ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ، ހިޔާނާތުގެ ތުހުމަތުގައި އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަން އޮތް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމަށް ވިއްސާރައިގެ އަސަރުކޮށް، ވަރަށް ބޮޑަށް ފެން ފައިބަމުންދާތީ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ރައީސް ޔާމީނުގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:30 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ. އާރަށު މައްސަލާގައި ރައީސް ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ ކުރެއެވެ.

މިމައްސަލާގައި ކުރިއަށް އޮތީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. މި ދެމީހުންވެސް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ. ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހުކުމެއް އައިސްފައިވަނީވެސް މި ދެ މީހުނަށް އެކަންޏެވެ. ހެކިބަސް ނެގުމަށް އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ޤާޟީ އަހުމަދު ޝަކީލް ޗުއްޓީ ނެންގެވުމާ ގުޅިގެން އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މިއާއެކު އަޑުއެހުން މިއަދު ހެނދުނަށް ތާވަލުކުރި ނަމަވެސް، ކޯޓު ރޫމަށް ފެން ފައިބާތީ މިއަދަށް ތާވަލުކުރި އަޑުއެހުން މާދަމާ އަދި ބުދަ ދުވަހު ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާވެސް ހިއްސާކޮށްފައިވާއިރު، އެ އިމާރާތަކީ މިހާރު ބޭނުން ކުރަން އެކަށީގެންވާ ޙާލަތެއްގައި ހުރި އިމާރާތެއް ނޫން ކަމަށް ޑީޖޭއޭއިން ބުނެއެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕްލޭނިންގ މިނިސްޓްރީންވެސް އެސެސްމަންޓެއް ހަދާފައިވާއިރު އެތަން ވީހާވެސް އަވަހަށް ހުސް ކުރުމަށް އޮތީ އަންގާފައެވެ.