ފިލްމު "ބޫލް ބުލައްޔާ 2" ގެ ކާމިޔާބީއަށްފަހު ބަތަލާ ކިއާރާ އަދި އެކްޓަރު ކާތިކް އަރްޔަން އެކީގައި ކުޅޭ 2 ވަނަ ފިލްމު "ސަތްޔަޕްރޭމްކީ ކަތާ" ރިލީޒްކުރުން އަންނަ އަހަރުގެ ޖޫން 29 އަށް ޝެޑިއުލްކޮށްފިއެވެ.

ލޯބީގެ މިއުޒިކަލް ފިލްމެއް ކަމަށްވާ "ސަތްޔަޕްރޭމްކީ ކަތާ" އަކީ ނެޝަނަލް ފިލްމު އެވޯޑް ހާސިލްކޮށްފައިވާ ސަމީރް ވިދްވާންސް ޑައިރެކްޓްކޮށް ނަމަހް ޕިކްޗާސްއާއި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓްއިން ގެނެސްދޭ ފިލްމެކެވެ.

މިފިލްމު ރިލީޒްކުރާނެ ތާރީޚު ޝެޑިއުލްކޮށްފައިވާއިރު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ތިއޭޓަރުގައެވެ.

މިފިލްމުގެ ފުރަތަމަ ލުކް އާއްމުންނަށް ދައްކާލާފައިވަނީ ބަތަލާ ކިއާރާ އަދްވާނީގެ އުފަންދުވަހުއެވެ. "ހެޕީ ބާތްޑޭ ކަތާ": ތުމާރާ ސަތްޔަ ޕްރެމް، މިމެސެޖާއަކު ކިއާރާގެ އުފަންދުވަހާއި ގުޅުވައިގެން ފިލްމުގައި ދެމީހުންގެ ފެންނާނެގޮތުގެ ފޮޓޯއެއް ކާތިކްވަނީ ޕޯސްޓްކޮށްފައެވެ.

މިފިލްމުގެ އިތުރުން ބަތަލާ ކިއާރާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި، ދަރްމާ ޕްރޮޑަކްޝަންގެ ފިލްމު "ގޯވިންދާ ނާމް މޭރާ" އަދި ތެލުގޫ ފިލްމެއް ކަމަށްވާ "އާރް.ސީ 15" ހިމެނެއެވެ.

މީގެއިތުރުން އެކްޓަރު ސިދާތް މަލްހޯތްރާއާއެކު އިތުރު ލޯބީގެ ފިލްމެއްގައި ކިއާރާ މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށްވެސް ފަހުގެ ރިޕޯޓުތައް ބުނެއެވެ.

މިފިލްމާއި ބެހޭގޮތުން ކާތިކް ބުނެފައިވަނީ މިފިލްމުގައި ވަރަށްގިނަ ކެރެކްޓާއަށް ބަދަލުވެގެންދާނެއެވެ. އެއީ އޭނާ ވަރަށްކެރިގެން ކުރިމަތިލާ ބޮޑު ޗެލެންޖެއް ކަމުގައިވެސް އެކްޓަރުވަނީ ބުނެފައެވެ.

މިފިލްމަށް ތަމްރީނު ހޯދުމުގެގޮތުން މިއަހަރުގެ ފަހުކޮޅު ގިނަ ވަގުތު އެކަމަށް އޭނާ ހުސްކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފިލްމުގެ އިތުރުން ކާތިކް އެންމެ އަވަހަށް ފެނިގެންދާނީ 2020 ވަނަ އަހަރު ރިލީޒްވި ފިލްމެއްގެ ރިމޭކްއަކުންނެވެ. ބަތަލާ ކްރިތީ ސެނަންއާއެކު މިފިލްމުން އެކްޓަރު ފެނިގެންދާއިރު އެއާފޯސް އޮފިސަރެއްގެ ރޯލް ކުޅެން ހަމަޖެހިފައިވާ ހަންސްލް މެހެތާގެ ފިލްމެއްވެސް ކާތިކް އަތުގައި އެބައޮތެވެ.