ބ. ދަރަވަންދޫގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު ހަރަކާތްކަމުގައިވާ ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް އަނެއްކާވެސް ވީމީޑިއާ ހަމަޖައްސައިފިއެވެ.
މިއީ ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ވީމީޑިއާ ހަމަޖެއްސި މިއީ ދެވަނަ ފަހަރެވެ. އެގޮތުން މި ނަމުގައި ދަރަވަންދޫގައި އެންމެ ފުރަތަމަ ފުޓްސަލް މުބާރާތް 2021 ވަނަ އަހަރު ބޭއްވިއިރުވެސް، އެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީވެސް ވީމީޑިއާ އެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވީމީޑިއާ ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް، އަލީ ސަމީހް ވަނީ އަނެއްކާވެސް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވީމީޑިއާ އިޚްތިޔާރުކުރި ސަބަބު ހާމަކޮށްދެއްވާފައެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ނަމުގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު މުބާރާތެއް ބާއްވާ ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މިފަހަރުގެ މުބާރާތުގައި އިތުރު ފުރިހަމަކަމެއް ފެނިގެންދާނެކަމުގެ ޔަގީންކަން ސަމީހް ވަނީ ދެއްވާފައެވެ. ސަމީހް ވިދާޅުވީ މިފަހަރުގެ މުބާރާތުގައިވެސް އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން މުބާރާތް ކުރިއަށް ގެންދާއިރު، ފައިސާގެ އިނާމަށްވެސް ކުރިއެރުންތަކެއް އައިސްފައިވާނެ ކަމަށެވެ. އަދި ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ މުބާރާތުގައި ރަށުން ބޭރު ކުޅުންތެރިންނަށް ފުރުސަތު ނުދެވުނު ނަމަވެސް، މިފަހަރުގެ މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކު ޖެހުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސަމީހް ވިދާޅުވިއެވެ. އަދި މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ހަވީރު ގަޑީގައި ސްކޫލް ކުދިންނަށް ހާއްސަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަންވެސް ސަމީހް ފާހަގަކުރެއްވިއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ 8 ޓީމަކަށް ފުރުސަތުދީ، އެ 8 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖުގެ މެޗުތަކެއް ކުޅެ، އެއަށްފަހު ސެމީ ފައިނަލް އަދި ފައިނަލް މެޗު ކުޅޭ ގޮތަށެވެ. "ވީނިއުސް" އާއި ވާހަކަދައްކަވަމުން ސަމީހު ވިދާޅުވީ، މުބާރާތުގައި އަދި ފުރުސަތު ދޭގޮތަށް އޮތީ ރަށުން އެކުލަވާލާ ޓީމުތަކަށް ކަމަށާއި، އެހެންނަމަވެސް އެ އަދަދަށް ޓީމުތައް ހަމަނުވާނަމަ ރަށުން ބޭރު ޓީމުތަކަށްވެސް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ރަށުގެ ގިނަ ޒުވާނުންތަކެއް މި މުބާރާތަށް އިންތިޒާރު ކުރަމުންދާކަން ފާހަގަކުރައްވާ ސަމީހު ވިދާޅުވީ، ރަށު ކައުންސިލް އަބަދުވެސް ތިބޭނީ ރަށުގެ ޒުވާނުންނާއި އެކުގައި ކަމަށާއި، މިފަދަ އެތައް މުބާރާތެއް، ފުޓްސަލް ނޫނަސް އެހެން ކުޅިވަރުތަކުންވެސް ބާއްވާނެ ކަމަށެވެ. އަދި މި މުބާރާތަކީވެސް ދަރަވަންދޫ ރައްޔިތުންގެ އުންމީދުތަކަށްވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދާނެ މުބާރާތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ސަމީހު ދެއްވިއެވެ.
މުބާރާތް ކުރިއަށް ދާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެންނެވެ. އަދި މުބާރާތް ކުރިއަށް ދާނީ ކިހާ މުއްދަތަކަށްކަން އެނގޭނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރުވުމުން ކަމަށް ސަމީހު ވިދާޅުވިއެވެ. އަދި މުބާރާތް ފެށުމަށްފަހުގައި ކޮންމެ ދުވަހަކުވެސް އަންހެން ޑިވިޝަނުގެ މެޗަކާއި ފިރިހެން ޑިވިޝަނުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަން ސަމީހު ފާހަގަކުރެއްވިއެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ދެވަނަ ފަހަރަށް ވީމީޑިއާ ހަމަޖެހިގެން ދިއުމާއި ގުޅިގެން ވީމީޑީއާގެ ސީއޯއޯ މުހައްމަދު ޒަހީން ވިދާޅުވީ، މިފުރުސަތު ލިބުމުން ނުހަނު އުފާވާ ކަމަށެވެ. އަދި ވީމީޑިއާ އާއި ދަރަވަންދޫގެ ރައްޔިތުންނާއި ދެމެދު އޮތް ގާތް ގުޅުމަކީ މި ދެއަހަރުގެ ތެރޭގައި އުފެދުނު ގުޅުމެއް ނޫން ކަމަށާއި، މިއީ މީގެ އެތައް އަހަރުތަކެއް ކުރިން ގާއިމްވެފައިވާ ހާއްސަ ގުޅުމެއް ކަމަށެވެ.
2017 ވަނަ އަހަރުން ފެށިގެން ދަރަވަންދޫ ކައުންސިލުން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް 2021 ވަނަ އަހަރާއި ހަމައަށް ބާއްވާފައިވަނީ ޔޫތް ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ނަމުގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތުގައި ކޮންމެ ޑިވިޝަނެއްގައި ފަސް ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސްއެވެ. އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފެލްކަން ޔުނައިޓެޑެވެ.
މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވީމީޑިއާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތާއި މެޗުތަކުގެ އަދާހަމަ އެންމެ ތާޒާކޮށް ވީމީޑިއާގެ އެކި މަންސަތަކުން ފެންނާނެއެވެ. އަދި މުބާރާތުގެ ދެ ޑިވިޝަނުގެވެސް ފައިނަލްމެޗު ވީމީޑިއާގެ ވީޓީވީ އިން ލައިވްކޮށް ގެނެސްދޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު 4 ސެޕްޓެމްބަރުން ފެށިގެން ދަރަވަންދޫ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.