ކަންތައްތައް އިސްލާހުކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގައިލުމާއި، ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ، "ސުލްޙަވެރި މުޖުތަމަޢެއް ބިނާކުރުން" މި މައުޟޫއަށެވެ.

ހުތުބާގައި ވަނީ، ހިނގަމުން މިދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިބައިވުމާއި، ދެކޮޅުވެރިކަމާއި، ހަނގުރާމަތަކާއި، ލޭ އޮހުރުވުން އާންމުވަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްފައެވެ. މީގެއިތުރުން އިގްތިސާދީ ހީނަރުކަމާއި، މަގާމާއި، ނުފޫޒާއި ޖާހަށްޓަކައި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރާ ދުވަސްވަރެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނީ، މިފަަދަ ފިތުނަވެރިކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް މިކަންކަމުގެ އަސަރު ފޯރިޔަނުދިނުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށެވެ. ނޫންނަމަ، އަހަރެމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިގްތިސާދު ހަލާކުވެދާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ދެއްވި އެންމެ މަތިވެރި އެއް ނިއުމަތް ކަމުގައިވާ، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެފަދަ ނުރައްކާތެރި، ގެއްލުން ހުރި، ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ނުވަދެ، އެފަދަ ހުރިހާ ކަމަކުން ދުރުހެލިވުމަށް ހުތުބާގައި ބަނީ ނަސޭހަތްތެރިވެފައެެވެ.

ހުތުބާގައި ބުނީ، މުސްލިމުން އަބަދުވެސް ވާންވާނީ، އަބަދުވެސް، ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށްކަމަށާއި، ޒާތީ މަސްލަހަތު ކުރިއަށްނެރެ، ގައުމުގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކު ކަމުގައި ނެގެންނުވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"އިސްލާހުކުރުމަށް މަސައްކަތްކުރާހާ ހިނދަކު މާތްﷲ އަހަރުމެންނަށް އެކަމަށް ތައުފީގު ދެއްވާނެކަން ކަށަވަރެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. "ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކުކަމުގައި ވަނިކޮށް، އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ."
ހުތުބާ

ހުތުބާގައި ބުނީ ކަންތައްތައް އިސްލާހުކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގާލުމާއި، ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަންކަމަށެވެ. މުޖުތަމައެއްގައި ފަސާދަ އާންމުވެއްޖެނަމަ، މާތްﷲ އެބަޔަކަށް އުގޫބާތް ދެއްވާކަމަށާއި، އެއީ، އެބައިމީހުން މާތްﷲ ގެ ހަޒްރަތަށް ރުޖޫއާވޭތޯކަަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރައްވާފައިވެެއެވެ. " މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގެ ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫއަ ވުމަށްޓަކައެވެ." އަދިވެސް މާތްﷲ ވަހީކުރައްވާފައިވެއެވެ. "އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެންނަށް ނުބަލަނީ ހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބުމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ﷲ، އެއުރެން ހަލާކުކުރެއްވިއެވެ. އަދި ﷲގެ އަޒާބުން ރައްކާތެރިކޮށްދޭނެ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ."
ހުތުބާ

ހުތުބާގައި ބުނީ، އިސްވެދިޔަ އުންމަތްތަކުގެ ވާހަކަ ކީރިތި ގުރުއާނުގައި އައިސްފައިވަނީ، އެގައުމުތަކަށް ކުރިމަތިވި ހާދިސާތަކުން އަހުރުމެން އިބުރަތް ލިބިގަތުމަށްކަމަށެވެ. ﷲގެ އަމުރުފުޅުތަކަށް ފުރަފަސްދީ، އިސްލާމްދީނަށް ފުރައްސާރަކޮށް، މަލާލާތްކުރާ މީހުންނާއި، އިސްލާމީ ޝަރީއަތް ގާއިމްކުރުމުގެ ނަމުގައި، އަމިއްލަ އަމިއްލައަށް ނިޔާ ކަނޑައަޅައި، އަނިޔާކޮށް، މީހުން ގަތުލުކުރުން ފަދަ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނާއި، މީހުންގެ ހައްގުތަކަމަށް އަރައިގަންނަ މީހުންނަށް ފިލާވަޅަކަށްކަމަށެވެ.

އެކިއެކި ކުށްތައް ކުރާ މީހުންނަށް ބައެއް ފަރާތްތަކުން އަނިޔާކުރާ މަންޒަރު މަދުންނަނަމަވެސް މުޖުތަމައުން ފެންނަކަމީ، ހިތާމަހުރިކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކުށްކުރާ ފަރާތަތައް އިންސާފުގެ ކުރިމައްޗަށް ގެނައުމާއި، އަދަބު ދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއްކަމަށެވެ. އެކަން ތަންފީޒްކުރާނީ އެކަންކަމަށް ކަނޑައާޅާފައިވާ މުއައްސަސާތަކުންކަމަށެވެ.

ހުތުބާގައިވަނީ، އެބައިމީހުންގެ އަމަލުތައް ހުރިގޮތުގެ ސަބަބުން، އަހަރެމެންނަށްވުރެ، މާ ބޮޑެތި، މާ ބާރުގަދަ ގައުމުތަކަށް މާތްﷲގެ ކޯފާއާއި، އަޒާބުއައިސް އެބައިމީހުން ނިމިދިޔަ ގޮތް ހަނދާންކޮށް އިބްރަތް ލިބިގަތުމަށް ނަސޭހަތްތެރިވެފައެވެ.