ބުޅަލުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ވިލިމާލޭގައި ކެޓް ޝެލްޓަރ އިމާރަތަކާއި އެކު ވެޓް ސާވިސް ކްލިނިކެއް ގާއިމުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުއެވެ.
މި ބައްދަލުމުގައި ވަނީ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކެޓް ޝެލްޓަރ އިމާރާތަކާ އެއްކޮށް ވެޓް ސާރވިސް ކްލިނިކެއް ހިމެނޭ ގޮތަށް ކައުންސިލްގެ ޙަރަދުގަ ވިލިމާލޭގައި އިމާރާތެއް އަޅާ، އެ ޙިދުމަތް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ތާއީދު ކުރައްވާ ބޭފުޅުން ބެއްލެވުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކައުންސިލަރުންގެ ވޯޓެއް ނަންގަވާފައެވެ.
ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުން ވެޓް ކްލިނިކް ވިލިމާލޭގައި ގާއިމުކުރުމަށް 13 ކައުންސިލަރުންގެ ތެރެއިން 12 ބޭފުޅަކު ވޯޓު ދެއްވާފައިވެއެވެ. އެ މަޝްރޫއާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ ކައުންސިލަރެކެވެ.
މި މަޝްރޫއަށް 5 މިލިއަނާއި 8 މިލިއަނާ ދެމެދުގެ ހަރަދެއް ވާނެކަމަށް ބެލެވޭ އިރު، މޭޔަރު މުއިއްޒު ވަނީ މި މަޝްރޫއާ ގުޅޭ މަސައްކަތްތައް ކައުންސިލަރުންނަށް ހަވާލުކުރައްވާފައެވެ.
އެގޮތުން މި މަސައްކަތް އޯވަސީކޮށް ޕްރޮޖެކްޓް ވިލަރެސްކޮށްދިނުމަށް ވިލިމާލެ ސާވިސް ކޮމިޓީ އާއި އެންވައިރަމެންޓް ކޮމެޓީއާ ގަވައިދު ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްދިނުން މޭޔަރު ވަނީ އެދިލައްވާފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ، މިކަމާ ބެހޭ ހަރުދަނާ އުސޫލެއް ލިޔެވެން ޖެހޭނެކަމަށާއި ޑިޒައިނިންއާ ގުޅޭ މަސައްކަތްތައް ކުރުމަށް އިންހައުސް ސްޓާފުން ތިބޭނެ ކަމަށެވެ.
މީގެ ިއތުރުން، މި އަޝްރޫއުގެ މަސައްކަތް ހަވާލުކުރެވުނު ތިން ކޮމެޓީގެ މުގައްރިރުން ކޮމެޓީ ޖޮއިންޓްކޮށް ވަރަށް އަވަސް ގޮތެއްގައި އެ މަސައްކަތް ކުރެއްވުމަށް ޑރ. މުއިއްޒު ވަނީ އެދިފައެވެ. އެހެންކަމުން، ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ޕްރޮކިއުމަންޓް ނުވަތަ ބިޑިން ޕްރޮސެސަށް ހުޅުވާލެވޭ ވަރަށް ތައްޔާރުވާން ޖެހޭކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.