށްވެސް ފާހަގަ ކުރެވުނެވެ. ކަތީބަށް ބަލައި ލެވުނީ މުދިންބެގެ މޫނަށެވެ. ކަށަވަރު ނުވާ ޒާތަކަށެވެ. މުދިންބެގެ ފަހަތުން އެންމެން އެގެއާއި ދިމާލަށް މިސްރާބު ހިފައިލިއެވެ.
ފަނޑު އަލިކަމެއް ވެރިވެފައިވީ ގޭތެރެ ވަނީ ދުމުން ފުރިފައެވެ. ގޭތެރޭގައި ދުވަނީ ކަށިމާވަހެވެ. ބިންމަތީގައި ކުރަހާފައި އޮތް ތަރީގެ ކޮންމެ ކަނެއްގައި އަލިފާންކޮޅެއް ރޯކޮށްފައި ހުއްޓެވެ. ތަރީގެ މެދުގައި ކުޑަ މޭޒެއް ހުރިއިރު އޭގެ މަތީގައި ކަޅު ފޮތިގަނޑަކުން ނިވާކޮށްފައިވީ އެއްޗެއް އޮތެވެ. ފޮތިގަނޑު މަތީގައި ލޭގެ އަސަރު ކޮންމެވެސް ވަރަކަށް ހުއްޓެވެ. ތަރީގެ މެދުގައި ހުރި ކުޑަ މޭޒުގެ އެއް އަރިމަތީ ދަޅަކަށް އަލިފާން އަޅާފައި ހުއްޓެވެ. ބިންމައްޗާއި އެއްކޮން ތަރީގެ ހަ ކަނަށް ލޭ އަޅާ ފައި ވާއިރު މާ ދުރުނޫން ހިސާބެއްގައި ކަތިލާފައި އޮތް ރަތް ހާލެއް އޮތެވެ. ބަލާ ބެލުމަށް އެސޮރުގެ ދުވަސް ހީވަނީ ގޮސްފައި ވާހެންނެވެ.
ދުމުން ފުރިފައިވީ ގޭތެރޭގައި އުނު އޮރިޔާން ނުކޮށް ބޯހާވާލައިގެންހުރި މުސްކުޅި ފުރައިގެ އަންހެނަކު ހުއްޓެވެ. އަނގަ ތަންމިނަށް ހުޅުވައި ދޫ ބޭރުކޮށްގެން ހުރި އިރު މުޅި އަނގަމަތީގައާއި މޫނުގައި ހުރީ ލެޔެވެ. ދެލޯ ބޮޑުކޮށް އަތުން ވައްތަރުތަކެއް ޖައްސަމުން ހުރެ އިސްތަށިގަނޑު ހޫރައެވެ. ކިޔާނުކިޔާ ނޭގުނަސް ކޮންމެވެސް އެއްޗެހިތަކެއް ކިޔާކަން ކަށަވަރެވެ. އިރުގަނޑަކު އެ ވައްތަރުތަކާއި ކިޔެވި އެއްޗެއް ކިޔަވާ ނިމުމަށްފަހު ގަޔަށް ކުޑަކަމު ދިޔައެވެ. އެތަކެތި މުޅި ގައިގައި އުގުޅާ ގިބުލަޔަށް ފުރަގަސްދީގެންހުރެ ނަމާދު ކުރާ އުސޫލުން ގުދުވެ ގުދުވެފައި ތެދުވިއެވެ.
އެ ކުރިކަމެއް ކޮށް ނިންމުމަށްފަހު އެއަންހެންމީހާ ތެދުވިއެވެ. އަދި ކައިރި ބިތަކަށް ޖަހާފައިހުރި ކަތިވަޅިއެއް ނަގައިގެން އައިސް ތަރީގެ މެދުގައި ހުރި ކުޑަ މޭޒު ކައިރިޔަށް ހުއްޓުނެވެ. އިރަކޮޅަކު ބަލަން ހުރުމަށްފަހު މަޑުމަޑުން ކަތިވަޅި އަތުކޮޅަށް ދަމާފައި ފޮތިގަނޑާއި ދިމާލަށް މަޅައިލިއެވެ. އެވަގުތު الله އަކުބަރޭ ގޮވާލި އަޑު މުޅި ގޭތެރެއިން ގުގުމާލިއެވެ. އަދި މުދިންބެ ވަރަށް ހުޝިޔާރުކަމާއިއެކު އަންހެންމީހާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ކަތީބު ދުވެފައި ގޮސް ކަޅު ފޮތިގަނޑު ނަގައި އެއްލާލައި މޭޒުމަތީގައި އޮތް ތުއްތު ކުއްޖާ ނެގިއެވެ. ހަމަ އެވަގުތު އިތުރު މީހަކު އައިސް ފޫޅުމައި ދައިތަގެ އަނެއް އަތުގައި ހިފައި ގަދަކަމުން ބިންމައްޗަށް ތިރިކުރުވިއެވެ. (ނިމުނީ)
ނިމުނު ގޮތުން ހީވަނީ އަދިވެސް އިތުރު ބައެއް އަންނާނެ ހެން. އެހާ ނިމުމަކަށް ނުވާކަހަލަ ގޮތަކަށް މިވާހަކަ މި ނިންމާލީ. އެކަމު ސަޅި