އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޗެކު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލިމިޓެއް ކަނޑައަޅައިފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.

މިއެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމަކީ ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.

އޭގެތެރޭގައި ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނެއެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާ ގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ކުރިން ކަސްޓަމަރުންނާ ހިއްސާކުރުމަށް ބެންކުތަކަށް އަންގާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ 1 އޭޕްރިލް 2023 ގައެވެ.