މަގުބޫލު ކޮމެޑީ ފިލްމު "ހައުސްފުލް" ގެ ސީރީސްތައް ގެނެސްދީފައިވާ ޑައިރެކްޓަރުގެ އާ ފިލްމެއް މިއަންނަ އަހަރުގެ ދިވާލީއާއި ދިމާކޮށް ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓީ-ސީރީސްއާއި ގުޅިގެން ގެނެސްދޭ މިއެކްޝަން ކޮމެޑީގެ ނަމަކީ، "100 ޕަސެންޓް" އެވެ.

ފިލްމުގެ ކާސްޓުންނަށް ބަލާއިރު ފިލްމަށް ހޮވާފައިވަނީވެސް ސާޖިދްގެ ގިނަ ފިލްމުތަކުން ބެލުންތެރިންގެ ވަރަށް މަގުބޫލުކަން ހޯދާފައިވާ ތަރިންނެވެ. އޭގެތެރޭގައި، އެކްޓަރު ޖޯން އަބްރަހަމް، ރިތޭޝް ދޭޝްމުކް، ބަތަލާ ނޯރާ ފަތްހީ އަދި ޝެހެނާޒް ގިލް ހިމެނެއެވެ.

މިފިލްމުގައި މައިގަނޑުގޮތެއްގައި ފެނިގެންދާނީ އިންޑިއާގެ ކައިވެނީގެ ސަގާފަތުގެތެރެއިން ބާއްވާ އެކި ހަފްލާތަކުގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ.

މީގެއިތުރުން އެކްޝަން ސީންތަކެއްވެސް ފިލްމުގައި ހިމަނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފިލްމުގައި ސާޖިދް ޚާން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ޓީ-ސީރީސްގެ ފަރާތުން ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ބޫޝަން ކުމާރްއެވެ.

ސާޖިދް ޚާން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައިވާ ފިލްމަކީ، 2014 ވަނަ އަހަރު ރިލީޒްވި ފިލްމު "ހަމް ޝަކަލަ" އެވެ.

ސާޖިދް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "ހެއި ބޭބީ"، "ހައުސް ފުލް2" އަދި "ހިއްމަތްވާލާ" ހިމެނެއެވެ.

ފިލްމު ޑައިރެކްޓްކުރުމުގެ އިތުރަށް އޭނާއަކީ ބައެއް ފިލްމުތައްވެސް ކުޅެ ހޯސްޓެއްގެގޮތުގައި ބައެއް ޓީވީ ޗެނަލްތަކުގައި ހަރަކާތްތެރިވެފައިވާ މީހެކެވެ.