މާލޭ ސިޓީގައި ސަރުކާރުން މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު އިވެން ފެށި އެއް ވާހަކައަކީ ބަސްތައް ނުކުމެ މާލޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖައްސައިފި ކަމަށް ބުނާ ވާހަކައެވެ. މިނީ ބަހާއި މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ގުޅުވައި ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ވެސް ސަރުކާރަށް ފާޑުކިޔަމުންނެވެ. އައު ކޮންމެ ޚިދުމަތަކާއެކު ވެސް ފާޑުކިޔާ މީހުން ފާޑުކިޔާނެއެވެ. އެންމެން ރުހޭ ގޮތަށް އެއްވެސް ކަމެއް ހަމަ ނުވާނެއެވެ.

އެކަމަކު ބަޔަކު މީހުން ވާހަކައެއް ދައްކާ ނަމަ ކަމުގެ ހަގީގަތް ނުބަލައި އެ ވާހަކައެއް ގަބޫލުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް އަޒުމުކަނޑައަޅައިގެން ތިބޭ ނޫސްވެރިން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން ކަމުން ދެކެވެމުންދާ ވާހައިގައި ތެދުދޮގު ހުރި މިންވަރު ދުށުމަށް ރަށު ތެރެއަށް ނުކުމެއްޖައީމެވެ.

މިއަދު ހަވީރު މާލޭގެ މަގުތަކަށް ނުކުތް ވީމީޑިއާގެ ނޫސްވެރިންނަށް ފެނުނީ ދައްކާ ވާހަކަތަކާ މުޅިން ޚިލާފު ކަމެކެވެ. ތެދެއްމެ ޓްރެފިކް ބާރު ބޮޑެވެ. ހާއްސަކޮށް މަޖީދީ މަގުގެ ހަތަރުއަނގޮޅިތަކަށް ބާރު ބޮޑެވެ. އެކަމަކު ފެންނަފެނުމަށް އެ ކަމަކާއި މިނީ ބަހަކާ ގުޅުމެއް ނެތެވެ. ފެނުނު މަންޒަރުތަކުން އެނގުނު ކަމަކީ ޓްރެފިކް ތޮއްޖެހެނީ މަގުގެ ދެ ފަރާތުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ ސަބަބުންނެވެ. ހަތަރުފުރޮޅުލީ އުޅަނދުތަކާއި ދެ ފުރޮޅުލީ އުޅަނދުތަކެވެ. މަޖީދީ މަގަކީ މާލޭގެ ހުޅަނގާއި އިރަށް ސީދަލަށް ދަތުރު ކުރެވެން އޮންނަ މަދު މަގުތަކުގެ ތެރެއިން މާލޭގެ ބޮޑު މަގެވެ. މި މަގު އޮންނަނީ ސީދާ މާލޭގެ މެދުގައެވެ. މަގު ތޮއްޖެހުމަށް ހައްލެއް ހޯދައިދިނުމަށް މި ފަހަކާ ޖެހެންދެން ވެސް މަޖީދީ މަގުގެ ބޮޑު ބައެއްގެ އެއް ފަޅީގައި އޮތީ ޕާކުކުރުުން މަނާކޮށްފައެވެ.

މާލޭގެ މަގުތަކުގެ ކާރޫބާރޫ ކުޑަކޮށް މަގުތައް އަމާންކުރުމާއެކު ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ހޯމަދުވަހުން މިނީ ބަހުގެ ޚިދުމަތް ހޯމަދުވަހު ވަނީ ފަށާފައެވެ. ޓެސްޓު ދަތުރުތައް ފުރަތަމަ ދެހަފްތާގައި ކުރަން ނިންމާފައިވާއިރު މިނީބަހުގެ ޚިދުމަތާއެކު ބަސް ދުއްވާ ރޫޓުތަކުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ފުލުހުންވަނީ ނިންމާފައެވެ. މިކަން ފެށުމަށް މާލޭގެ ބާރު ބޮޑު މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި ޕާކުކުރުން އޮތީ މަނާކޮށްފައެވެ. ރާއްޖެ ޓްރާސްޕޯޓް ލިންކު (އާރްޓީއެލް)ގެ ދަށުން މި ޚިދުމަތް ދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެދުމަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހަތަރު މަގެއްގައި ޕާކުކުރުން މަނާކުރުމަށް ނިންމައިފައެވެ. އޭގެ ތެރެއިން މަޖީދީ މަގުގައި ޕާކުކުރުން މި މަހު 14 އިން ފެށިގެން މަނައެވެ.

