"މި ބަލާލަނީ..."އޭ ބުނެ ފޯން ބާއްވާ މީހާ ބަޚަބަރެވެ. ޚަބަރު ހުސްވީ ކަމަށް ހީކޮށް ދެން ގުޅާލީމާ ފޯނެއް ނުނަގައެވެ. ފޯން ބިޒީކޮށްލާނެއެވެ. ނޫނީ ގުޅާޖަން އެނގޭ ކަމަށްވެސް ނުހަދައި ފޯނު އޮތް ތާކު ބާއްވާނީއެވެ.
މި ދައްކަނީ ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ނޫނީ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައި ތިބޭ މީޑިއާ އޮފިޝަލުންނާއި ތަރުޖަމާނުންގެ ވާހަކައެވެ. ސަރުކާރުގެ ވުޒާރާތަކާއި މުވައްސަސާތަކާއި އަމިއްލަ އޮފީސްތަކުން މައުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ދެންނެވި މީޑިއާ އޮފިޝަލުންނާއި ތަރުޖަމާނުންގެ ފަރާތުން މައުލޫމާތެއް ހޯދަން އުޅެން ޖެހޭ ހާލެވެ.
ގިނަ ފަހަރު ފޯނަށް ޖަވާބެއް ދެވޭ ވަރު ވާނީ ގުޅާ މީހަކު ގުޅާގުޅާ ނިދި ތާއްޔަށް ޖެހޭހާ އިރު ފަހުންނެވެ. ފޯނު ނެގިޔަސް ގިނަ ފަހަރު ކުރާ ސުވާލަށް ދޭނެ ޖަވާބެއް ނޯވެއެވެ. "މި ބަލާލަނީ..." "ޗެކް ކޮށްލަންޖެހޭނީ..." "މައުލޫމާތު ސާފުކޮށްލާފައި އެބަ ގުޅާލަން" މި ފަދަ އިބާރާތްތަކާއެކު ދެން ފޯނު ބާއްވަފާނެއެވެ. މައުލޫމާތު ސާފުކުރުމަކީ މައްސަލައެއް ނޫނެވެ. ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު ވަގުތުން ނުދެވިދާނެއެވެ. އެ މައުލޫމާތު މީޑިއާ އޮފިޝަލަށް ނޭނގިދާނެއެވެ. އެކަމަކު މައްސަލައަކަށް ވާ ހިސާބަކީ އެ ބުނާ މައުލޫމާތެއް ސާފުކޮށް، އެކޮޅުން ގުޅާތޯ އިނދެއިނދެ ދުވަހުގެ މަސައްކަތް ނިންމައި ނޫސްވެރިޔާ އޮފީހުން ގެއަށް ދާއިރު ވެސް "ކޯލް ބެކެއް" ނުލިބޭ ހިސާބެވެ. ހަނދާންކޮށްދޭން ގުޅައިފި ނަމަ ދެން ފޯނު ނުނަގާނެއެވެ. "ކޯލް ބެކް" ލިބުނު ނަމަވެސް ލިބޭނީ ޚަބަރުގެ އަލާ ކެނޑޭހާ ފަހުނެވެ.
ވަރުވަރުން ތަންތަނަށް އައްޔަންކުރާ މީޑިއާ އޮފިޝަލުންގެ ހާލަތު މިއީ ކަމާމެދު ނޫސްވެރިންގެ ތެރޭގައި ދެބަސްވާނެ މީހަކު އުޅޭނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެފައި ވަނީ ނޫސްވެރިންގެ ޒިންމާއަކަށް ވާނީ، ޤައުމުގެ ކޮންމެ ކަމެއްގައި ވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުންކަމުގައެވެ. އެގޮތުން އިޖުތިމާޢީ ބޮޑެތި މައްސަލަތައްކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާއި، ހަރުކަށި ފިކުރުގެ މައްސަލައަކީ ވެސް އެ މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ދެ ދާއިރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެކަމަކު އެކަން އެންމެ ރަނގަޅަށް ކުރާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ މައްސަލަތަކާ ގުޅިގެންވެސް މައުލޫމާތެއް ސާފުކުރުމަށް ގުލާލީމާ ކަމާ ބެހޭ މުވައްސަސާތަކުގެ މީޑިއާ އޮފިޝަލުން/ މީޑިއާ އޮފިސަރުންގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. ލިބުނަސް އެއީ އެތައް ތަކުލީފެއް އުފުލުމަށް ފަހުއެވެ.
ޒަމާނީ ޑިމޮކްރެސީއެއްގައި ނޫސްވެރިންގެ ދައުރާއި ޒިންމާދާރު ނޫސްވެރިކަން މުހިންމެވެ. އެކަން ކުރެވޭނީ އާންމުންނާއި ވުޒާރާތަކާއި މުވައްސަސާތަކުން ވެސް މީޑިއާތަކާއި ނޫސްވެރިންނަށް އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.
ނޫސްވެރިއެއްގެ ޒިންމާ އަދާކުރަން ނުކުންނަނީ ޤައުމު ބިނާކުރުމުގެ ވިސްނުމާއެކު، އެގޮތުގައި ކުރިއަށްދިއުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. މައްސަލަތައް ހައްލުކުރުމަށް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ ނިޔަތުގައެވެ.
އެކަމަކު މިކަން ކުރުމުގައި ރާއްޖޭގައި ހުރި ގިނަ ގޮންޖެހުންތަކުގެ ތެރެއިންވެސް މީޑިއާ އޮފިޝަލުންގެ އަނގަމަތީ ބަސް ކަމަށް ވާ "މި ބަލާލަނީ..." ފާހަގަވެއްޖެއެވެ. އެކަން ފާހަގަ ވީމާ ހަމަ ބުނެލީއެވެ. ރަނގަޅު ހެޔޮ ބަދަލެއްވެސް އަންނާނެ ކަމަށް ހިތައިގެނެވެ.
ތިބުނާ އޮފިޗަލުން އެހެންނު ބުނާނީ އެމީހުންނަކީވެސް ސިސާީ އެޕޮއިންޓީސް ވިއްޔަ. ދެން ވާނެ އިތުރު ގޮތެއް ނޯންނާނެ