ވެރިރަށް މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް އެއް ރޭޓަކުން ވިޔަފާރިތަކަށް ކަރަންޓު ބިލް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. ޝިޔާން ހުށަހެޅުއްވި ޤަރާރަކީ، ސްޓެލްކޯ އާއި ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްމުން ގެންދާ ރަށްރަށާއު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުން ގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލާ، އެކަން ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

އެ ގަރާރު ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އއ، އދ، ކ އަދި ވ. އަތޮޅުގެ ރަށްތަކާއި އަދި ފެނަކައިން ހިދުމަތް ދޭ ރަށްތަކުގައި ވިޔަފާރިތަކަށް ކަރަންޓު ބިލުކުރާ ވަރު ވަރަށް ބޮޑު ކަމަށެވެ. މިކަމުގެ ޝަކުވާ އެ ސަރަހައްދުގައި ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތައް އަދި ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރިކުރާ ފަރާތްތަކުން ކުރާ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ކަރަންޓު ބިލްކުރާ ރޭޓާއި ބޭންޑް ކުރާ އަގު ބޮޑުތަނުން މަތިވުމާއި ގުޅިގެން މި ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް، އެ ވިޔަފާރިން ލިބެންޖެހޭ ފުރިހަމަ ނަފާ އާއި ފައިދާ ނުލިބޭކަމުގެ ޝަކުވާތައް އެ ވިޔަފާރިވެރިން ކުރަމުން ގެންދާކަން ޝިޔާން ފާހަގަކުރެއްވިއެވެ.

ޝިޔާން ވަނީ މި ރޭޓުތަކުގައި ހުރި ތަފާތުވެސް މަޖިލިސް ތަޅުމުގައި ހިއްސާކުރައްވާފައެވެ. އެގޮތުން މާލޭގައި 0-100 ޔުނިޓާއި ދޭތެރޭގައި ބިލްކުރަނީ 3.30 ރުފިޔާ އަދި 101-300 އާއި ދެމެދު ޗާޖު ކުރަނީ 3.35 ރުފިޔާ ކަމަށް އަދި 301-500 އާއި ދެމެދު 3.65 ރުފިޔާ ޗާޖުކުރާ ކަމަށާއި، 501-600 ޔުނިޓާއި ދެމެދު 4 ރުފިޔާ، 601 ޔުނިޓުން 3000 ޔުނިޓާއި ދެމެދު 4 ރުފިޔާ 35 ލާރި އަދި 3001-10،000 ޔުނިޓާއި ދެމެދު 5 ރުފިޔާ 75 ލާރި އަދި 10،000 ޔުނިޓަށްވުރެ މަތިން ނަމަ ޗާޖުކުރަނީ 6 ރުފިޔާ 65 ލާރިކަން ޝިޔާން ފާހަގަކުރެއްވިއެވެ.

އަދި އަތޮޅުތެރޭގެ ރަށްތަކުގައި 0-100 ޔުނިޓާއި ދެމެދު 3.25 ރުފިޔާ، 101-200 އާއިދެމެދު 3.75 ރުފިޔާ، 201-300 ޔުނިޓާއި ދެމެދު 4.75 ރުފިޔާ އަދި 300 ޔުނިޓަށްވުރެ މަތިންނަމަ 6 ރުފިޔާ ޗާޖު ކުރާކަން ޝިޔާން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރަށްރަށުގައި ވެސް ވިޔަފާރިތަކަށް އެއް ރޭޓަކުން ކަރަންޓަށް ބިލުކުރަން ޝިޔާން ގޮވާލެއްވި އެވެ. އަދި ރޭޓްތައް އެއްވަރު ނުކުރެވޭނަމަ ކުދި ވިޔަފާރިތަކަށް ޓެކްސްގެ ލުއި ފަސޭހައެއް ދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

