ބަތަލާ ތާބޫއާއި އަޖޭ ދޭވްގަން އެކީގައި ފެނިގެންދާ ފިލްމު "ބޯލާ" ގެ ޝެޑިއުލް ނިންމާލައިފިއެވެ.

ޚުދު އަޖޭ އަމިއްލައަށް ޑައިރެކްޓަރެއްގެ ރޯލްކުޅޭ މިފިލްމުގެ މެއިން ލީޑްއިން ފެނިގެންދާނީވެސް އަޖޭއާއި ތަބޫއާއެވެ.

އަންނަ އަހަރުގެ މާޗް 30 ގައި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު، މިފިލްމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

މިފިލްމަކީ، ތަމަޅަ ބްލޮކް ބާސްޓާއެއް ކަމަށްވާ "ކައިތީ" ގެ ރިމޭކްއެކެވެ. 2019 ވަނަ އަހަރު ނެރުނު އެފިލްމަކީ އެކްޝަން ތްރިލާއެކެވެ.

އެފިލްމުގައި ދައްކުވައިދެނީ ޤަވައިދާ ޚިލާފަށް މުދާ އެތެރެކުރާ ގޭންގަކުން ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން، ގައިދީއަކު ފުލުހުންނަށް އެހީތެރިވުމުގެގޮތުން ކުރާ މަސައްކަތްތަކެކެވެ.

މިފިލްމުގައި އަޖޭއާއެކު ބަތަލާ ތާބޫ ފެނިގެންދާއިރު މި ދެ އެކްޓަރުންނަކީ ވަރަށް ގާތް ދެ އެކުވެރިންވެސްމެއެވެ. އަދި ސްކްރީނުން ދެތަރިން އެކީގައި ބެލުމަށް ބޭނުންވާ ފޭނުންގެ އަދަދުވެސް އެހާމެ ގިނައެވެ.

ފިލްމުގެ ޝޫޓިންގް ނިންމާލިކަމަށް ބުނަމުން ބަތަލާ އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖާއެކު ފޭނުން ބުނެފައިވަނީ ފިލްމު ބަލަން ކެތްމަދުވެފައިވާ ކަމުގައެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭދޭ" އާއި "ދްރިޝްޔަމް" ފަދަ ފިލްމުތަކަކީ އަޖޭއާއި ތާބޫގެ ކެމިސްޓްރީ ވަރަށް ރަގަޅަށް ދައްކުވައިދިން ފިލްމުތަކެކެވެ.

ފިލްމު "ވިޖޭ ޕަތް" އިން މި ޖޯޑަށް އޮން ސްކްރީން މަގުބޫލުކަން ލިބިފައިވާއިރު މިއީ ދެތަރިން އެކީގައި ފެނިގެންދާ 9 ވަނަ ފިލްމުމެއެވެ.

އަޖޭގެ ކުރިޔަށްހުރި ފިލްމުތަކަށް ބަލާއިރު "ތޭންކް ގޯޑް"، "މައިދާން"، "ދްރިޝްޔަމް 2" އަދި "ސިންގްހަމް 3" ހިމެނެއެވެ.