ސިފައަށް ގެންނަ ބަދަލާއި ލާ ފޭރާމަކީ މީހާ ދީނީ އިލްމުވެރިއަކަށް ވާންޖެހޭ ސަބަބެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރު މައުމޫން އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ވީޓީވީގެ "ބޮޑުފެންޑާ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޔޯގާ އަކީ ދީނީ ނަޒަރަކުން ބަލާއިރު ކުރުން ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ކަމަށާއި އެކަމާއިމެދު ރައީސް މައުމޫނުގެ ޚިޔާލުފުޅަކީ ކޮބައިތޯ މި ޕްރޮގްރާމުގެ ހޯސްޓު އެއްސެވުން ރައީސް މައުމޫން ވަނީ ދީނީ އިލްމުވެރިންނަކީ ކޮބައިތޯ އާއި ވަކި މީހަކީ ދީނީ އިލްމުވެރިއެއްކަމަށް ނިންމަނީ ކޮން ފަރާތަކުންތޯވެސް ރައީސް މައުމޫން އެއްސެވިއެވެ.

އަދި ޔުނިވާސިޓީއަކުން ވަކި މުއްދަތެއްވަންދެން ކިޔަވާލުމަށްފަހު އެނބުރި އައިސް، ތުނބުޅި ދިގުކޮށް އަރަބި ހެދުމެއް ލުމަކުން އަދި އެއީ ދީނީ އިލްމުވެރިއަކަށް ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ކޮބައިތޯ ދީނީ އިލްމުވެރިންނަކީ. ދީނީ އިލްމުވެރިއެކޭ ކިޔާ ޓައިޓަލް އެއް މި އޮންނަނީ. އެއީ ދީނީ އިލްމުވެރިއެއް މިއީ ދީނީ އިލްމުވެރިއެއް، އެޔެއް ނިންމާ ފަރާތަކީ ކޮބައިތޯ؟ އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މިއީ ދީނީ އިލްމުވެރިއެކޭ؟ ކޮންމެވެސް ޔުނިވާސިޓީ އަކުން އެއްއަހަރު ދެއަހަރު ކިޔަވާލާފަ ދެން އޭނާގެ މަންޒަރަށް ބަދަލުތަކެއް ގެނެސްފަ. ތުނބުޅިއެއް ބަހައްޓާފަ، ދީނީ ވައްތަރުގެ، މިދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅައިގެން އުޅުނީމަ އެއީ ދީނީ އިލްމުވެރިއަކަށް ވީތޯ؟ އެއީ ދީނީ އިލްމުވެރިއަކަށް ވީކީ ނޫނޭ".
ރައީސް މައުމޫން

ރައީސް މައުމޫން ވަނީ، ފަސޭހަކަމާއެކު ގިނަ ބަޔަކަށް ދީނީ އިލްމުވެރިއެއްގެ ލަޤަބު މި މުޖުތަމައުގައި ދެމުން އަންނާތީވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ރައީސް މައުމޫން ވަނީ ދީނީ އިލްމުވެރިއެއްގެ ލަޤަބު ދޭންވީ ކިހާ ފެންވަރެއްގެ ބަޔަކަށްކަން ހާމަކުރައްވާފައެވެ. އަދި ދީނީ އިލްމުވެރިއަކަށް ވެވޭނީ ކިހާ ފެންވަރެއްގެ ސަނަދެއް އޮވެގެންކަން ބަޔާންކުރާ ޤާނޫނެއް، އެމަނިކުފާނުގެ ވެރިކަމުގައި ހަދާފައިވާކަން ފާހަގަކުރެއްވިއެވެ.

"ދީނީ އިލްމުވެރިއަކަށްވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން މަތީ ފެންވަރަށް ތައުލީމު ޙާސިލްކޮށްގެން ތިބޭ މީހުންނަށް ދެއްތޯ؟ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމާ ބެހޭ ޤާނޫނު، އެހެން ކިޔާ ޤާނޫނެއް އަޅުގަނޑު ރައީސް ކަމުގައި ހުރި އިރު ހެދިން. އެ ޤާނޫނުގައި އޮންނާނީ ބުނެފަ، ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރު ގަބޫލުކުރާ އިސްލާމިކް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީ ފާސް ހޯދައިގެން އަންނަ މީހުންނޭ. އެހެންވީމަ ކުއްލިއަކަށް މީހަކު ނުކުމެވަ ވާހަކަދެއްކީމަ އެއީ ދީނީ އިލްމުވެރިއަކަށް ވާނެތޯ؟ ނުވާނެ ނޫންތޯ؟ އަޅުގަނޑުމެން އެމަޖެހޭ ވަރަށް ބޮޑަށް ވިސްނަން މި ބުނެވެނީ ކީކޭތޯ".
ރައީސް މައުމޫން

