ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރި ކުޅަދާނަ ފިލްމީތަރި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވެފައިވަނީ މެޔަށް އެރި ކުއްލި ތަދަކާއި ގުޅިގެން ފަރުވާ ހޯދަމުންދަނިކޮށް އަވައްޓެރި ސްރީލަންކާގައެވެ. ފައުޒިއްޔާ ދިރިއުޅުނީވެސް ސްރީލަންކާގައެވެ.

ފިލްމް އިންޑަސްޓްރީގައި 35 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފައުޒިއްޔާ އަކީ، ފިލްމު ތަކާއި ޑްރާމާ ތަކުގައިވެސް މަންމަ އެއްގެ ރޯލުން ގިނައިން ފެނިފައިވާ ފަންނާނެކެވެ. ގިނަފަހަރު މަންމަ އެއްގެ ރޯލުން ފައުޒިއްޔާ ފެނިގެންދާތީ، އެއީ ދިވެހި ފިލްމް އިންޑަސްޓްރީގެ މަންމަގެ ގޮތުގައިވެސް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ފައުޒިއްޔާގެ ނިޔާވުމާއި ގުޅިގެން ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންނާއި، ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ގައުމުގެ އިއްޒަތްތެރިންވެސް އަންނަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ، ފައުޒިއްޔާގެ މަރާއެކު އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވާ ކަމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ފައުޒިއްޔާގެ މަރަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ހަޔާތާއި ފަންނީ ކަންކަމުގައި ވިދި އެންމެ އަލިގަދަ އެއްތަރި އޮއްސުން ކަމުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

ފިލްމް އިންޑަސްޓްރީގައި ފައުޒިއްޔާ އެންމެފަހުން ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައި އޮތީ، މުހައްމަދު ނިޔާޒް (ޓެޑްރީ) މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް"ގައި ކޮށްފައިވާ މަސައްކަތެވެ. މި ފިލްމުން ފައުޒިއްޔާ ފެނިގެންދާނެކަން ހާމަކޮށް ޓެޑްރީ މީގެކުރިން ކުރި ޕޯސްޓެއްގައި ވަނި> ފައުޒިއްޔާ އާއިއެކު ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބުމަކީ ނުހަނު އެދިއެދި ހުރި ކަމެއް ކަމަށާއި، "ލަސްވިޔަސް: އެކަން ހާސިލްވުމުން ނުހަނު އުފާކުރާ ކަމަށެވެ.