ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ މަހުގެ ތެރޭގައި ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން، އެފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމުގެ މަސައްކަތް އަދިވެސް ނުފެށޭކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.

ރާއްޖޭގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން އިޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުމުގެ ދިރާސާ އަދިވެސް ކުރަން ނުފެށޭ ކަމަށެވެ.

މިކަމުގެ ސަބަބުން ފަރަށް ގެއްލުންވިތޯ ބަލަން ފަށާނެކަމަށް އީޕީއޭ އިން ބުނެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފަރަށް އަރާފައިވަނީ 16 ވަނަ ދުވަހުއެވެ.

ޕްލެޓްފޯމް ވިލިމާލެ ފަރުން ނަގާފައިވަނީވެސް މި ހާދިސާ ހިނގިތާ އެތައް ދުވަހެއްފަހުން އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުންކުމުގެ މަސައްކަތްކޮށްފައިވަނީ ބްރިޖް އިމާރާތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮން ކުންފުނިންނެވެ.

އެފްކޮއިން ޕްލެޓްފޯމް ފުންކޮށްފައި މިވަނީ އެކަމާމެދު ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ޕްލެޓްފޯމް ފަރަށް އުރުނުތާ އެތައް ދުވަހެއް ވީއިރުވެސް އޭތި ފުންކުރުމުގެ މަސައްކަތް އެކުންފުނިން ކޮށްފައިނުވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ޕްލެޓްފޯމް ނަގާނެ ކަމަށް އެފްކޮން އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފްކޮން އިން ފުރަތަމަ ބުނީ އެމަހުގެ 25 ވަނަ ދުވަހު ޕްލެޓްފޯމް ނަގާނެ ކަމަށެވެ.

ނަމަވެސް އެކުންފުނިން ދިން ތާރީހު ފަހަނައަޅައި ދިޔައިރުވެސް ޕްލެޓްފޯމް ފުންނުކުރެވުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް އެފްކޮންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިމަހުގެ 27 ވަނަ ދުވަހު އީޕީއޭގެ ޑައިރެކްޓަރ އިބްރާހީމް ނައީމް "ވީނިއުސް" އަށް ވިދާޅުވީ، އެފްކޮންއިން ޕްލެޓްފޯމް ފުންކޮށް، ރެކްތައް ނެގުމުގެ މަސައްކަތް އެއްކޮށް ނިންމާލުމުން އެކަމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ސަރވޭއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ޕްލެޓްފޯމް ނެގިތާ ދުވަސްތަކެއް ފާއިތުވެފައިވާއިރުވެސް، މި ދިރާސާ ކުރަން އަދިވެސް ނުފެށި ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ކުރަން ޖެހޭ މަސައްކަތް އަދިވެސް ނުކުރާތީ ކަމަށް ނައީމް ވިދާޅުވެފައިވެއެވެ.

އެގޮތުން އެ ޕްލެޓްފޯމު ފަރަށް އެރުމުގެ ސަބަބުން ޕްލެޓްފޯމުގެ ބައެއް ތަކެތި އެ ސަރަހައްދަށް ވެއްޓުނު ކަމަށާއި ބްރިޖަށް ލިބުނު ގެއްލުން ދިރާސާ ކުރަން އެންމެ އަވަހަށް ވެސް ފެށޭނީ އެފްކޮންސްއިން އެތަން ސާފު ކުރުމުން ކަމަށް މީޑިއާ އަކާއި ވާހަކަދައްކަވަމުން ނައީމް ވިދާޅުވެފައިވެއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. 7.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް އެފްކޮން އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.