ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ދިވެހިފުލުހުންގެ ޚިދުމަތް ވަކި މަދަނީ ޚިދުމަތެއްގެ ފެށި ޚިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔައިރު، ދިވެހި ފުލުހުންގެ ޚިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.
ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް އާއި އެއްގޮތަށް ވީހާވެސް ރަނގަޅަށް އަދި ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށްކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިވެހިފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މިޖަލްސާގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރ މަޤާމުގެ އާއްމު މުވައްޒަފުންނަށް، ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1 ސެޕްޓެމްބަރ 2004ގައެވެ.