ހުޅުމާލެ އުތުރު އަވަށުގައި މި އަހަރު އަދި ދެ ސްކޫލް ހުޅުވާނެ ކަމުގެ ޔަގީންކަން ތައުލީމާ ބެހޭ ވުޒާރާގެ މިނިސްޓަރު ޑރ. އައިޝަތު ޢަލީ ދެއްވައިފިއެވެ.

އެކަމަނާ މި ކަމުގެ ޔަގީންކަން ދެއްވީ ހުޅުމާލެ އުތުރު އަވަށުގައި ހުޅުވި ފުރަތަމަ ސްކޫލް، އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ކިޔެވުން ފަށައި، ސްކޫލް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލާއި އިންވެގެން ތަރައްގީކުރަމުން އަންނަ ޕްރީ ސްކޫލް މިއަހަރު ހުޅުވޭނެ ކަމަށާއި ހިނގަމުންދާ 2022-2023 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި އިތުރު ސްކޫލެއް ކަމަށްވާ ޞަލާހުއްދީން ސްކޫލުގައި ވެސް ކިޔެވުން ފެށޭނެ ކަމަށެވެ. ޞަލާހުއްދީން ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ސާނަވީއާ ހަމައަށް ކިޔަވައިދޭން ތަރައްގީކުރާ ސްކޫލެކެވެ.

މިިނިސްޓަރު ވިދާޅުވީ ސްކޫލެއް ހުޅުވުމަކީ ޚާއްސަ މުނާސަބާއެއް ކަމަށެވެ. ސްކޫލަކުން ކިޔަވާ، އެތަނަށް ދަރިވަރުވާ ކުދީންގެ އަދަދު އެތައް ހާހަކުން ގުނޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކުދިންގެ ތެރޭގައި ގައުމަށް ބޮޑެތި ޚިދުމަތްތައް ކޮށްދޭނެ، ޒަމާންތަކަށް އެކުދީންގެ ނަން ވިދާނެ ދަރިވަރުން ވެސް ހިމެނޭނެ ކަމަށެވެ.

މިއަދު މިކުރެވެނީ ތާރީޚީ ޚާއްޞަ ކަމެއް ކަމަށާއި މިއަދު މި އިންދެނީ އެތައް ޒަމާނަކަށް އޭގެ މޭވާ ރައްޔިތުން ބިންނާނޭ މޭވާ ގަހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު އިތުރަށް ވިދާޅުވީ ކާމީލްދީދީ ސްކޫލާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި މިހާރު މާ ދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނިޓް ކޮޅަކުން ދަރިފުޅު ސްކޫލަށް ގެންދެވޭނެ ކަމަށެވެ. އަދި މިހާރު ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިއަދު ހުޅުވުނު ސްކޫލްގެ ނަން ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.

އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، ތަޢުލީމީ ވުޒާރާގެ ވަޒީރު އައިޝަތު ޢަލީ އާއި އެ ވުޒާރާގެ ބައެއް ބޭފުޅުން، އެޗްޑީސީގެ އިސްވެރިން، ސްކޫލްގެ އިސްވެރިން، ޓީޗަރުން އަދި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ.

އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ފަށާ ތަޢުލީމް މަރުހަލާގެ ކުލާސްތައް ކަމަށްވާ އެލް.ކޭ.ޖީ. އަދި ޔޫ.ކޭ.ޖީގެ އިތުރުން، ދަށު ސާނަވީ ގުރޭޑްތައް ކަމަށްވާ ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނެއެވެ.

ފަށާ ތަޢުލީމް މަރުހަލާ ނުވަތަ ފައުންޑޭޝަން ކްލާސްތައް 4 ދަންފަޅި އަކަށް ބަހާލައިގެން ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ ގުރޭޑުން ފެށިގެން 6 ވަނަ ގުރޭޑަށް ކިޔަވައިދޭނީ 2 ދަންފަޅިއަކަށް ބަހާލައިގެނެއެވެ.

މި ސްކޫލް ހުޅުވުނު އިރު ރަޖިސްޓަރީ ކުރެވިފައިވާ ކުދީންގެ ޢަދަދަކީ 824 އެވެ. އަދި މުވައްޒިފުންގެ ޢަދަދު 65 އަށް އަރާއިރު އޭގެ ތެރޭގައި 47 މުދައްރިސުން، 8 އިދާރީ މުވައްޒަފުން، އަދި 10 މަސައްކަތު މީހުން ހިމެނެއެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ އުތުރުން ހިއްކި ބިމުގައި މީހުން ވަޒަންވެރިވާން ފެށިތާ އަހަރެއްވާން ގާތްވެފައިވާއިރު، ސްކޫލްގެ އިތުރުން ހޮސްޕިޓަލް އަދި ޒަރޫރީ ބައެއް ޚިދުމަތްތައް ގާއިމުވެފައި ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.