ހުޅުމާލޭގައި ވޯޓަރ ޕާކަކާއި 6 ފަންގިފިލާގެ ލެއިޝާ ހޮޓަލެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެއިޝާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، ބިން ހަވާލުކުރަން އަންގައިފިއެވެ.

އެޗްޑީސީން ބުނީ މިއެއްބަސްވުން އުވާލަން ނިންމާފައިވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގޮސް، މަސައްކަތް ނިމުމުގެ އެއްވެސް އަލިމަގެއް ފެންނަން ނެތުމުން ކަމަށެވެ.

އެއްބަސްވުން ބާތިލްކުރަން އަންގައި، އެ ކޯޕަރޭޝަނުން ސިޓީ ފޮނުވާފައިވަނީ މިމަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފޮނުވި އެސިޓީގައި ވަނީ ސިޓީ ފޮނުވި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބިން ހަވާލުކުރަން އަންގާފައެވެ.

ވޯޓަރ ޕާކުގެ މަސައްކަތް ހުއްޓިފައިވާތީ، ބިން އަތުލުމަށްޓަކައި، އެބިން ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭތޯ ބެލުމަށް ހުށަހެޅި މައްސަލަ އަވަސްކުރަން އެޗްޑީސީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައިވެސް އެދިފައެވެ.

އެއްބަސްވުން ބާތިލުކުރުމުން ވޯޓާ ފްރަންޓް ކުންފުނިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެކުންފުނީގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެއްބަސްވުމުގެ މާއްދާއަކާ މެދު ހިލާފު އުފެދިގެން މައްސަލަ ކުރިޔަށް ދަނިކޮށް އެއްބަސްވުން ބާތިލުކުރުމަކީ އެ ކުންފުންޏަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.

ނަމަވެސް، އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމުގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށްކަމުން އެފަދަ އަމުރަކަށް އިއުތިރާޒުކޮށް އެޗްޑީސީން ކޯޓުގައި ބުނީ އެފަދަ އަމުރެއް ނެރެދިނުމުން ގެއްލުން ބޮޑީ އެކޯޕަރޭޝަނަށް ކަމަށާއި، އެކަމުގައި ވޯޓާ ފްރަންޓަށް ލިބޭނެ ގެއްލުމެއް އެކުންފުންޏަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

މައްސަލާގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެޗްޑީސީން ފާހަގަކުރި ގޮތަށް ވޯޓާ ފްރަންޓް ކުންފުންޏަށް އެއްބަސްވުން ބާތިލުކުުރުމުން ލިބޭނެ ގެއްލުން ބަޔާންކުރެވިފައިނުވާ ކަމަށެވެ.

އެޗްޑީސީން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެއިޝާ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. 385.5 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް އެއްބަސްވެފައިވަނީ އެއްއަހަރު ދުވަހުގެ ތެރޭގައެވެ.