ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަޤްވާމީ ޓީމަކާއެކު ރާއްޖޭގެ ފުން ކަނޑުތައް ދިރާސާ ކުރަން ހަމަޖެހިފައިވާ ނެކްޓަންމިޝަންގައި ދިވެހި ދެ އަންހެނުން ބައިވެރިވާގޮތަށް ހަމަޖެހި ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.
މި ދިރާސާ މިޝަނާއި އެކު ދުނިޔެ ހޫނުވުމުން ލިބިދޭ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހޯދިގެންދާނެއެވެ.
މި މިޝަންއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެެވެ.
މި މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓީމް ލީޑް ކުރަން ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމެވެ. ޝަފިޔާ އާއި އެކު ނެކްޓަން މޯލްޑިވްސްގެ ރިސާރޓް އެސިސްޓަންޓެއް ކަމުގައިވާ ފަރާހް އަމްޖަދު ވަނީ މި މިޝަންގެ ފުރުތަމަ ބައިވެރިންގެ ގޮތުގައި ހަމަޖެހިފައެވެ.
ނެކްޓަން މޯލްޑިވްސް މިޝަނުން ސެޕްޓެންބަރ މަހުގެ 4 ވަނަ ދުވަހުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަތަހައިން ފެށިގެން 1000 މީޓަރު އަޑިއަށް ކުރެވޭ މިފަދަ ފުރަތަމަ ސިސްޓަމެޓިކް ސާރވޭ އެންޑް ސާމްޕްލިންގް ގެ މަސައްކަތް ފަށާނެއެވެ. ކަނޑުގެ 50 މީޓަރަށް ވުރެއް ފުނަށް ދިޔުމަކީ އާންމުކޮށް ކަމަކަށް ނުވާތީ، ކުރިން ފެނިފައިނުވާ އެތައް ތަނެއް ފެނި އެތަކެއް އައު ތަގުރިބާތަކެއް މި ނިޝަންގެ ބައިވެރިންނަށް ކުރެވިގެންދާނެ ކަމަށް ނެކްޓަނުން ބުނެއެވެ.
ޝާފިޔާ ވިދާޅުވީ، މި ޑައިވް ތަކުގެ ބޭނުމަކީ ކަނޑުގައިވާ ދިރިއުޅުންތަކާ އިތުރައް މައޫލޫމާތު ހޯދުން ކަމަށާ، އެ މައުލޫމާތުގެ އަލީގައި މިވެއްޓާއި އޭގައިވާ ދިރުންތައް ފުރިހަމަ ގޮތުގައި ހިމާޔަތްކުރަން ޖެހޭ ކަންކަން ދެނެގަނެވޭނެ ކަމަށެވެެ.
ރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ، އަދި ކަނޑުގެ ލޮނުގަނޑުގެ އެންމެ 1.5 މީޓަރު އުހުގައިވާ ގައުމެކެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުކަމަށް ނެކްޓަނުން ބުނެއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާކުރުމަށް މި ނިޝަންގެ ތެރެއިން ހަމަޖެހިފައިވެއެވެ.
ދުނިޔޭގައި 1000 މިޓަރަށް ވުރެއް އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވަނީ ހަމައެކަނި 300 ފަރުބަދައިންނެވެ. ރާއްޖޭގައި މިގޮތަށް ހުންނަ 34 ފަރުބަދައެއްވާއިރު، އެ ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ.
މި މިޝަނާއި އެކު ރާއްޖޭގެ އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ދެ ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރެވިގެން ދާނެއެވެެ. މިމިޝަންގައި ޖުމްލަ 40 ޕާޓްނަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި 16 ދިވެހި ޕާޓްނަރުންނާއި 24 ބައިނަލްއަޤްވާމީ ޕާޓްނަރުން ހިމެނެއެވެ.