ޔޯގާ އާއިމެދު ރައީސް މައުމޫން ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އެއްސެވުމުން އެމަނިކުފާނު ވިދާޅުވީ އެއީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ޔޯގާ އަކީ އަޅުކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ބަޔަކު އެކަން ކުރާތީއޭ ކިޔާފައި އެކަން ނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ރައީސް މައުމޫން ވާހަކަދެއްކެވިއެވެ. އަދި ޔޯގާ ގައި ދިވެހިން އިރަށް އަޅުކަން ނުކުރާ ކަމަށާއި އެކަން ކުރަނީ ކަސްރަތެއްގެ ގޮތުގައިކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

"ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކީއްވެތޯ ގޯސްވާންވީ. މިސާލަކަށް ބަޔަކު ބަޔަކު ބުނެފާނެ ޔޯގާއަކީ ހިންދީ ދީނުގެ މީހުން ކުރާ ކަމެކޭ. ހިންދީ ދީނުގެ މީހުންނަކީ މުޝްރިކުންނޭ. ޝިރުކުކުރާ ބައެކޭ. އެމީހުން ކުރާ ކަމެއް ކޮށްގެންނުވާނެއޭ. އޭގެ ޖަވާބުގައި ދަންނަވަން އޮތީ ފުޓުބޯޅަ ކިހިނެތްތޯއޭ ވަނީ. ފުޓުބޯޅައަކީ ހުޅަނގުގެ އުފެއްދުމަކަށްވަންޏާއި ހުޅަނގުގެ ގައުމުގެ މީހުންނަކީވެސް ހަމަ މުޝްރިކުން. އެހެންވީމަ ފުޓުބޯޅަވެސް ކުޅެގެންނުވާނެތާ. ކްރިކެޓްވެސް ކުޅެގެން ނުވާނެތާ. ޔޯގާވެސް ނުހެދޭ ކަމަށްވަންޏާއި މި ދެންނެވީ. އެދެން ދެކޮޅު ޖެހޭ ވާހަކައެއް ނޫން އެ ދައްކަނީ. އަޅުގަނޑުމެން އިރަށް އަޅުކަން ކުރަނީއެއްވެސް ނޫން. އެކަން ހިތުގައި އޮތީއެއްވެސް ނޫން. އެއިން އެއްވެސް ކަމެއްް ކުރަނީއްނޫން. މިދެން ހަމަ ކަސްރަތެއް. އެ ކަސްރަތު އެހެން ކުރާއިރު ފުޓުބޯޅަ ކުޅުމެކޭ ޔޯގާ ހެދުމެކޭ ކޮބާތޯ ތަފާތެއް. އެވެސް މުޝްރިކުން މިވެސް މުޝްރިކުން. އެކަމު އަޅުގަނޑުމެންގެ ހިތުގަ ޝިރުކު ނެތިއްޔާމު، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުންކަން ހިތުގަ އިހުލާސްތެރިކަމާއެކު މާތް ﷲ ވޮޑިގެންވާކަމާ އެކަލާނގެއީ ހައްގު އިލާހުކަމާ، މިކަންކަން ހިތުގަ އިހުލާސްތެރިކަމާއެކު އޮތިއްޔާމު ދެން ކޮންމެ ގޮތަކަށް ކަސްރަތު ކުރިޔަސް، އެކަމުން އެޔަކަށް ކުރާނެ އަސަރެއް ނޯންނާނެ ނޫންތޯ؟".
ރައީސް މައުމޫން

ވީޓީވީގެ ބޮޑުފެންޑާ ޕްރޮގްރާމުގައި ރައީސް މައުމޫން ޔޯގާ އާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު، ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅުވައިގެންވެސް ރައީސް މައުމޫން ވަނީ ރައުޔެއް ނެރުއްވާފައެވެ.

ރައީސް މައުމޫން އަބްދުލްޣައްޔޫމް އާއި ބޮޑުފެންޑާ ޕްރޮގްރާމުގެ ހޯސްޓު- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

މައުމޫން ނެރުއްވި ރައުޔުގައި ވަނީ، ގައުމީ ނުވަތަ އިޖުިތިމާޢީ މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަ ކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ކުރާ ކަންކަމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަންކަމެވެ.

ހަރާމް އަދި ހަލާލު ކަންކަމަކީ ކަނޑައެޅި ބަޔާންވެގެންވާ ކަންކަންކަމަށާއި، ހަރާމް ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެކަންކަމުގެ މައްޗަށް ހަރާމްކަމުގެ ގަރީނާތައް ފެންނާން ހުރި ކަންކަން ފިޔަވައި އެހެން ހުރިހާ ކަންކަމަކީ ހުއްދަވެގެންވާ ކަންކަން ކަމުގައި މައުމޫން ވިދާޅުވެފައިވެއެވެ.

މި ރައުޔާއި ގުޅިގެންވެސް ގިނަ އަދަދެއްގެ އިލްމުވެރިންގެ ނުރުހުމާއި ފާޑުކިޔުން ރައީސް މައުމޫނަށް އަމާޒުވެފައިވެއެވެ.