ޝިޔާން ވަނީ އެމްޑީޕީން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އަދި ކައުންސިލް އިންތިޚާބުގައި ކުރި ކެމްޕެއިން ދަތުރުތަކުގައިވެސް، ދަތުރުކުރާ ރަށްތަކުން ދިމާވާ ވިޔަފާރިވެރިން މިކަމުގެ ޝަކުވާ ހިއްސާކުރިކަން ހަނދާން ކޮށްދެއްވާފައެވެ. އަދި ވިޔަފާރިތަކުން ޓެކްސް ދެއްކުމުގައި މާލެއާއި އަތޮޅުތެރޭގައި ތަފާތުތަކެއް ނެތްއިރުގައި، ކަރަންޓުގެ ޚިދުމަތުން އެ ތަފާތު ފެނުން އެއީ ކަންބޮޑުވުންތަކެއް ހުރިކަމެއްކަން އެފަރާތްތަކުން ފާޙަގަކުރާކަމަށް ޝިޔާން ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބާއި އަދި މަޖިލިސް އިންތިޚާބާއި، އަދި ކައުންސިލް އިންތިޚާބުގަ ކެމްޕެއިނުގައިވެސް މި ރަށްރަށަށް ކުރާ ދަތުރުތަކުގައި ވިޔަފާރިވެރިން، ހާއްސަ ގޮތެއްގައި ކުދި ވިޔަފާރިވެރިން ކުރާ އެންމެ ބޮޑު ޝަކުވާ އަކީ ކަރަންޓާ ފެނަށް އެ ބޭފުޅުން ކުރަންޖެހޭ ޚަރަދު ބޮޑުކަން. ތިން ކޮޓަރި ހަތަރު ކޮޓަރީގެ ގެސްޓް ހައުސެއް ހިންގާ ފަރާތަކަށް، ކަރަންޓު ބިލާ ފެން ބިލް ދައްކާފަ ދެން އިތުރަށް މުވައްޒަފުންނަށް މުސާރަ ދީފަ، ރައްކާ ކުރާނެ އެއްޗެއް ނޯވެޔޭ. ލޯނު ދެއްކޭނެ ގޮތެއް ނެތްވާހަކަ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ދެންނެވިގޮތަށް، ދައުލަތުންދޭ ޚިދުމަތެއް، އެ ޚިދުމަތްދޭއިރުގައި ގްރޭޓަރ މާލެ އެކޭ ރަށްރަށެކޭ މިކަމުގަ ހަމަހަމަވާން ޖެހޭނެ ވިޔަފާރިތަކަށް. މި ތަފާތުކުރުން ނައްތާލުމަކީ އެ ބޭފުޅުން ދެކޭގޮތުގައި މުހިންމު ކަމެއް. މާލޭގަ ދައްކާ މިންވަރަކަށް އެ ބޭފުޅުންވެސް ޓެކްސް މި ދައްކަވަނީ".
ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާން

މި ޤަރާރަށް ބަހުސް ކުރައްވަމުން މަޖިލީހުގެ އެހެން ބައެއް މެމްބަރުންވެސް ވަނީ މިކަމުގައި އަތޮޅުތެރެއާއި މާލެ އާއި އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ތަފާތު ހުރުން އެއީ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ބަހުން ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިކަމާއިމެދު ވާހަކަދެއްކެވި ގޮތް ތަފާތެވެ.

"ހުށަހެޅިފައި މިވާ ގަރާރުގައި، ކަރަންޓު ފޯރުކޮށްދިނުމުގައި އަތޮޅުތެރެ އާއި މާލެއާއި ބިލް ކުރުމުގެ ބޭންޑު އެއްވަރުކުރުމުގެ ކަންތައް އަޅުގަނޑަށް ފެންނަނީ އަދި މިއަށްވުރެވެސް ރަނގަޅު ކޮށްލަން. މާލޭގައި، ކެޕިޓަލް ސިޓީގައި ދިރިއުޅޭނީ ވަރަށް ކެރިފޯރުންތެރި ބޭފުޅުންކަމަށް ބަލާ، އަތޮޅުތެރޭގައި ތިއްބެވި އިއްޒަތްތެރި ރައްޔިތުންނަށް މާލެއަށްވުރެ އަދި ކުޑަ ތަންކޮޅެއް، ބޭންޑުގެ ގޮތުން ތިރިކުރުން. އެއީ ސަރުކާރުގެ ވަޒީފާތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައްވެސް އަތޮޅުތެރޭގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންނަށް ލިބުމުގެ ފުރުސަތު ކުޑަވެފަ، މިހާތަނަށް އޮތީތީވެ އެއީ އަޅުގަނޑުމެން ކޮންސިޑާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން".
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

މާލޭގައި ވިޔަފާރި ކުރައްވާ ރައްޔިތުންނަށްވުރެ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތުގެ އަގު ކުޑަކޮށްދޭންޖެހޭ ކަމަށް ހުސެއިން ޝަހީމް ވިދާޅުވެފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ހުރި ތަފާތުތައް ނައްތާލުމަށް ގިނަބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.