ގްރީން ފަންޑުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 883 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިހާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު، ގްރީން ފަންޑަށް 61 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ގްރީން ފަންޑުން ކުރިޔަށް ގެންދާ މަޝްރޫއުތަކަށް 23 މިލިއަން ރުފިޔާގެ ހަރަދު ކޮއްފައިވެއެވެ.

ގްރީން ފަންޑުން ހޭދަކޮށްގެން ޖުލައި މަހު 38 މަޝްރޫއެއް ހިންގާފައިވާއިރު، ހއ.މަރަންދޫގައި ފެނާއި ނަރުދަމާގެ ނިރާމް ގާއިމް ކުރުމުގެ މަޝްރޫއާއި، ރާއްޖޭގައި ބަނދަރު އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ފާހަގަ ކޮއްލެވެއެވެ. މިއީ އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ 2 މަޝްރޫއެވެ.

އެގޮތުން މަރަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް 4،626،656 (ހަތަރު މިލިއަން ހަލައްކަ ސައްބީސްހާސް ހަސަތޭކަ ފަންސާސް ހަ ރުފިޔާ)، އަދި ރާއްޖޭގައި ބަނދަރު އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއަށް 34،468،638 (ތިރީސް ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސްއަށްހާސް ހަސަތޭކަ ތިރީސް އަށް ރުރިޔާ) ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން، ޖުލައި މަހު ގްރީން ޓެކުހުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ނަގާފައިވަނީ ކ. އަތޮޅުންނެވެ. އެއީ 22،094،859 (ބާވީސް މިލިއަން ނުވަދިހަ ހަތަރުހާސް އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ.

ގްރީން ފަންޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނެގޭ ގްރީން ޓެކްސްއަށް ލިބޭ ފައިސާ ޖަމާކުރާ ފަންޑެވެ.

ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރު އަދި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރު ގްރީން ޓެކްސްގެ ނަމުގައި ނަގަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ.

ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.