އެހެން ނަމަވެސް އަދި ވެސް ފެންނަނީ އާންމުންގެ ބަޔަކު ފަރުވާކުޑަކުރާތަނެވެ. ނޫނީ ގޮތް ދޫނުކުރާ މަންޒަރެވެ. މަޖީދީ މަގުގައި ޕާކުކުރުން މަނާ ނަމަވެސް ރީނދޫ ރޮނގު ދެމި މަގުގެ އަރިމަތީގައި އެ ހުރީ އުޅަނދުތައް ޕާކުކޮށްފައެވެ. ޕާކުކުރުން މަނާކުރި ނަމަވެސް، އަދިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން މަޖީދީ މަގުގައި ޕާކު ކުރެއެވެ. ހަމަ އެ ގޮތަށް ބޮޑެތި މަގުތަކުގެ ތެރެއިން ޕާކުކުރުން މަނާކުރަން ނިންމި އަމީނީ މަގުން ވެސް ފެންނަނީ އެއް މަންޒަރެކެވެ. މިއަށް ކިޔަނީ ބަސް ނޭހުމުގައި ނަމޫނާ ދެއްކުމެވެ. ޕާކުކުރުން މަނާ ތަންތަން ފާހަގަކުރުމަށް އާންމު ގޮތެއްގައި ދުވާރުގެ އަރިމަތިން މަގުމަތީގައި ދަމާފައި ހުންނަނީ ރީނދޫ ކުލައިގެ ދެ ރޮނގެވެ. ބައެއް ފަހަރު އެންމެ ރޮޮނގެކެވެ.

މި ދިޔަ މަހު މުޅި މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށް، އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެންގުމަށް "ނޯ ޕާކިން" ކޯން ވަނީ ބަހައްޓައިފައެވެ. ހަމަ އެ ގޮތަށް އަމީނީ މަގުގައި ވެސް ޕާކްކުރުން މަނާކަން އަންގައި ފުލުހުން އަންނަނީ ކޯންތައް ބަހައްޓަމުންނެވެ.

މަޖީދީ މަގު --- -ފޮޓޯ: ނިޝާން އަލީ

މަޖީދީ މަގުގައި ކުރިއްސުރެ ވަނީ ބޮޑު ތިން ޕާކިން ސަރަހައްދެއް ހަދައިފައެވެ. އެއީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިންއެވެ. އަމީނީ މަގުން އެ ގޮތަށް ހަދާފައި ވަނީ ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި ބިލަބޮންގް ސްކޫލު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ޕާކިން ޒޯނާއި ކޭއެފްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެވެ. ނަމަވެސް ޕާކިން ޒޯންގައި ޖާގަ އޮއްވާ ވެސް ޕާކު މި ކުރަނީ މަނާ ސަރަހައްދުގައެވެ. ކޮންމެ ގޮތެއްވިޔަސް މިއީ އޮޅުމަކުން ނޫނީ ނޭނގިގެން ކުރާ ކަމެކޭ ބުނެވޭކަށް ނެތެވެ. އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރަނީ މި ގަވާއިދުތައް އެނގޭ މީހުނަށެވެ. ނޫންތޯއެވެ؟

މަގުމަތީގެ ގަވާއިދުތައް ހިމެނޭހެން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަކީ އާންމު މަސްލަހަތު އޭގައި ހިމެނޭ ކަންކަމަށް ވީއިރު، ފަރުދުންގެ މަސްލަހަތަށް އިޚްތިރާމްކުރުމުގެ ގޮތުން ގަވާއިދުތަކާއި އުސޫލުތަކަށް ބޯލަނބައި ޢަމަލުކުރުމަކީ ހަމަ ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެކެވެ. ޒިންމާދާރު ނުވެވިއްޖެ ނަމަ އެއީ މުޅި މުޖުތަމައަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.

މަގުމަތީގައި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމަށް އަދި ޕާކު ކުރުމަށް ވެސް ގާނޫނުތަކާއި ގަވާއިދުތަކެއް އެކުލަވާލައި ތަންފީޒުކުރަމުން އަންނަނީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާއި ހެވަށެވެ. އެހެން ނަމަވެސް، ހިތި ހަގީގަތަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ދެންނެވި ގާނޫނުތަކާއި ގަވާއިދުތަކަށް ހުުރުމަތްތެރިކޮށް ނުހިތާކަމެވެ. މި ކަމުގެ ތަކުލީފު ދެންތިބި ރައްޔިތުން އުފުލަންޖެހޭތީއެވެ.