މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މިބައްދަލް ކުރެއްވުމުގައި، އޭދަފުށީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި، ކައުންސިލާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތައް އެރަށު ކައުންސިލުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާ ކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކާއި އަދި ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި، މިހާރު ނުހަދާހުރި މަގުތައް ތަރައްގީކުރަން ބޭނުންވާކަމާއި އަދި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާކަންކަން އެރަށު ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެރަށަށް ހޭންޑްބޯލް ކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގައި އޭދަފުށީ ކައުންސިލާއެކު މީގެކުރިން އެމަނިކުފާނު ބޭއްވި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން ސަރުކާރުން މިހާރު ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވައިފައި ވެއެވެ.

އަދި މިއަދު އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.